ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމުން ފާތިމަތު އާމިރާ ވަކި ކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދެންމެ ފާސްކޮށްފިއެވެ.
އާމިރާ ކޮމިޝަން މެންބަރުކަމުން ވަކިކުރުމުގެ މަސައްކަތް ކޮމިޓީން ފެށީ، އެ ކޮމިޓީއަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށްބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ މަސައްކަތް ކުރިއަށް ގެންދަން ކޮމިޓީން ފާސްކޮށްގެންނެވެ.
އެ މައްސަލައިގަ އާމިރާ ކޮމިޝަނުން ވަކި ކުރުމަށް ހުށަހެޅުއްވީ، އެ ކޮމިޓީގެ މެންބަރު އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.
ކޮމިޓީގެ ކުރީގެ ބައްދަލުވުމަށް މި މައްސަލަ ހުށަހަޅުއްވަމުން އެ މެންބަރު ވިދާޅުވީ، މީގެކުރިން ސިވިލްސާވިސް ކޮމިޝަނާ ބެހޭ މައްސަލައެއްގައި އާމިރާ ކޮމިޓީއަށް ހާޒިރު ކުރުމުން، މައުލޫމާތު ދެއްވަމުން މެންބަރުންގެ ކުރިމަތީގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އަދި އެކަމާބެހޭ އޯޑިއޯއެއް ލީކުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ކޮމިޓީން ނިންމީ ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު އާމިރާއަށް ދިނުމަށްފަހު އެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ.
މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، އާމިރާއަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ގޮތުން ކޮމިޓީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ރިޔާސަތުން މަޖިލީހުގެ ނައިބު މުގައްރިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް ވިދާޅުވިއެވެ.
އާމިރާގެ ސިޓީއަށް ބެއްލެވުމަށްފަހު ކޮމިޓީގައި ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ، އާމިރާ ވަކި ކުރަންޖެހޭ ސަބަބެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި އެހެންކަމުން ކޮމިޓީން އެގޮތަށް އެކަން ނިންމަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މެންބަރު ހުސައިން ޝަހީމްގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ. އެހެންކަމުން އެ ހުށަހެޅުއްވުމަށް ނެގި ވޯޓުން އާމިރާ ކޮމިޝަނުން ވަކިކުރަން ނުފެންނަ ކަމަށް ފާސްކުރީ ކޮމިޓީގައި ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ފަސް މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ފާތިމަތު އާމިރާ އައްޔަންކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު