ބިންވެރިޔާ ސްކީމްގެ ދަށުންގެ ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ބިން ހަވާލު ކުރިކަމުގެ ލިިޔުން އޮންލައިންކޮށް ދޫކުރަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ކުރީގެ ސަރުކާރުން ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި، މާލޭ ރައްޔިތުންނަށް ގޯތި ދީ ރަޖިސްޓްރީ ހަވާލުކޮށްފައިވަނިކޮށް، މި ސަރުކާރުން ވަނީ އެތަނުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅައިފައެވެ. މި ބަދަލާ ގުޅިގެން އަލުން ގުރުއަތު ނަގައި، އެ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހައުސިން މިނިސްޓްރީން އެކްސްގައި އާއްމުކުރި ވީޑިއޯއެއްގައި ބުނި ގޮތުގައި ގޯތި ހަވާލުކުރިކަމުގެ ލިޔުން ހޯދުމަށް މިހާރު ބޭނުން ކުރަން ޖެހޭނީ ހިޔާވަހި ޕޯޓަލްއެވެ. މި ޕޯޓަލްއަށް އީފާސް މެދުވެރިކޮށް ލޮގިން ކުރުމަށްފަހު، ގޯތި ހަވާލުކުރުމާ ގުޅޭ ބަޔަށް ޒިޔާރަތްކުރުމުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ފަރާތެއްގެ ގޯތީގެ ތަފްސީލުތައް ބަލައިލެވޭނެ ކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް ގޯތި ހަވާލުކުރިކަމުގެ ލިޔުން ޑައުންލޯޑް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ޑިޖިޓަލްކޮށް ލިބޭ މި ލިޔުމުގައި ގޯތި އޮތް ސަރަހައްދު ޔަގީންކުރުމަށް ކިއުއާރް ކޯޑަކާއި ހާއްސަ ލިންކެއް ހިމެނިފައިވާނެ ކަމަށާއި އެ ކޯޑު ސްކޭން ކުރުމުން ނުވަތަ ލިންކަށް ފިއްތާލުމުން، ގޯތި އޮތް ތަން މެޕުން ފެނިގެންދާނެ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ މި ލިޔުން ޑައުންލޯޑް ކުރެވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. އަދި ވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދުތަކުގައި ހިމެނޭ ގޯތިތަކުގެ ލިޔުންތައް ދޫކުރާނީ އެ ސަރަހައްދުގެ މަސައްކަތްތައް ނިމުމުންކަމަށްވެސް މިނިސްޓްރީން ބުންޏެވެ.