އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުނު ފަހު މެޗުން މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ނިއުއިން ޓީސީ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

މިއަހަރުގެ އަންހެން ފުޓުބޯޅަ މުބާރާތް ބާއްވަމުން ދަނީ ކްލަބުތަކަށް އަމާޒުކޮށްގެންނެވެ. މިއީ 2014 ވަނަ އަހަރަށްފަހު އަންހެން އެންމެ މަތީ ފަންތީގައި އަންހެން މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. ޖުމުލަ ހަ ޓީމަކުން ލީގު އުސޫލުން މުބާރާތް ކުޅެމުން ދާ އިރު، މިއަދުގެ މެޗާއެކު ދެން ލީގުގައި އޮތް ފަހު ދެމެޗުވެސް ކުޅޭނީ ގައުމީ ދަނޑުގައެވެ.

ނިއުއިން މިއަދު ހޯދި މޮޅާއެކު ފަސް މެޗުން އަށް ޕޮއިންޓް ހަމަކޮށްފައިވާ އިރު، އެޓީމު މިވަގުތު އޮތީ ތިންވަނައިގައެވެ. އެހެން ނަމަވެސް އެ މަގާމު ޔަގީންކުރެވޭނީ ބިސް ބުރު ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބުން މާދަމާކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ވިކްޓަރީން ބިސް ބުރު އަތުން ދެ ގޯލަށްވުރެން ތަފާތު ބޮޑުކޮށް މޮޅުވެއްޖެނަމަ، ނިއުއިން މުބާރާތް ނިންމާލާނީ ހަތަރު ވަނައިގައެވެ.

މިއަދުގެ މެޗުގައި ނިއުގެ މަރިޔަމް ނޫރާއި ސުމާ މުހައްމަދު، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހާފައިވާ އިރު، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނޫރާއެވެ.

އަންހެން ލީގު ތަށްޓަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކްލަބު ވާދަކުރާ އިރު، އެދެޓީމު ކުޅޭ ލީގު ކަށަވަރު ކުރާ މެޗު އޮންނާނީ އަންގާރަ ދުވަހުއެވެ.