Close
ރިޕޯޓް

މާލެ ކޮވިޑުން އެއްކޮށް ސަލާމަތްވާނެ ދުވަހެއް ނޭނގެ، ކުޑަކުދީންނަށް މިއަހަރު ކިޔަވައިދެވޭނެބާ؟

އައިދާ އަބްދުލް ހަކީމް

1

ކޮވިޑް 19 އާ ގުޅިގެން މާލޭގެ ސްކޫލުތަކުގެ ކުދިން ސްކޫލަށް ނުދެވި ތިބޭތާ ގާތް ގަނޑަކަށް ހަތަރުމަސް ވަނީއެވެ. މާލޭގެ އިތުރުން މުޅި ރާއްޖޭގެ ސްކޫލްތައްވެސް ބަންދެވެ. ނަމަވެސް ކޮވިޑް ނެތް ރަށްރަށުގައި އަންނަ މަހުގެ އެއްވަނަ ދުވަހު ކިޔަވައިދޭން ފަށާއިރު މާލެ ސީޓީގެ ސްކޫލްތަކުގައި ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ގްރޭޑް ނުވައަކުން މަތީގެ ދަރިވަރުންނަށެވެ.

އެގޮތުން ކޮވިޑް 19 އަށްފަހު ނިއު ނޯމަލްގައި ސްކޫލްތަކުގައި ކިޔަވައިދޭން ފަށަން ނިންމާފައިވާއިރު، ކިޔަވައިދޭން ހަމަޖައްސާފައިވަނީ ހަތަރު ދަންފަޅިއަށް ޑިސްޓެންސް ޕްލަސް ފޭސްޓުފޭސް މޯޑް (ވީހާވެސް މަދު ދަރިވަރުން ކުލާހެއްގައި ބައިތިއްބައިގެން ކިޔަވައިދޭ ގޮތަށް)ށެވެ. ނަމަވެސް ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދެވޭނެ ދުވަހެއް އަދި ނޭނގެއެވެ.

ކުދިންނަށް މިހާރު ކިޔަވައި ދެމުން އަންނަނީ ޓީވީ މެދުވެރިކޮށް ގެނެސްދޭ ޓެލެ ކިލާސްތަކާއި ސްކޫލުތަކުގައި ކޮންމެ ކްލާހަކަށް ހަދާފައި އޮންނަ ވައިބަރު ގުރޫޕެއް މެދުވެރިކޮށް ކުދިންނަށް ފިލާވަޅު ފޮނޮވައިގެންނެވެ. މިގޮތަށް އަދި ކިޔަވައި ދޭން ޖެހޭނީ ކިހާ ދުވަހެއް ވަންދެން ކަމެއް އެއްވެސް ބަޔަކަށް ނޭނގެއެވެ. އެހެން ނަމަވެސް ބައެއް ޑޮކްޓަރުން ލަފާކުރާގޮތުގައި ޅަ އުމުރުފުރައިގެ ކުދީން ސްކޫލަށް ފޮނުވައިގެން އެކަށީގެންވާ ގޮތެއްގައި ކިޔަވައިދޭން ފެށޭވަރު ވާނީ އެންމެ އަވަސް ވެގެންވެސް އަންނަ ސެޕްޓެމްބަރު ހިސާބުގަ އެވެ.

ކުދިން ސުކޫލަށް ފޮނުވުމާ ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުރުމުން އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް "ވަން" އަށް ވިދާޅުވީ އެހާ ކުޑަކުދިން ސްކޫލަށް ގެންގޮސްގެން ކިޔަވައިދެވޭނެ މާހައުލެއް އަދި ނެތް ކަމަށެވެ. ކޮމިއުނިޓީ ސްޕްރެޑެއް އޮއްވައި ކުޑަކުދިން ސްކޫލަށް ގެންދިއުން ރަނގަޅު ނޫން ކަމަށެވެ. މިދުވަސްކޮޅު ކުޑަކުދިން ބޭރަށް ގެންދިއުމަކީ ވެސް އެހާ ރައްކާތެރި ކަމެއް ނޫން ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ ސްކޫލަށް ގޮސް ކުދިންނަށް ފިލާވަޅުގެ އިތުރުން ދެން ސްކޫލުން ލިބިދޭ ހުނަރުތައް ނުލިބުމަކީ އެކަމުގެ އަސަރު އެކުދިންނަށް ކުރާނެ ކަމެއް ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަމުގައި އަޅާފައިވަނީ ރަނގަޅު ފިޔަވަޅެއް ކަމަށާއި ކޮވިޑަށް ލުއި ލިބޭ ވަރަކުން އަޅަން ޖެހޭ އިތުރު ފިޔަވަޅުވެސް އަޅަމުން އަންނަ ކަމަށެވެ.

ކުޑަކުދިންނަށް ސްކޫލަށް ނުދެވޭ މައްސަލައިގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ކުރިޔަށް އޮތްތާނގައި ދިރިއުޅެން ޖެހޭނީ ކޮވިޑާ އެކު ކަމަށާއި އެހެންކަމުން ކުޑަކުދިންނަށް މިހާރުއްސުރެވެސް ކޮވިޑާއެކު އުޅެން ދަސްކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތުން މޫނުގައި އަތް ނުލުމަށާއި ގައިދުރުކަން ބެހެއްޓުމާއި، އަތްދޮވުން އަދި މާސް އަޅަން ޖެހޭ ގޮތް ފަދަ ކަންކަން އެކުދިންނަށް ގިނަގިނައިން ކިޔައިދީ ގޭގައި ތިބޭ އިރުވެސް އެކަންކަމަށް ކުދިން އަހުލުވެރި ކުރުވުމަކީ މުހިންމު ކަމެއްކަމަށް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގެ 91،500 އަށްވުރެ ގިނަ ދަރިވަރުންނަށް ކޮވިޑާއި ގުޅިގެން އަސަރު ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި އިމަޖެންސީ ރެސްޕޮންސް ޕްލޭން (އީއާރުޕީ) ވެސް ވަނީ ދައްކައިފައެވެ. ޔުނިސެފްގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ތައުލީމީ ދާއިރާގެ އީއާރުޕީގައި ބުނެފައިވަނީ ބޭބީ ނާސަރީން ފެށިގެން މަތީ ސާނަވީ ގުރޭޑްތަކާ ހަމަޔަށް ކިޔަވަމުން އަންނަ 91،672 ދަރިވަރަކަށް ކޮވިޑުގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށެވެ. މިއީ ސަރުކާރާއި އަމިއްލަ ފަރާތްތައް އަދި ކޮމިއުނިޓީތަކުން ހިންގާ 315 ސްކޫލެއްގެ ދަރިވަރުންނެވެ.

މާލެ ކަހަލަ ތޮއްޖެހިފައިވާ ސީޓީއެއްގައި ސުކޫލަށް ނުދެވި ކުދި ކުދި ތަންތާނގައި ގިނަ ދުވަހު ތިބުމުގެ ސަބަބުން އެކަމުގެ ސަބަބުން ކުދިނަށް ނަފްސާނީ ގޮތުން ގިނަ ކަންކަމާ ދިމާވާނެ އެވެ. ދިރިއުޅުމުގެ ގިނަ ކަންކަމާއި މީހުންނާ އެކުގައި އުޅެން ދަސްކުރުން ފަދަ ގިނަ ކަންކަން އެކުދީން ދަސްކުރާނީ ސްކޫލް މާހައުލުންނެވެ. ކޮވިޑް 19 ގެ ބިރުވެރިކަމުގައި ގިނަ ބެލެނިވެރިން ތިބީ އެމީހުންގެ ދަރިން ސްކޫލަށް ފޮނުވަން ޖެހިލުން ވެފައެވެ. ނަމަވެސް އެކުދިންގެ ދިރިއުޅުމުގައި ދަސްކުރަން ޖެހޭ އެތައްކަމެއް ހުއްޓިފައިވުމުން އެކަމާވެސް ބެލެނިވެރިން ތިބީ ކަންބޮޑުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟