ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެންބަރު ޒަކަރިއްޔާ ހުސައިން އާއި އިބްރާހީމް ޝަހީގު ކޮމިޝަނުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދެންމެ ފާސްކޮށްފިއެވެ.

އެ ކޮމިޝަންގެ މެންބަރުކަމުން، އެ ހަތަރު ބޭފުޅުުން ވަކި ކުރުމަށް ކޮމިޓީިން ފާސްކުރީ، ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން ވަކިކުރުން ފަދަ މައްސަލަތަކާ ގުޅިގެންނެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެ ބޭފުޅުން ކޮމިޝަނުން ވަކި ކުރުމަށް ވޯޓަށް އެއްސެވީ ވަކި ވަކިންނެވެ.

ކޮމިޝަންގެ ރައީސާއި މެންބަރު ޒަކަރިއްޔާ އާއި ޝަހީގު ވަކިކުރަން ފާސްކުރީ ކޮމިޓީގައި ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުން ވޯޓު ދެއްވައިގެންނެވެ. ކޮމިޝަންގެ ނާއިބު ރައީސް ވަކިކުރަން ފާސްކުރީ ނުވަ މެންބަރުންގެ ތެރެއިން ފަސް މެންބަރުން ވޯތު ދެއްވައިގެންނެވެ.

ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ފާތުމަތު އާމިރާ ވަކިކޮށް ދެން ތިއްބެވި ހަތަރު މެންބަރުން ވަކި ކުުރުމުގެ މައްސަލައިގައި ކޮމިޓީގެ މެންބަރު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ ހިތްހަމަ ނުޖެހުން ފާޅު ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ، އާމިރާ ކޮމިޝަންގެ މެންބަރުކަމަށް ވަޑައިގެންނެވިފަހުން އެ ކޮމިޝަނުން މުވައްޒަފުން ވަކި ކުރުން ފަދަ ކަންތައް ކޮށްފައިވަނީ އާމިރާވެސް އިންނަވައިގެން ކަމަށާއި، އެކަމާ ބެހޭގޮތުން އެއްވެސް ޝަކުވާއެއް ކޮމިޓީއަށްވެސް މަޖިލީހަށްވެސް އާމިރާ ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.

އެހެންކަމުން އާމިރާއާ އެކު ކޮމިޝަންގެ ފަސްމެންބަރުން ވަކިކުރަން ޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ. އާމިރާގެ މައްސަލައިގައި ކޮމިޓީން މިއަދު ފާސްކުރީ ކޮމިޝަންގެ މެންބަރުކަމުން އޭނާ ވަކިކުރަން ނުފެންނަ ކަމަށެެވެ.