އައްޑޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ، އަންނަ 2027 ވަނަ އަހަރުގެ ބަޖެޓް ކޮންޓިންޖެންސީގެ ތެރެއިން ހަމަޖައްސައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާހެއް ނުކޮށްދިނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީން ފޮނުވިގޮތަށް އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް ފާސްކުރަން ފެނޭތޯ ވޯޓަށް އެއްސެވުުމުގެ ކުރިން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 23 އިސްލާހެއް މެންބަރުން ބަޖެޓަށް ހުށަހަޅުއްވާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލިސް ގަވާއިދުގެ 36 ވަނަ މައްދާގެ (ށ) އަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 25 ވަނަ ބާބުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަަ ވަނީ އެ އިސްލާހުތަކުގެ ތެރެއިން ހަތް އިސްލާހުގެ ކަމަށެވެ. އެއް އިސްލާހު އަނބުރާ ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލިސް ގަވާއިދުގައި ބުނާ ޝަރުތު ހަމަވާ އިސްލާހުތަަކަށް ވޯޓަށް އެއްސެވިއެވެ.

އެ ހުރިހާ އިސްލާހެއް ހުށަހެޅުއްވީ އެމްޑީޕީގެ މެންބަރުންނެވެ. އޭގެ ތެެރެއިން އެންމެ ފުރަތަމަ އިސްލާހާއި ދެވަނަ އިސްލާހު ހުށަހެޅުއްވީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގެވެ.

އެ އިސްލާހު ހުށަހަޅުއްވަމުން މެންބަރު ސާދިގު ވިދާޅުވީ، 2027 ވަނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8,211,992,410 (8.2 ބިލިއަން) ރުފިޔާ ކަނޑައަޅާފައިވާކަން ކޮމިޓީ ރިޕޯޓުގައި ބަޔާންކޮށްފައިވާ އިރު، ބަޖެޓު ކޮންޓިންޖެންސީގެ ގޮތުގައި 1,000 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ހިނގަމުންދާ މަޝްރޫއުތަކަށް އިސްކަންދީ، އެ މަޝްރޫއުތައް ބުރޫނާރާނެހެން ކުރިއަށްގެންދިއުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލަފާދެއްވާފައިވާކަން ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށާއި، ސަރަހައްދީ އެއަޕޯޓުތަކުގެ ކެޕޭސިޓީ އިތުރުކުރެވުމާއެކު ފަތުރުވެރިން އިތުރުވެފައިވާކަން ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އައްޑޫ އެއާޕޯޓަކީ ދެކުނުގެ ސަރަހައްދުގެ އިގުތިސާދަށާއި ފަތުރުވެރިކަމަށް މުހިންމު މަޝްރޫއަކަށްވުމުން، އައްޑޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ، 2027 ވަނަ އަހަރުގެ ބަޖެޓް ކޮންޓިންޖެންސީގެ ތެރެއިން ހަމަޖައްސައި، އެ މަޝްރޫއު ނިންމާނެ މުއްދަތާއި ޖުމްލަ ހަރަދުގެ ތަފްސީލު، ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަޖެޓުގައި ހިމެނުމަށް ހުށަހެޅުއްވިއެވެ.

އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.

އެ އިސްލާހަށް ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 79 މެންބަރުންގެ ތެެރެއިން، އައްޑޫ މީދޫ ދާއީރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާނާއި، އެމްޑީޕީ މެންބަރުން ހިމެނޭހެން އެ އިސްލާހު ފާސްކުރަން ވޯޓުދެއްވީ އެންމެ 14 މެންބަރުންނެވެ.

މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ވެރިކަންކުރާ ޕީއެންސީ މެންބަރުން ހިމެނޭހެން އެ އިސްލާހު ފާސްނުކުރަން 64 މެންބަރުން ވޯޓު ދެއްވިއެވެ.