އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) އިން ބާއްވާ "އޭޝިއާ-ޕެސިފިކް އެންޑް މިޑްލް އީސްޓްގެ 7 ވަނަ ރީޖަނަލް އޮޕަރޭޝަނަލް ސޭފްޓީ ކޮމިޓީ (އާރްއޯއެސްސީ)" ގެ އޭވިއޭޝަން ތަޖުރިބާކާރުންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަރުހަބާ ކިޔައިފިއެވެ.

މި ބައްދަލުވުމަކީ ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބާއްވާ ބައްދަލުވުމެކެވެ.

ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި މިއަދުން ފެށިގެން އަންނަ ބުދަ ދުވަހަށް ބާއްވާ މި ބައްދަލުވުމުގައި، އެ ކޮމިޓީ ތަމްސީލުކުރާ 23 މެންބަރުންގެ އިތުރުން ހަތް އޮބްޒާވަރުން ބައިވެރިވެއެވެ.

މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު މަންސޫރެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި ކުންފުނީގެ ސީނިއާ މެނޭޖްމަންޓް ބައިވެރިވެވަޑައިގެންނެވިއެވެ.

އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) އިން ބާއްވާ "އޭޝިއާ-ޕެސިފިކް އެންޑް މިޑްލް އީސްޓްގެ 7 ވަނަ ރީޖަނަލް އޮޕަރޭޝަނަލް ސޭފްޓީ ކޮމިޓީ (އާރްއޯއެސްސީ)" ގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލުން މިއަދު ބުނީ މި ބައްދަލުވުމަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނީ ފަރާތްތަކުން އެބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށް، ދަތުރުފަތުރުގެ އޮޕަރޭޝަންތަކުގައި އަލަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ހޯދުމަށާއި ސަރަހައްދީ ފެންވަރުގައި ސަލާމަތީ ކަންކަން އެއް މިންގަނޑަކަށް ގެނައުމަށް މަގުފަހިކޮށްދޭ އަގުހުރި ފުރުސަތުތަކެއް ހުޅުވިގެންދާނެ ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުމުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ އެއާސައިޑްގެ ރައްކާތެރިކަމާއި ގްރައުންޑް ހޭންޑްލިން އޮޕަރޭޝަންތަކާއި ރަންވޭގެ ސަލާމަތީ ކަންކަމުގެ އިތުރުން، ވައިގެ ދަތުރުފަތުރަށް އަލަށް ތައާރަފު ކުރެވެމުންދާ ޒަމާނީ ޓެކްނޮލޮޖީތަކުގެ މައްޗަށް ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

މީގެ އިތުރުން، މި ޕްރޮގްރާމުގެ ބައިވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަނުގެ އޮޕަރޭޝަންތައް ކުރިއަށްގެންދާ ގޮތް ބަލާލުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ހިންގަމުން އަންނަ ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަންތައް ބަލާލެވި، ރާއްޖޭގެ ރަށްތައް ގުޅުވައިދިނުމުގައި ވައިގެ ދަތުރުފަތުރު އަދާކުރާ މުހިންމު ދައުރު ބައިވެރިންނަށް އަމަލީ ގޮތުން ފެނިގެންދާނެ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

ސަރަޙައްދީ މިފަދަ މުހިންމު ހަރަކާތެއް ރާއްޖޭގައި ބޭއްވުމަކީ އެމްއޭ.ސީއެލްގެ އިތުރުން މުޅި ރާއްޖެއަށް ވެސް ލިބުނު ފަހުރެއް ކަމަށެވެ. މިކަމުން ހާމަކޮށްދެނީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ރާއްޖޭގެ ބައިވެރިވުން ފުޅާވަމުންދާ މިންވަރާއި ސަރަޙައްދީ އެއްބާރުލުން ވަރުގަދަކޮށް، އާ ވިސްނުންތައް ކުރިއަރުވައި، ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.