ޔޫކްރެއިންގެ ވައިގެ ހަމަލާތަކުގެ އިންޒާރުދޭ އެޕްލިކޭޝަން އިއްޔެ ހެކްކޮށް، ދޮގު އިންޒާރުތަކެއް ފޮނުވި ކަމަށް ރަޝިޔާއަށް ޔޫކްރެއިނުން ތުހުމަތުކޮށްފިއެވެ.

ޔޫކްރެއިންގެ ވައިގެ ސިފައިންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވެރިރަށް ކިޔޭވް އަދި އެ ސަރަހައްދަށް ނިއުކްލިއާ އަދި ކެމިކަލް ހަމަލާތަކުގެ ނުރައްކާ އޮތް ކަމަށާއި، މަގުމަތީގައި ކުރިމަތިލުންތައް ހިނގައިދާނެ ކަމަށް ބުނާ ދޮގު މެސެޖުތަކެއް އެ އެޕް މެދުވެރިކޮށް ވަނީ ފޮނުވައިފައެވެ. ޔޫކްރެއިންގެ ސެންޓަރ ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް (ސްޕްރަވްދީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައިވެސް މި ސައިބާ ހަމަލާގެ ތުހުމަތު ރަޝިޔާއަށް ކޮށްފައިވެއެވެ.

ޔޫކްރެއިންގެ ވައިގެ ސިފައިން އިއްޔެ ޓެލެގްރާމްގައި އާންމުކުރި މެސެޖެއްގައި ބުނީ، “އެއާ އެލާޓް” އެޕްލިކޭޝަނަށް “ދުޝްމަނުންގެ ނުފޫޒު” ފޯރާފައިވާ ކަމަށް ބެލެވޭ ކަމަށާއި، އެހެންނަމަވެސް ރޭޑިއޭޝަންގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އަދި އާންމުން ހަމަޖެހިލައިގެން ތިބުމަށާއި، ރަސްމީ ޗެނަލްތަކުން މައުލޫމާތު ހޯދުމަށް އެ ފަރާތުން އެދިފައިވެއެވެ.

މީގެ އިތުރުން، އެ އެޕަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށާއި، ވައިގެ ހަމަލާތަކުގެ ސައްހަ މައުލޫމާތު ހޯދުމަށް އެހެން ވަސީލަތްތައް ބޭނުންކުރުމަށް ޔޫކްރެއިންގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީން އިލްތިމާސްކޮށްފައިވެއެވެ. ނަމަވެސް، މިކަމުގެ ފަހަތުގައިވާ ޓެކްނިކަލް ތަފްސީލުތައް މިނިވަން ގޮތެއްގައި އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ. ކިޔޭވްގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، ވެރިރަށަށް ހާއްސަ އެހެން އެޕްލިކޭޝަނެއް އެއްވެސް މައްސަލައެއް ނެތި މަސައްކަތްކުރަމުންދިޔައެވެ.

ޔޫކްރެއިންގެ މި ތުހުމަތުތަކާ ގުޅިގެން ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ރަސްމީކޮށް އެއްޗެއް ބުނެފައިވާކަން ނުވަތަ އެކަން ދޮގުކޮށްފައިވާކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް، ރަޝިޔާގެ އިމަޖެންސީ މިނިސްޓްރީގެ މޮބައިލް އެޕްލިކޭޝަނަށް މިއަދު ވަރުގަދަ ސައިބާ ހަމަލާއެއް އަމާޒުވެ، ދޮގު މައުލޫމާތުތަކެއް ފަތުރާފައިވާ ކަމަށް އެ ގައުމުން ބުނެފައިވާ ކަމަށް ޑީޑަބްލިއުއިން ރިޕޯޓުކޮށްފައިވެއެވެ.