(8 ޖޫންގެ އަދަދާ ގުޅޭ)
މިމާތް އާޔަތްތަކުގައި ޚިޠާބުކުރައްވައިފައި އެވަނީ قـــــريـش ވަންހައިގެ ވެރިޔާ ولــيــد بـــن المــغــــيـــرة އަށެވެ. މިބަސްފުޅުތައް އިންސާނުންނަށް އަޑުއިއްވެވީ ބޭރުފުށުން ފެންނަގޮތުގައި އެއްވެސް ޖާހެއް ޝާނުޝައުކަތެއްނެތް ފަރާތްޕުޅެއްގެ ދޫފުޅުންނެވެ. އަނެއްކޮޅުން މުޚާޠަބު ކުރެވުނު ފަރާތަކީ قـــــريـش ން ފިޔަވައި އެހެން އެންމެހައި ޢަރަބީންގެ މައްޗަށްވެސް އެމީހެއްގެ ނުފޫޒު އޮތްމީހެކެވެ. ޢަރަބީން ހީކުރާގޮތުގައި އެބައިމީހުން އަޅުކަން ކުރުމުގެގޮތުން މޫނުކާއްތާ ބުދުތަކަކީ رحـمــة لّـلعــالمــيـــن ގެ ތަޙްރީކާއި އެ ތަޙްރީކުގެ ޤާއިދުގެ ނަންފުޅާއި ނިޝާންވެސް ފޮހެލެވޭފަދަ ބާރުހުރި ފަރާތެކެވެ. އެހެންކަމުން އެފަރާތާ ބެހޭގޮތުން ވަޙީކުރައްވައިފައިވެއެވެ.
"ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللّــــه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ، ނަރަކައިގެ ދަރެވެ. ތިޔަބައިމީހުން އެތަނަށް ވަންނަހުއްޓެވެ." (الأنــبــيــــاء: 98)
قـــــريـش ން ބަރުދާސްތުކުރި ސަބަބު
އިސްވެ ބަޔާންކުރި ސަބަބުތަކަކީ ކޮންމެ قـــــريـش އަކުވެސް ލޭކެކި ރުޅިއިސްވާނެ ސަބަބުތަކެކެވެ. އެހެންކަމުން އިސްލާމީ ތަޙްރީކަށް ފުރައްސާރަ ކުރާށާއި މުސްލިމުންނަށް އަނިޔާކުރާން އެބައިމީހުން އަބަދު ތިބެނީ އަރުވާޖަހައިލައިގެން ނުކުމެއެވެ. އެހެން އެއްވެސް ނަބީބޭކަލަކަށް ފުރައްސާރަކުރެވި އިހާނެތިކޮށް ނުހިތެވޭވަރަށް قـــــريـش ން ރަޙްމަތުގެ ނަބިއްޔާއަށް އިހާނެތިކޮށްހިތައި މަލާމާތްކޮށް ފުރައްސާރަ ކުރިއެވެ. އެހެންކަމުން رحـمــة لّـلعــالمــيـــن ގެ ތަޙްރީކުގެ ދަޢުވަތު ފެށްޓެވުމާއެކު މައްކާގައި ލޭގެ ކޯރުތައް ހިންގައިލެވުމުގެ އެކަށޭނަކަން އޮތެވެ. އެކަމަކު قـــــريـش ން ގެންދިޔައީ ވަކިވަރަކަށް އެ ތަޙްރީކު ބަރުދާސްތު ކުރަމުންނެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.
رحـمــة لّـلعــالمــيـــن ގެ ތަޙްރީކު ފެށުނުއިރުވެސް قـــــريـش ން ތިބީ ދާޚިލީ ހަނގުރާމައިގެ ސަބަބުން ވަރުބަލިވެފައެވެ. ލޮޑުވެފައެވެ. ހަސްފަސް ނެތިފައެވެ. حــــــرب الــفـجــار އަށްފަހު قـــــريـش ން ތިބީ ވަރަށްބޮޑަށް ނުކުޅެދިފައެވެ. އެހެންކަމުން ހަނގުރާމައިގެ ނަން އަޑުއިވުމުންވެސް އެބައިމީހުން ބިރުގަނެއެވެ. ޢަރަބީންގެ އާދަޔަކީ ޤަބީލާއަށްޓަކައި ކަތިވެ މަރުވާން ކުޑަކޮށްވެސް ފަސްނުޖެހުމެވެ. އެއްވެސް ސަބަބަކާހުރެ ޤަބީލާއެއްގެ މީހަކު ޤަތުލު ކުރެވިއްޖެ ކަމުގައިވާނަމަ ޤަތުލުކުރެވުނު މީހާގެ ޤަބީލާގެ މީހުން ބަދަލުހިފާން ތެދުވެގަންނައިރު ހައްޓަކު ހެޔެއް ނުހުރެއެވެ. ކަމުގެ ދެކޮޅުބަލައި ތަޙްޤީޤު ކުރުމެއް ނުގެންގުޅޭއެވެ. ބަދަލު ނުހިފެނީސް އެބައިމީހުންގެ އައްސި ފިލާގޮތެއް ނުވެއެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޝަހީދުކޮށްލުމަކީ އެމާތް ސާހިބާ ރަޙްމަތުގެ ތަޙްރީކު ފެށްޓެވީއްސުރެ قـــــريـش ން ވިސްނާކަމެކެވެ. އެކަމަކު ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޝަހީދުކޮށްލައިފި ކަމުގައިވާނަމަ هـــاشــــم ވަންހައިގެ މީހުން ބަދަލުނުހިފައި ދޫކޮށެއް ނުލާނެކަން އެބައިމީހުން ހަނދާން ހުރެއެވެ. އަނެއްކޮޅުން ރަޙްމަތުގެ ތަޙްރީކުގެ ސިއްރީ ދައުރުގައި އެ ތަޙްރީކުގެ މޫތައްވަނީ މައްކާ މުޅި އާބާދީގެ ތެރެޔަށް ދުވެފައެވެ. އެއްބޭކަލަކު ނުވަތަ ދެބޭކަލަކު އިސްލާމްވެވަޑައިގެންފައިނުވާ އެއްވެސް ޚާންދާނެއް قـــــريـش ވަންހަޔަކު ނެތެވެ. އެހެންކަމުން ރަޙްމަތުގެ ދީނަށް ގޮވައިލުމާއި އެދީން ޤަބޫލުކުރުމަކީ ކުށެއްކަމުގައިވާނަމަ އެއީ އެކަކު ދެމީހެއްގެ ކުށެއް ނޫނެވެ. އެތައްބަޔެއްގެ ކަމެކެވެ. އެ އެންމެން ވުޖޫދުން ފޮހެލުމަކީ قـــــريـش ންނަށް ލާހިކުވާވަރުގެ ކަމެއް ނޫނެވެ. އަނެއްކޮޅުން قـــــريـش ންގެ މާތް މީހުންގެ ތެރޭގައި ފާޅުގައި ރަޙްމަތުގެ ދީން ޤަބޫލު ނުކުރެއްވި ކަމުގައިވިޔަސް އެ ތަޙްރީކާމެދު ހަމްދަރުދީގެ ވިސްނުންފުޅު ގެންގުޅުއްވާ ބޭކަލުންވެސް ތިއްބެވިއެވެ. އެހެންކަމުން قـــــريـش ންނަށް މަޖްބޫރުވެފައިވަނީ ހަނގުރާމަވެރި ވިސްނުން ގެންގުޅުމުގެ ބަދަލުގައި ތަންކޮޅެއް ބޮޑަށް ކެތްތެރިކަން ޚިޔާރު ކުރާށެވެ. ކޮންމެވެސް މިންވަރެއްގެ ބަރުދާސްތުކުރުމުގެ ވިސްނުމެއް ގެންގުޅޭށެވެ. (ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، سـيّـــد ســلـيـمــان نــــدوى)
އިސްވެ ބަޔާންކުރި ކަންކަން އެހެން ހުރުމާއެކު قـــــريـش ން "ޞުލްޙައެއް" ހޯދޭތޯ މަސައްކަތް ފެށިއެވެ. قـــــريـش ވަންހައިގެ ޢިއްޒަތްތެރި ބޮޑުންގެ ބަޔަކު أبـــوطــالــب ގެފާނުގެ އަރިހަށްގޮސް ޝަކުވާކުރިއެވެ. أبـــوطــالــب ގެފާނު ނުހަނު މައިތިރިކަމާއެކު އެބައިމީހުންނަށް ވިސްނައިދެއްވައިފައި ފޮނުއްވައިލެއްވިއެވެ. އެކަމަކު މައްސަލައަކަށް ޙައްލެއް ނައެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާ ޢާލަމްތަކަށް ހެޔޮއެދިވަޑައިގެން ކުރައްވާ މަސައްކަތްޕުޅު ކުޑައިކޮށްވެސް ރައިކޮށެއް ނުލައްވައެވެ. އެހެންކަމުން قـــــريـش ންގެ ސަފީރުން އަނެއްކާވެސް أبـــوطــالــب ގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. މިފަހަރުގެ ވަފުދުގައި قـــــريـش ންގެ އެންމެއިސް ފުރަދާނައިން ތިއްބެވިއެވެ. عــــتـــبــة بـــن ربــيــعــــة އާއި شــيـــبـــة بـــن ربــيــعــــة އާއި أبـــوسفـيــــان بــــن حـــــــرب އާއި عــاص بــــن هـشــام އާއި أبــــو جــهـــل އާއި ولــيــد بـــن المــغــــيـــرة އާއި عــاص بــــن وائـــل ފަދަ ބޮޑުންގެ އެތައްބަޔަކު ހިމެނުނެވެ. އެބައިމީހުން أبـــوطــالــب ގެފާނުގެ އަރިހުގައި ދެންނެވިއެވެ.
"ކަލޭގެފާނުގެ އަޚާގެ ދަރިކަލުން އަޅުގަނޑުމެންގެ ކަލާނގެތަކަށް ކުޑައިމީސް ކުރައްވަނީއެވެ. އެއްޗެހި ވިދާޅުވަނީއެވެ. އަޅުގަނޑުމެންގެ ކާބަފައިންނަކީ ތަނެއްދޮރެއް ނޭނގޭ ގަމާރުންތަކެއް ކަމުގައި ވިދާޅުވަނީއެވެ. އެހެންކަމުން ކަލޭގެފާނުގެ ކޮއްކޯފުޅާއި އަޅުގަނޑުމެންނާ ދެމެދުން ކަލޭގެފާނު އެއްފަރާތްވެވަޑައިގަންނަވާށެވެ. ނުވަތަ ކަލޭގެފާނުގެ ކޮއްކޯފުޅާއެކު ކަލޭގެފާނުވެސް މައިދާނަށް ވަޑައިގަންނަވާށެވެ. އޭރުން އަޅުގަނޑުމެންގެ މެދުގައި ކޮންމެވެސް އެއްގޮތަކަށް ފައިސަލާ ކުރެވިދާނެއެވެ. ނިމޭބަޔަކު ނިމިގޮސް ތިބޭބަޔަކު ދެމިތިބެދާނެއެވެ."
أبـــوطــالــب ގެފާނު ވިސްނައިވަޑައިގެންނެވިއިރު މައްސަލަ މިހާރުވަނީ ވަރަށް ނާޒުކު މަރްޙަލާއަކަށް ބަދަލުވެފައެވެ. ކޮޅުމަގަށް އަރައިފައެވެ. قـــــريـش ން ދެނެއް ބަރުދާސްތެއް ނުކުރާނެއެވެ. އެކަލޭގެފާނު ގިނިކަންޏާ قـــــريـش ވަންހައިގެ އެންމެންނަކާ މުޤާބަލާއެއް ނުކުރެއްވޭނެއެވެ. أبـــوطــالــب ގެފާނު އިސްލާމްވެވަޑައިނުގެންނެވި ކަމުގައިވިޔަސް އެކަލޭގެފާނުގެ އަޚާގެ ދަރިކަލުންނަށް ތައުހީނުކުރެވޭކަށެއް ރުހިވަޑައެއް ނުގަންނަވައެވެ. އެދަރިކަލުންގެ އެންމެ ލޯލިފުޅެއްވެސް ބޭކާރު ކުރެވުމަކީ އެކަލޭގެފާނަށް ކެތްކުރެއްވޭނެ ކަމެއް ނޫނެވެ. އެހެންކަމުން أبـــوطــالــب ގެފާނު ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ބަލައި ފޮނުއްވައިގެން ގެންނެވިއެވެ. ކުރު ބަސްފުޅުތަކަކުން މައްސަލަ ވިސްނައިދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ.
"ބޮޑުބޭބެގެ ފުރާނަފަދަ ލޯބިވާ ކޮއިފުޅާއެވެ. ބޭބެއަށްވެސް ނުއުފުލޭވަރަށް ބުރަ ނުޖައްސަވާށެވެ."
އައުދާނަ އިތުރު ސާހިބާ އެމާތް ސާހިބާގެ ނުހަނު އޯގާވެރި ބޮޑުބޭބޭފުޅުގެ ވާހަކަފުޅު އަޑުއެއްސެވުމަށްފަހު އިރުކޮޅަކު ހިމޭނުން ހުންނެވިއެވެ. އެމާތް ލޯފުޅުން ކަރުނަފޮދު ނީރައިލިއެވެ. ނަމަވެސް ނުހަނު ސާބިތުކަމާއެކު މައްސަލައާމެދު ވިސްނައިވަޑައިގެންނެވިއެވެ.
"އަހުރެންނަށް އެނގެއެވެ. އަހުރެންގެ މުޙުތަރަމް ބޮޑުބޭބޭފުޅަކަށް އެކަލޭގެފާނުގެ ބަލިކަށިފުޅުކަމާހުރެ އަބަދަކު އަހުރެން ޙިމާޔަތްކޮށެއް ނުދެއްވޭނެއެވެ. އަހުރެންގެ އެކުވެރި މުސްލިމުންވެސް ވަނީ އެބައިމީހުންގެ ނިކަމެތިކަމުގެ ސަބަބުން އަހުރެން ޙިމާޔަތްކުރާން ނުކުޅެދިފައެވެ. ނުހަނު ބައިބޯ އަދި ނުހަނު މުދާގިނަ قـــــريـش ންނަކާ ހަނގުރާމައެއް ނުކުރެވޭނެއެވެ. އެކަމަކު އެއްވެސް މީހަކަށް އަހުރެން ޙިމާޔަތްކޮށްނުދެވުނު ކަމުގައިވިޔަސް އަހުރެންނަށް ޙައްޤާއި ބާޠިލު ވަކިކޮށްދެއްވައި ތެދުމަގަށް ގޮވާލާން އަމުރުކުރައްވާ މުތުލަޤު ބާރުގެވެރި ޒާތުފުޅުގެ ރިވެތި ނަންފުޅުތަކުގެ ތެރެއިން އެއް ނަންފުޅަކީ نـصـيـــر އެވެ. އެކަލާނގެ އަހުރެންނަށް ޚަބަރު ދެއްވައިފައިވަނީ އަހުރެންގެ ދުނިޔެއަށްވުރެ އަހުރެންގެ އާޚިރަތުގެ ހެޔޮކަން ބޮޑުވާނެ ކަމުގައެވެ. އެހެންކަމުން އެކަލާނގެ އަހުރެންނަށް އަމުރު ކުރައްވައިފައިވާ ފަދައިން قُـــمْ فَــأَنْـــذِرْ ގެ އަމުރުފުޅު ތަންފީޒު ކުރުމުގައި އަހުރެން ކުޑައިކޮށްވެސް ފަހަތަކަށް ނުޖެހޭނަމެވެ. އެކަމުގައި އަހުރެންގެ ފުރާނަވެސް ޤުރްބާން ކޮށްލާނަމެވެ." މިގޮތަށް ހިތްޕުޅުގައި ޢަޒުމު ކަނޑައެޅުއްވުމަށްފަހު ލޮބުވެތި ބޮޑުބޭބޭފުޅާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ.
"ލޯބިވާ ބޮޑުބޭބޭފުޅާއެވެ! ގަދަކީރިތިވަންތަ މާތް اللّــــه سبحـــانــــه وتــعــــالــــى ގެ ޒާތުފުޅު ގަންދީ ދަންނަވަމެވެ. މައްކާގެ އަހްލުވެރީން އިރުގެނެސް އަޅުގަނޑުގެ ކަނާތުގައި ބަހައްޓައިދީފައި ހަނދުގެނެސް އަޅުގަނޑުގެ ވާތުގައި ބަހައްޓައިދީފައި އިރާއި ހަނދުގެ ބަދަލުގައި ރަޙްމަތުގެ ދީނަށް ގޮވައިލުން ހުއްޓައިލާން އެދުން ކަމުގައިވިޔަސް އަޅުގަނޑު އެކަމެއް ޤަބޫލެއް ނުކުރާނަމެވެ. އެކަމުގައި އަޅުގަނޑު ހަލާކުވެދާނެކަމަށް ފެނުނު ކަމުގައިވިޔަސް އަޅުގަނޑު ފަހަތަކަށް ނުޖެހޭނަމެވެ."
سبحــان اللّــــه އެވެ! އީމާންކަމުގެ ބާރަކީވެސް ކިހައި ވަރުގަދަ ބާރެއްތޯއެވެ. ވަރުގަދަ އީމާންކަމަކުން ލިބެނީ ކިހައިބޮޑު ހިތްވަރަކާއި ފަންވަރެއްތޯއެވެ. أبـــوطــالــب ގެފާނަށް އެކަލޭގެފާނުގެ އަޚާގެ ދަރިކަލުންގެ ޢަޒުމުފުޅު ވަރުގަދަކަމާއި ހިތްވަރުފުޅު ގަދަކަން ފެނިވަޑައިގެންނެވުމުން އެކަލޭގެފާނުގެ ހިތްޕުޅުގައިވެސް އުފެދިގަތީ އުފާވެރިކަމުގެ ރާޅުތަކެވެ. ނަމަވެސް އަޚު ކަލޭގެފާނުގެ ދަރިކަލުންގެ މައުޤިފުގެ ވަރުގަދަކަމާއި ޤައުމުގެ މީހުންގެ ހިތްހަރުކަމާއި ރުޅިގަދަކަމަށް ވިސްނައިވަޑައިގެންނެވުމުން އެކަލޭގެފާނު ތުރުތުރު އަޅައިވަޑައިގެންނެވިއެވެ. އެކަމަކުވެސް ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަލުން އަރިހަށް ގެންނަވައިފައި ވިދާޅުވިއެވެ.
"އަހަރެންގެ އަޚާގެ ލޮބުވެތި ދަރިފުޅާއެވެ! ދަރިފުޅު އެބައިމީހުނާ ދައްކާން ބޭނުން ކޮންމެ ވާހަކައެއް ދައްކާށެވެ. ދަރިފުޅަށް އެއްވެސްކަހަލަ ދުކެއް ތުރާލެއް ލިބޭކަށެއް ބޭބެ ނުރުހޭނަމެވެ."
أبـــوطــالــب ގެފާނު އެހެން ވިދާޅުވުމަށްފަހު بـــنـــو هـــاشــــم އާއި بـــنـــو مـطّــلــب ގެ އެންމެން އެކަލޭގެފާނުގެ ގެކޮޅަށް ގެންނެވިއެވެ. އެކަލޭގެފާނު ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ ދެއްކެވި ވާހަކަފުޅާއި އިތުރު ސާހިބާގެ މައުޤިފު ބަޔާންކޮށްދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. "ކޮންމެހެނެއްވިޔަސް އަހަރެމެން އެންމެންވެގެން އަހަރެމެންގެ އަޚާ ޙިމާޔަތްކުރާން ޖެހޭނެއެވެ. (حــــيــات محــمّــــد صــلّـــــى اللّــــه عــلـيــــه وســلّـــــم، محــمّــــدحَسَـنَــيْــنِ هـيـكـــل)
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް