ގއ. ނިލަންދޫގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުވެރިކަން އުފެއްދި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއެއް، ހާދިސާ ހިނގި ކަމަށް ބުނާ ގޭގެ ނަން ދައުވާގައި ނުބައިކޮށް އޮތުމުގެ ސަބަބުން ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކޯޓުން ހުކުމްކުރީ އެ ރަށު މުއުމިން ހަސަން އަދި އަލީ އިބްރާހީމްގެ މައްޗަށެވެ. މުއުމިންގެ މައްޗަށް ބިރުވެރިކަން އުފެދޭ ގޮތަށް އުޅުމުގެ ދައުވާއާއި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އުފުލިއިރު، އަލީ އިބްރާހީމްގެ މައްޗަށް އުފުލާފައިވަނީ ބިރުވެރިކަން އުފެދޭ ގޮތަށް އުޅުމުގެ ދައުވާއެވެ.

ދައުލަތުން ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ، 29 މެއި 2025 ގެ ރޭގަނޑުގެ ވަގުތެއްގައި، ނިލަންދޫ "މޯނިން ހައުސް" ކައިރީގައި އަލީ އިބްރާހީމް ދުއްވި ސައިކަލެއްގެ ފަހަތުގައި މުއުމިން ހަސަން ކަތިވަޅިއެއް ހިފައިގެން އިނދެ، އެ ސަރަހައްދުގައި ތިބި މީހުންނަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށެވެ.

ނަމަވެސް، ޝަރީއަތުގެ އަޑުއެހުންތައް ފެށުމާއެކު ދައުވާލިބޭ ފަރާތުން ވަނީ "މޯނިން ހައުސް" ކިޔާ ގެއެއް އެ ރަށުގައި އަސްލު ނުވެސް ހުންނަކަން ފާހަގަކޮށްފައެވެ. އަދި ދައުލަތުން ހުށަހެޅި ހަތަރު ހެކިން ވެސް ކޯޓުގައި ބުނެފައިވަނީ މި ހާދިސާ ހިނގީ "މޯނިން ސަން" ކިޔާ ގޭގެ ކައިރީގައި ކަމަށެވެ.

އެއާއެކު، ދައުލަތުން ވަނީ އެއީ ލިޔުމުގެ ކުށެއް ކަމަށް ބުނެ، ދައުވާ ފޯމު އިސްލާހުކުރުމުގެ ފުރުސަތަކަށް އެދިފައެވެ.

މި މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ހައްމާދު ވާފިރު ކުރެއްވި ހުކުމުގައި ބަޔާންކުރައްވާފައިވަނީ، ޝަރީއަތުގެ މަރުހަލާ ފެށުމަށްފަހު، މުޅި ދައުވާ ބިނާވެފައިވާ އަސާސީ ކަންކަން ބަދަލުކުރުމުގެ ފުރުސަތު ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންނުދޭ ކަމަށެވެ.

މީގެ އިތުރުން، ދައުވާ ފޯމުގެ އިތުރުން ފުލުހުންގެ ތަހުގީގު ބަޔާނުގައި ވެސް ލިޔެފައިވަނީ "މޯނިން ހައުސް" ކަމަށްވުމުން، ހެކިންގެ ވާހަކަތަކާއި ދައުލަތުގެ ލިޔެކިޔުންތަކާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރިއެވެ.

އެހެންކަމުން، ހާދިސާ ހިނގި ތަނާމެދު އުފެދުނު މި ބޮޑު ފުށުއެރުމުގެ ސަބަބުން، ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް ގާނޫނުއަސާސީ ލާޒިމުކުރާ "އެކަށީގެންވާ ޝައްކެއް ނެތް މިންވަރު" ހަމަނުވާތީ، މެޖިސްޓްރޭޓް ކޯޓުން ވަނީ މި ދެ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށް މައްސަލަ ނިންމާލާފައެވެ.