ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މުހިންމު 22 މަޝްރޫއެއް ހިންގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު މިއަދު ސޮއިކުރެއްވި އިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

މިއަދު ސޮއިކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ރަށްރަށުގެ މަގުހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ހެދުމުގެ އިތުރުން މޫދަށް އެރޭ ސަރަހައްދުތަކާއި އިމާރާތްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

10 ނޮވެމްބަރު 2026، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މުހިންމު 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް އެއްބަސްވުންތަކުގައި ސޮއިކުރުން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

މަގުހެދުމުގެ މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވަނީ އދ. ހަންޏާމީދޫ، ބ. ކަމަދޫ، ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫ އަދި ތ. ވަންދޫގައެވެ. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް އއ. މާޅޮސް، ހއ. ތުރާކުނު، ހދ. ނައިވާދޫ، ހއ. ވަށަފަރު އަދި ނ. މިލަދޫގައި ކުރިއަށްދާނެއެވެ. އަދި ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫއުތައް ކުރިއަށްދާނީ ކ. ތުލުސްދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވިލުފުށި އަދި ނ. ހޮޅުމީދޫގައެވެ.

މީގެ އިތުރުން ހދ. ވައިކަރަދޫގައި ސްލިޕްވޭއަކާއި މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ އިރު، ރ. ފައިނުގައިވެސް މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުމަށް ވަނީ ނިންމައިފައެވެ. އަދި ފުވައްމުލަކު ސިޓީގައި ނުވަ ފަންގިފިލާގެ އޮފީސް ކޮމްޕްލެކްސްއެއް އިމާރާތްކުރުމުގެ މަޝްރޫއު ވެސް މީގެ ތެރޭގައި ހިމެނެއެވެ.