ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅާއި ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު 1،996 ފަރާތަކަށް މިހާތަނަށް ބިން ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، ގުޅިފަޅުން ލިބިފައިވާ ގޯތި ހަވާލުކުރިކަމުގެ ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭނެއެވެ. އަދި ތިލަމާލެ ބްރިޖް މަޝްރޫއަށާއި އެކި ބޭނުންތަކަށް ދޫކޮށްފައިވާ ސަރަހައްދުގައި ހިމެނޭ ގޯތިތައް، އެ ބިންތައް ހުސްކުރެވުނުހާ އަވަހަކަށް ހަވާލުކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ގުޅިފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 3،548 ޕްލޮޓުގެ ތެރެއިން މިހާތަނަށް 3،086 ރަޖިސްޓަރީ ވަނީ ދޫކޮށްފައެވެ. މިއީ ރަޖިސްޓަރީ ހަވާލުކޮށް ނިމިފައިވާ ނިސްބަތަށް ބަލާއިރު 87 އިންސައްތައެވެ. މީގެ އިތުރުން، ބިން ހަވާލުކުރެވިފައިވާ އަދަދަކީ 1،393 ކަމަށާއި، އެއީ ބިން ހަވާލުކޮށް ނިމިފައިވާ ނިސްބަތުގެ 39.3 އިންސައްތަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށް މިނިސްޓްރީން ބުނީ، ގޯތީގެ ރަޖިސްޓަރީއާ ހަވާލުވުމުން، އެ ފަރާތްތަކަށް ލިބިފައިވާ ބިމުގެ ސަރަހައްދު ސާފުކޮށް، ބިމުގެ އިން ވަކިކުރުމަށްފަހު ބިމާ ހަވާލުވުމަށް އައުމަށް އަންގާނެ ކަމަށެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 698 ޕްލޮޓެވެ. މީގެ ތެރެއިން މިހާތަނަށް 641 ރަޖިސްޓަރީ ދޫކޮށްފައިވާއިރު، މިއީ 92 އިންސައްތައެވެ. އަދި ބިން ހަވާލުކުރެވިފައިވާ އަދަދަކީ 603 ކަމަށްވާއިރު، މިއީ ބިން ހަވާލުކޮށް ނިމިފައިވާ ނިސްބަތުން ބަލާނަމަ 86 އިންސައްތައެވެ.