ތާރީޚު

ދިވެހިރާއްޖޭގެ އެންމެ ބޮޑު މަހާނަގާ

މުޙައްމަދު ނާޖިޙު

6

އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނަކީ ދިވެހީންގެ ތަރިކައިގެ ބޮޑު ޚަޒާނާއެކެވެ. ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ގަބުރުސްތާނެވެ. މި ގަބުރުސްތާނުގައި އައްޑޫގެ ތާރީޚާާއި އަދި މުޅި ދިވެހިރާއްޖޭގެ ތާރީޚާ ގުޅިފައިވާ ތަފާތު އެކި ބޭބޭފުޅުންގެ މަހާނަތައް ފެންނާން އެބަހުއްޓެވެ. ދިވެހިރާއްޖެ އިސްލާމްވީފަހުން އެކި ޒަމާންތަކުގައި ވަޅުލެވިފައިވާ އެކި މީސްމީހުންގެ މަހާނަގާތަކުން ދިވެހީންގެ މަހާނައިގައި ގާޖެހުމާއި ބިސްތާނަ ހެދުމުގެ ފަންނުވެރިކަމާއި ތާރީޚު، އެއްތަނަކުން ބަލައިލެވޭނެ މަދު ތަންތަނުގެ ތެރޭގައި މީދޫ ކޯގަންނު ހިމެނޭ ކަމާމެދު ޝައްކެއް ނެތެވެ.

ކޮންމެއަކަސް މި ގަބުރުސްތާނުގައި ހުރި މަހާނަގާތަކުގެ ތެރެއިން އެންމެ އަޅައިގަންނަ އެންމެ ތަފާތު މަހާނައަކީ ދިވެހިރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ނެތް ވަރުގެ އާދަޔާ ޚިލާފު ބޮޑު ދެގަލުގެ މައްޗަށް އެކުލެވިގެންވާ މަހާނައެވެ. މި ދެގާ ހުރި މަހާނަ ހުރީ ވަކި ބިސްތާނައެއްގެ ތެރޭގައެވެ. މަހާނައިގެ ދެފަރާތުގައި ހުރި ދެގަލުގެ އުސްމިނުގައި 7 ފޫޓު 3 އިންޗި ހުރެއެވެ. އިތުރަށް ދިރާސާކުރެވިއްޖެނަމަ މި ދެގަލަކީ ދުނިޔޭގައި ވެސް ހުރި ހިރިގަލުގެ އެންމެ ބޮޑު ދެގަލަށް ވުން ގާތެވެ. އަންހެނެއްގެ މަހާނަކަން ސިފަވާ ގޮތަށް މަތި ވަށްކޮށް ހުރި މިދެގަލަކީ ނުހަނު ރީތިކޮށް ބިންވަޅުނަގައި ކުރެހުން އަޅާފައިވާ ދެގަލެވެ. ކުރެހުމުގެ ފަރުމާހުރީ މި ދެގާ ނިސްބަތްވާ ދުވަސްވަރުގެ އެހެން ގިނަ ގާތަކުގައިވެސް އާއްމުކޮށް ފެންނާން ހުންނަ ގޮތަށެވެ. މަސައްކަތް ރީތިވެފައި ފުރިހަމައެވެ. މިއީ ދިވެހީންގެ ގަލުވަޑާމާއި ހިރިގަލުގެ މަސައްކަތުގެ ނަމޫނާ ބިސްތާނައެކެވެ.

މިދެގަލުގެ ބޮޑު މިނަށް ބަލާލުމުން މި ދެގާ ނިސްބަތްވާ މަހާނައިގައި ފަސްދާނުލެވިފައި އޮތް ބޭފުޅަކީ ކޮންމެވެސް ގޮތަކުން، ކޮންމެވެސް ބައެއްގެ މެދުގައި ވަރަށް ޚާއްޞަ ބޭފުޅެއްކަން އެނގެއެވެ. ހިޖުރައިން 1365 ވަނަ އަހަރު (1945/1946 މ.) ގެ ތެރޭގައި އާދަމް ނަޞީރު މަނިކުގެ ބެއްލެވުމުގެ ދަށުން ދެކުނުގޭ ދޮންމަނިކުގެ މުސްތާފާ ރަޝީދު ނަކަލުކުރައްވާފައިވާ މި މަހާނައިގެ ލިޔުމުގައިވާ ގޮތުން އެ ބޭފުޅަކީ އަލްޤާޟީ މުހައްމަދު ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ފަސްވަނަ ދަރިކޮޅަށް އައި ޚަދީޖާ މަނިކުފާނެއްކަން އެނގެއެވެ.

އެމަހާނަގަލުގައިވާ ލިޔުމުގެ ނަކަލުގައި އޮތީ މިފަދައިންނެވެ.

فهذه قبر خديجة بنت الكبير محمد بن حوا بنت على ابن القاضى حسين ابن القاضى محمد شمس الدين ابن النائب حسن الملكي وكانت ارتحل سفرها من دار الدنيا إلى دار الاخره فى الساعة الا ولى والتا .....(عربން އޮތްތަން ސާފެއްކޮށް ނޭނގުނު) އައްޑޫ ބޮޑު قاضى ތަކުރުފާނުންގެ ފުތް ބޮޑު احمد ނާއިބު ތަކުރުފާނުންގެ ދި ކުޑައިބީފާނުންގެ ދި އާމިނާ ބީފާނުންގެ حوا ބީފާނުންގެ ކަދީދާ މަނިކުފާނު ނިއައުވީ ނަބީކަލޭގެފާނުންގެ ހިޖުރައިން ހާހާއި އެއްސަތޭކަ ނުވަދިހަ ވަނަ އަހަރު جمادى الاول މަހު ސައުދަ ވިލޭރެއަކަށް އައި އާދީއްތަ ވިލޭރޭ ދެވަނަ ސާއަތު ނިއައުވީ ކަމުގެ ހަދާން.

1979 ވަނަ އަހަރުގެ ތެރޭގައި ތާރީޚު އިލްމުވެރިޔާ އަލްއުސްތާޛު މުހައްމަދު އިބްރާހީމް ލުތުފީ ބައްލަވައި ކުށެއް އޮތްކަން ފާހަގަކުރައްވާފައި ނުވާ މި ނަކަލުގައި ވާގޮތުން މި މަހާނަގާ ހުރި ބިސްތާނައިގައި ބިންކުރެވިފައިވާ ބޭކަނބަލަކީ ފުވައްމުލަކު ހަސަން ނާއިބު ތަކުރުފާނުގެ ފުތް އަލްޤާޟީ މުހައްމަދު ޝަމްސުއްދީން (އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު) ގެ ފުތް އަލްޤާޟީ ހުސައިން ގުތުބުއްދީނުގެ ފުތް އަލިތަކުރުފާނުގެ ދި ހައްވާ ބީފާނުގެ ފުތް އަލްކަބީރު މުހައްމަދުގެ ދި ޚަދީޖާ މަނިކުފާނުކަން އެނގެއެވެ. އަދި އެހެންމެ މި ޚަދީޖާ މަނިކުފާނުގެ މަންމައަކީ އަލްޤާޟީ މުހައްމަދު ޝަމްސުއްދީން (އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު) ގެ ފުތް އަހުމަދު ބޮޑު ނާއިބު ތަކުރުފާނުގެ ދި ކުޑައިބީފާނުގެ ދި އާމިނާ ބީފާނުގެ ހައްވާ ބީފާނުކަންވެސް އެނގެއެވެ.

މި ޚަދީޖާ މަނިކުފާނުގެ މަތިކޮޅާއި އަދި ދަރިކޮޅާ ބެހޭ އިތުރު މައުލޫމާތެއް ލިބޭ އެއް ފޮތަކީ މާލޭ ހުކުރު މިސްކިތް ފޮތެވެ. މި ފޮތުގައި ހުރި ހުކުރު މިސްކިތު ގަބުރުސްތާނުގައި ހުރި މަހާނަގާތަކުގެ ނަކަލުތަކުގެ ތެރޭގައި ޚަދީޖާ މަނިކުފާނުގެ ދެ ދަރިކަނބަލެއްގެ މަހާނަގަލުގެ ނަކަލު ވެއެވެ. ފުރަތަމަ މި ހިއްސާކޮށްލަނީ ޚަދީޖާ މަނިކުފާނުގެ އާއިޝާ މަނިކުފާނުގެ މަހާނަގަލުގައިވާ ލިޔުމުގެ ނަކަލެވެ.

من هجرة النبى محمد صلى الله عليه وسلم ނަބީކަލޭގެފާނުންގެ هجر އިން ހާހާދުއިސައްތަ ނުވަވަނަ އަހަރު ސައްވާލު މަހު ސައުދަވީ ހޮނިހިރު ދުވަހު އައްޑޫ ބޮޑު ފަޑިއާރު ތަކުރުފާނުންގެ ފުތް احمد ބޮޑު ނާއިބު ތަކުރުފާނުންގެ ދި ކުޑައބާފާނުންގެ ދި عائشا ބާފާނުންގެ ދި حوا ބާފާނުންގެ ދި ކަދީދާ މަނިކުފާނުންގެ ދި عائشا މަނިކުފާނު އަވަހާރަވީކަމު ހަދާން.

ޚަދީޖާ މަނިކުފާނުގެ ދަރިކަނބަލުން އާއިޝާ މަނިކުފާނުގެ މަހާނަގަލުގައިވާ ލިޔުމުގެ މި ނަކަލަށް ބަލާއިރު ޚަދީޖާ މަނިކުފާނުގެ މަހާނައިގައިވާ ލިޔުމުގެ ނަކަލާ ކުޑަ ތަފާތެއް ފާހަގަކުރެވެއެވެ. ޚަދީޖާ މަނިކުފާނުގެ މަހާނައިގައި ވާ ގޮތުން އޭނާގެ މައިފުށުގެ މާމަގެ ނަމަކީ އާމިނާ ބީފާނެވެ. ނަމަވެސް އޭނާގެ ދަރިކަނބަލުން އާއިޝާ މަނިކުފާނުގެ މަހާނަގަލުގައިވާ ގޮތުން އޭނާގެ މައިފުށުގެ މާމައަކީ އާއިޝާ ބީފާނެވެ. މިމައްސަލަ ސާފުކުރުމަށްޓަކައި ތަފާތު އެކި ލިޔުންތައް ބަލަމުން ދަނިކޮށް އައްޑޫ މީދޫގެ ދަރިކޮޅުތައް ނޯޓުކޮށްފައި އޮތް ދުވަސްވީ ފޮތެއްގައި އޮތް ގޮތުން ޚަދީޖާ މަނިކުފާނުގެ މައިފުށުގެ މާމަގެ ނަމަކީ އާއިޝާ ބީފާނެވެ. އެހެންކަމުން އޭގެ ސައްހަ ގޮތަކީ ޚަދީޖާ މަނިކުފާނުގެ ދަރިކަނބަލުން އާއިޝާ މަނިކުފާނުގެ މަހާނަގަލުގައި އޮތް ގޮތްކަމަށް ބެލިދާނެއެވެ.

ޚަދީޖާ މަނިކުފާނުގެ ދަރިކަނބަލުން އާއިޝާ މަނިކުފާނުގެ މި މަހާނަގަލުގެ ނަކަލަށް ބަލާއިރު އާއިޝާ މަނިކުފާނު އަވަހާރަވެފައި ވަނީ ހިޖުރައިން 1209 ވަނަ އަހަރުގެ ޝައްވާލު މަހުގެ 14 ވީ ހޮނިހިރު ދުވަހުގައްޔެވެ. އެއީ އައްސުލްތާނު އަލްޣާޒީ ހަސަން އިއްޒުއްދީން (ދޮންބަންޑާރައިން) ގެ ދަރިކަލުން އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގައި މީލާދީން 1795 ވަނަ އަހަރުގެތެރޭގައެވެ.

ހުކުރު މިސްކިތް ފޮތުގައި ހުރި މަހާނަގަލުގެ ނަކަލުތަކުގެ ތެރެއިން ޚަދީޖާ މަނިކުފާނުގެ އަނެއް ދަރިކަނބަލުން އާމިނާ މަނިކުފާނުގެ މަހާނަ ގަލުގައިވާ ލިޔުމުގެ ނަކަލުގައި ވަނީ މިފަދައިންނެވެ.

شاهد قبر آمنة بنت موسی ابن علی ابن السلطان الحاج حسن ابن السلطان على الهتدوی الاطوى وامها بنت خديجه بنت حوى بنت النائب حسن ابن الوزير الكبير محمد ابن القاضي حسين قطب الدین ابن القاضي محمد شمس الدين ابن النائب حسن الملكى وذلك يوم الاثنين الحادی من شهر ربيع الاول سنة ١٢١٦ السادس عشر ومائة بعدالالف من هجرة سيد ولد عدنان

އާއިޝާ މަނިކުފާނުގެ މަހާނައިގައިވާ ލިޔުމުން ނުލިބޭ އެހެން މައުލޫމާތެއް މި ލިޔުމުން އެބަ ލިބެއެވެ. އެއީ ޚަދީޖާ މަނިކުފާނުގެ ދެ ދަރިކަނބަލުންގެ ބަފައިފުށުގެ މައުލޫމާތެވެ. އަދި އޭގެ އިތުރުން ޚަދީޖާ މަނިކުފާނުގެ މާފައާއި މުނިމާފަ ގެ މައުލޫމާތުވެސް މި ލިޔުމުން ލިބެއެވެ. މިގޮތުން ޚަދީޖާ މަނިކުފާނަކީ ފުވައްމުލަކު އައްނާއިބު ހަސަން ތަކުރުފާނުގެ ފުތް އަލްޤާޟީ މުހައްމަދު ޝަމްސުއްދީން (އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު) ގެ ފުތް އަލްޤާޟީ ހުސައިން ގުތުބުއްދީނުގެ ފުތް އަލްވަޒީރުލްކަބީރު މުހައްމަދުގެ ފުތް އައްނާއިބު ހަސަން ތަކުރުފާނުގެ ދި ހައްވާ ބީފާނުގެ ދި ޚަދީޖާ މަނިކުފާނުކަން މިނަކަލުން އެނގެއެވެ.

ހަމަ އެހެންމެ މި ނަކަލުން އެނގުނު ގޮތުގައި އޭނާގެ ދެ ދަރިކަނބަލުންގެ ބައްޕައަކީ އިސްދޫ ދަރިކޮޅުގެ އައްސުލްޠާން އަލީ (7) ގެ އައްސުލްޠާން ހަސަން (10) ގެ އަލި މަނިކުފާނުގެ މޫސާ މަނިކުފާނެވެ. އެހެން ކަމުން ބީފާނެއްގެ ބަނޑުން ތަކުރުފާނަކަށް ލިބުނު ޚަދީޖާ، މަނިކުފާނަކަށް ވެފައި މިވަނީ އަލި މަނިކުފާނުގެ މޫސާ މަނިކުފާނު އޭނާޔާ ކާވެނިބެއްލެވުމުންކަން ދޭހަވެއެވެ. އެހެންނޫންނަމަ ޚަދީޖާ މަނިކުފާނު ވީހީ ޚަދީޖާ ބީފާނަކަށެވެ.

ޚަދީޖާ މަނިކުފާނުގެ ދަރިކަނބަލުން އާމިނާ މަނިކުފާނުގެ މިމަހާނަގަލުގެ ނަކަލަށް ބަލާއިރު އެކަމަނާ އަވަހާރަވެފައިވަނީ ހިޖުރައިން 1216 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ހޯމަ ދުވަހުގައްޔެވެ. އެއީ އައްސުލްތާނު އަލްޣާޒީ ހަސަން އިއްޒުއްދީން (ދޮންބަންޑާރައިން) ގެ އައްސުލްތާނު ހަސަން ނޫރައްދީނުގެ އައްސުލްތާނު މުހައްމަދު މުއީނުއްދީންގެ ރަސްކަމުގައި މީލާދީން 1801 ވަނަ އަހަރުގެތެރޭގައެވެ.

ޚަދީޖާ މަނިކުފާނު ނިޔާވެފައިވަނީ އޭނާގެ މި ދެދަރިކަނބަލުންނަށްވުރެ ކުރިންނެވެ. އޭނާގެ މަހާނަގަލުގެ ލިޔުމުގެ ނަކަލުން އެނގެން އޮތް ގޮތުގައި އޭނާ ނިޔާވެފައިވަނީ ހިޖުރައިން 1190 ވަނަ އަހަރުގެ ޖުމާދަލް އައްވަލް މަހުގެ 14 ވިލޭރެއަށްވީ އާދީއްތަވިލޭރޭ ނުވަތަ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އެއީ މީލާދީ ގޮތުން ބަލާކަމަށް ވާނަމަ 1776 ވަނަ އަހަރުގެ ޖޫން 30 ވަނަ ދުވަހެވެ. މިދުވަސްވަރު ދިމާވަނީ އައްސުލްތާނު އަލްޣާޒީ ހަސަން އިއްޒުއްދީން (ދޮންބަންޑާރައިން) ގެ ދޮށީ ދަރިކަލުން އައްސުލްތާނު މުހައްމަދު މުއިއްޒުއްދީން (ކަޅުބަންޑާރައިން) ގެ ރަސްކަމުގެ ދުވަސްވަރާއެވެ.

ހުކުރު މިސްކިތުގައި ފަސްދާނުލެވިފައިވާ، ޚަދީޖާ މަނިކުފާނުގެ ދަރިކަނބަލުން އާމިނާ މަނިކުފާނަކީ، ޚަދީޖާ މަނިކުފާނު ނިޔާވިއިރު ރަސްކަމުގައި އިންނެވި އައްސުލްތާނު މުހައްމަދު މުއިއްޒުއްދީން (ކަޅުބަންޑާރައިން) ގެ އަނބިކަނބަލެކެވެ. ހުކުރު މިސްކިތް ފޮތުގައި، އާމިނާ މަނިކުފާނުގެ މަހާނަ ގަލުގައިވާ ލިޔުމުގެ ނަކަލުގެ ތިރީގައި "ކަޅުބަންޑާރައިން ރަސްކަމަށް އިސްވުމުގެ ކުރީގައި ކާވެނިބެއްލެވި އަނބިކަނބަލެއް" ކަމަށް ލިޔެފައި އެބައޮތެވެ. އަދި އެއީ އައްޑޫ މީދޫގައިވެސް އެވާހަކަ ކިޔަމުން އަންނަ ގޮތެވެ. އަދި ހަމަ އެހެންމެ ހުކުރު މިސްކިތުގައި ފަސްދާނުލެވިފައިވާ، ޚަދީޖާ މަނިކުފާނުގެ އަނެއް ދަރިކަނބަލުން އާއިޝާ މަނިކުފާނަކީ ކަޅުބަންޑާރައިންނަށްފަހު ރަސްކަމަށް ވަޑައިގެންނެވި އެރަދުންގެ ކޮއްކޯފުޅު އައްސުލްތާނު ހަސަން ނޫރައްދީނުގެ އަނބިކަނބަލެއް ކަމަށްވެސް މީދޫގައި ކިޔެއެވެ. އެހެންނަމަވެސް ހުކުރު މިސްކިތް ފޮތުގައި އެވާހަކަ އެގޮތަށް ބަޔާންކޮށްފައެއް ނުވެއެވެ.

އާދެ، ދޮން ބަންޑާރައިންގެ މި ދެ ދަރިކަލުން ޚަދީޖާ މަނިކުފާނުގެ އެ ދެ ދަރިކަނބަލުންނާ ކައިވެނިކުރެއްވީ، ދިޔަމިގިލީ ދަރިކޮޅުން އެންމެ ފަހަށް ރަސްކަންކުރެެއްވި އައްސުލްތާނު މުހައްމަދު ޣިޔާސުއްދީނު (ހާޖީ ބަންޑާރައިން / ޝަހީދުކުޅަ ބަންޑާރައިން) ގެ ރަސްކަމުގައި އެ ދެބޭފުޅުން އައްޑުއަށް ފޮނުވާލައްވާފައި ތިއްބެވި ދުވަސްވަރުގައެވެ.

ހާޖީ ބަންޑާރައިން ހައްޖަށް ވަޑައިގެން އުޅުއްވަނިކޮށް ރަސްކަން ބަދަލުކުރައްވައި، ރަސްކަމަށް ވަޑައިގެންނެވި ދޮންބަންޑާރައިންނަށް ބޮޑުބޭބޭފުޅު ވިދާޅުވާ އައްސުލްޠާން މުހައްމަދު ޝަމްސުއްދީނު (2) ގެ ރަސްކަމުގައި މުހައްމަދު މުއިއްޒުއްދީނާއި ހަސަން ނޫރައްދީން މާލެ ވަޑައިގަތުމުގެ ހުއްދަ ދެއްވުމުން މާލެ ވަޑައިގެންނެވީ ދެބޭފުޅުން އައްޑުއިން ކައިވެނިކުރެއްވި ދެ އަނބިކަނބަލުންވެސް ގޮވައިގެންނެވެ. ޚަދީޖާ މަނިކުފާނުގެ އެ ދެބޭފުޅުން މާލޭގައި އަވަހާރަވެ ހުކުރު މިސްކިތުގެ ގަބުރުސްތާނުގައި ފަސްދާނު ލެވިފައިވަނީ އެހެންވެގެންނެވެ.

އިސްވެ ދެންނެވުނު ވާހަކައިން ޚަދީޖާ މަނިކުފާނު މިވަނީ ދޮންބަންޑާރައިންގެ ދެ ދަރިކަލުން ކަމަށްވާ ކަޅުބަންޑާރައިންނާއި ހަސަން ނޫރައްދީން ރަދުންގެ މައިދައިތައަށެވެ. ބުނެވޭ ގޮތުގައި، ކަޅުބަންޑާރައިންގެ ރަސްކަމުގައި ޚަދީޖާ މަނިކުފާނު ނިޔާވެގެން މަހާނައިގައި ޖަހާފައިވާ މި ބޮޑު ދެގަލަކީ ކަޅުބަންޑާރައިންނާއި ހަސަން ނޫރައްދީން މާލެއިން ހެއްދެވުމަށްފަހު މީދޫއަށް ފޮނުއްވި ދެގަލެވެ. މިވަރުގެ މާސިންގާ ދެގާ އެ ދެބޭފުޅުންގެ މައިދައިތަގެ މަހާނައިގައި ޖެއްސެވި ޖެއްސެވުން ރަމްޒުކޮށްދެނީ ދެބޭފުޅުންގެ ހިތްޕުޅުގައި މައިދައިތައަށް އޮތް އިހުތިރާމާއި ގަދަރުގެ ބޮޑުކަމާއި ދެ ބޭފުޅުންގެ ދެ އަނބިކަލުންގެ މައްޗަށް އޮތް ލޯތްބެއްގެ ބޮޑުކަމެވެ.

މީދޫ ކޯގަންނު ގަބުރުސްތާނުގައި ހުރި ޚަދީޖާ މަނިކުފާނުގެ 7 ފޫޓު 3 އިންޗި ހުރި މަހާނަގާ ހާ ބޮޑު މަހާނަގަލެއް މިރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ފެންނާކަށް ނެތެވެ. ސައިޒުގެ ގޮތުން މިމަހާނައިގެ ދެގަލާ ގާތްކުރާ (އެހެންނަމަވެސް އެ ދެގަލަށްވުރެ ކުޑަ) މަހާނަ ގާތަކެއް ހުރީ އައްޑޫ ހިތަދޫ ތަކުރުފާނު މިސްކިތްދޮށުގައެވެ. އެއީވެސް ދެ އަންހެން ބޭފުޅެއްގެ މަހާނައިގައި ޖަހާފައިވާ ގާތަކެކެވެ. އެ ދެމަހާނަ ހުރީ އެއް ބިސްތާނައެއްގެ ތެރޭގައެވެ. އެތަނުން އެއް ބޭފުޅަކީ އިސްދޫ އަލިރަސްގެފާނުގެ ހަސަން ރަސްގެފާނުގެ އަނބިކަނބަލުން ކިލަވަތި އައިސާ މަނިކައެވެ. މި މަޒުމޫނު ޝާއިއުކުރުމާ ހަމަޔަށް ދެން އޮތް ބޭފުޅެއްގެ ނަން ކަށަވަރުވެފައި ނުވެއެވެ.

މާލޭގައި ހުރި ދުވަސްވީ މަހާނަގާތަކުގެ ތެރެއިން މިހާރު ސަލާމަތުން ފެންނަން ހުރީ ހުކުރު މިސްކިތުގެ ގަބުރުސްތާނުގައި ހުރި ބައެއް ގާތަކެވެ. އެ ގާތަކުގެ ތެރެއިން އެންމެ ބޮޑު ގަލަކީ މި މަޒުމޫނުގައި އިސްވެ ދެންނެވުނު ދޮންބަންޑާރައިންނަށް ބޮޑުބޭބޭފުޅު ވިދާޅުވި އައްސުލްތާނު މުހައްމަދު ޝަމްސުއްދީން (2) ގެ މަހާނަގަލެވެ. މިއީ ފަހުން ކަޅުބަންޑާރައިންނަށް ރަސްކަން ދެއްވުމަށްފަހު ޝަމްސުއްދީން ފާށަނާކިލަގެފާނުގެ ނަންފުޅުގައި ހުންނެވި ހުރާގޭ މުހައްމަދު މަނިކުފާނުވެ. އެ މަނިކުފާނުގެ މަހާނަގަލުގެ އުސްމިނުގައި ހުރީ 5 ފޫޓު 8 އިންޗިއެވެ.

ދިވެހިރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމަށްޓަކައި މަސައްކަތް ކުރެވެމުން އަންނަ ދުވަސްވަރެއްގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ ފަދަ ހިރިގަލުގެ މިފަދަ މަހާނަގާތައް ވެސް އެ ލިސްޓަށް އެރުވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އަދި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި އެފަދަ އާސާރުތައް ހިމާޔަތްކޮށް ބެލެހެއްޓުމަކީ ވެސް އެހާމެ މުހިއްމު ކަމެކެވެ.

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.