އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް، ބަދަލެއް ނުގެނެސް މިއަދު ފާސްކުރިއިރު، ބަޖެޓު ކޮންޓިންޖެންސީ 100 މިލިއަން ރުފިޔާ، ކައުންސިލްތަކަށް ބަޖެޓުގައި ކަނޑައަޅަން ހުށަހެޅި އިސްލާހު ފާހެއްނުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީން ފޮނުވިގޮތަށް އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް ފާސްކުރަން ފެނޭތޯ ވޯޓަށް އެއްސެވުުމުގެ ކުރިން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 23 އިސްލާހެއް މެންބަރުން ބަޖެޓަށް ހުށަހަޅުއްވާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލިސް ގަވާއިދުގެ 36 ވަނަ މައްދާގެ (ށ) އަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 25 ވަނަ ބާބުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަަ ވަނީ އެ އިސްލާހުތަކުގެ ތެރެއިން ހަތް އިސްލާހުގެ ކަމަށެވެ. އެއް އިސްލާހު އަނބުރާ ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލިސް ގަވާއިދުގައި ބުނާ ޝަރުތު ހަމަވާ އިސްލާހުތަަކަށް ވޯޓަށް އެއްސެވިއެވެ.

އެ ހުރިހާ އިސްލާހެއް ހުށަހެޅުއްވީ އެމްޑީޕީގެ މެންބަރުންނެވެ. އޭގެ ތެެރެއިން އެންމެ ފުރަތަމަ އިސްލާހާއި ދެވަނަ އިސްލާހު ހުށަހެޅުއްވީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގެވެ.

ފުރަތަމަ އިސްލާހު ހުށަހަޅުއްވަމުން ސާދިގު ވިދާޅުވީ، 2027 ވަނަ އަހަރު ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ތެރެއިން ހުރިހާ މުވައްޒަފުން އާ ޕޭ ފްރޭމްވޯކަށް ބަދަލުވުމުން މުވައްޒަފުންގެ ހަރަދު އިތުރުވާނެކަން ބަޖެޓް ދިރާސާކޮށް ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ޕޭ ހާމަނައިޒޭޝަނާއި މުވައްޒަފުން އިތުރުވުމުގެ ސަބަބުން މުސާރަ އާއި އެލަވަންސަށް ކުރާ ހަރަދު 2027 ވަނަ އަހަރު 14,420 މިލިއަން ރުފިޔާއަށް އަރާނެކަން ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓަކީ ދައުލަތުގެ އާމްދަނީއާ ގުޅިފައިވާ ހަރަދެއްކަން ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވާ އިރު، 2027 ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް އާ ފިޔަވަޅުތަކެއް ހުށަހަޅާފައިނުވާކަން ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިގޮތުނ،ް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރައާއި އެލަވަންސް ބޮޑުވި ނަމަވެސް، އެ ހަރަދު ހަމަޖެއްސުމަށް ބޭނުންވާ މިންވަރަށް ގްރާންޓް ބޮޑުވެފައިނުވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

އޭގެ އިތުރުން 2027 ވަނަ އަހަރުގެ ބަޖެޓުގައި ބަޖެޓު ކޮންޓިންޖެންސީގެ ގޮތުގައި 1,000 މިލިއަން ރުފިޔާ ހިމަނާފައިވާކަން ރިޕޯޓުގައި ބަޔާންކޮށްފައިވާ އިރު، އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދަތިވެއްޖެނަމަ ބޭނުންވާ ފައިސާ ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން މިނިސްޓްރީން ދެއްވާފައިވާކަން ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރެވޭނެހެން، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރަ އާއި އެލަވަންސް އިތުރުވުމުން، ބޭނުންވާ ފައިސާ ހަމަޖެއްސުމަށް 2027 ވަނަ އަހަރުގެ ބަޖެޓު ކޮންޓިންޖެންސީގެ 10 އިންސައްތަ ނުވަތަ 100 މިލިއަން ރުފިޔާ ކައުންސިލްތަކަށް ވަކިން ކަނޑައަޅައި، އެ ފައިސާ ބަހާނެ ގޮތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ބަޖެޓުގައި ހިމެނުމަށް އޭނާ ހުށަހެޅުއްވިއެވެ.

މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.

އެ އިސްލާހަށް ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 79 މެންބަރުންގެ ތެެރެއިން، އައްޑޫ މީދޫ ދާއީރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާނާއި، އެމްޑީޕީ މެންބަރުން ހިމެނޭހެން އެ އިސްލާހު ފާސްކުރަން ވޯޓުދެއްވީ އެންމެ 14 މެންބަރުންނެވެ.

މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ވެރިކަންކުރާ ޕީއެންސީ މެންބަރުން ހިމެނޭހެން އެ އިސްލާހު ފާސްނުކުރަން 64 މެންބަރުން ވޯޓު ދެއްވިއެވެ.