އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ ފަހު މެޗުގައި އޮޑި ސްޕޯޓްސް ކްލަބު ކައިރިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއަހަރު އަންހެން ފުޓުބޯޅަ މުބާރާތް ބާއްވާފައި ވަނީ ކްލަބުތަކަށް އަމާޒުކޮށްގެންނެވެ. މިއީ 2014 ވަނަ އަހަރަށްފަހު އަންހެން އެންމެ މަތީ ފަންތީގައި އަންހެން މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. ޖުމުލަ ހަ ޓީމަކުން ލީގު އުސޫލުން މުބާރާތް ކުޅެފައިވާ އިރު، އިއްޔެ ގައުމީ ދަނޑުގައި ކުޅުނު ޗެމްޕިއަންކަން ކަނޑައެޅި މެޗުގައި މާޒިޔާއިން އޮޑި ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މާޒިޔާއިން މެޗަކުން ބަލިނުވެ ލީގު ނެގި އިރު، އެޓީމަށް ވަނީ 13 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮޑި ނިންމާލީ 10 ޕޮއިންޓާއެކުގައެވެ. ތިން ވަނަ ހޯދި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ހަތަރު ވަނައިގައި ނިންމާލިނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވަނީ އަށް ޕޮއިންޓް ލިބިފައެވެ. ފަސްވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް ލިބުނު އިރު، މުބާރާތުގެ ފެއާ ޕްލޭ ޓީމުގެ މަގާމު ހޯދި ބިސް ބުރު ސްޕޯޓްސް ކްލަބް ވަނީ ހުރިހާ މެޗަކުން ބަލިވެފައެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގެ ކުރީކޮޅުގައި މާޒިޔާއިން ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ ނޭޕާލްގެ ފޯވަޑް، ރޭކާ ޕޮއުޑެލްއެވެ. އޭނާއަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.
އޭގެފަހުން މާޒިޔާއަށް ޕެނަލްޓީއެއް ލިބި، ރޭކާ އަތުން ބޭރަށް ދިޔަ އިރު، ދެވަނަ ހާފު ނިމެން ދަނިކޮށް ލީޑު ފުޅާކޮށްދިނީ ނޭޕާލްގެ އަނެއް ކުޅުންތެރިޔާ ދީފާ ޝާހީއެވެ.
މުބާރާތުގެ އެންމެ މޮޅު ދިވެހި ކުޅުންތެރިއަކީ އޮޑީގެ ފާތިމަތު ޝާލިޔާއެވެ.
އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ރޭކާ ހޮވުނު އިރު، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އުޒްބެކިސްތާން ކުޅުންތެރިޔާ، ރުސްޓުލައެވާ ލޭލާއެެވެ. އޭނާ ވަނީ ފަސް މެޗުން 10 ގޯލް ޖަހައިފައެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ވިކްޓަރީގެ އައިޝަތު ޝަހާ ޝަރީފެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ޗެމްޕިއަން މާޒިޔާގެ ކީޕަރު ފާތިމަތު ލީޒާ، ރޭކާ، ދީޕާ އަދި ޝައްފަ ޝިއުތުގެ އިތުރުން އޮޑީގެ ސާލިޔާ، ނަސްތާސިއާ ރަމްދާނީ، އިނާޝާ އާދަމް، ފިރުޝާނާ ނަސީރު، ވިކްޓަރީގެ ލޭލާއާއި ސަފީނާ އަދި ނިއުގެ މައީޝާ އަބްދުލް ހަންނާނެވެ.
އެފްއޭއެމް އަންހެން ފުޓުބޯޅަ ލީގު
އެފްއޭއެމް އަންހެން ފުޓުބޯޅަ ލީގު
އެފްއޭއެމް އަންހެން ފުޓުބޯޅަ ލީގު
އެފްއޭއެމް އަންހެން ފުޓުބޯޅަ ލީގު