ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ (ވީއައިއޭ) ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުންތަކެއް ކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ފުލުހުންނާއި ވީއައިއޭގެ މުވައްޒަފުންތަކެއް މުޒާހަރާކޮށް ފުލުހުންނާ ކުރިމަތިލަމުންދާ މަންޒަރުތަކެކެވެ.

އެކަމާ ގުޅިގެން އެމްއޭސީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ވީޑީއޯގައި ފެންނަ މަންޒަރުތަކަކީ، ރޭ ވެލާނާ ވީއައިއޭގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެއްގެ މަންޒަރުތަކެއް ކަމަށެވެ.

އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދައި، އެ ކުންފުންޏާމެދު އޮންނަ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ކުންފުނީގެ އަގުވެއްޓޭ ގޮތަށް ފަތުރަމުންދާ މައުލުމާތަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މިއީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

މިފަދަ ސައްހަކަން ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށާއި ރަސްމީ ޗެނަލްތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން މައުލޫމާތުތައް ދައުރު ނުކުރުމަށް އެމްއޭސީއެލުން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.