ނުނިމިހުރި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމުމަށް ކޮންޓިންޖެންސީގެ ތެރެއިން 200 މިލިއަން ރުފިޔާ ހޭދަކުރަން ވަކިން ބަޖެޓްގައި ކަނޑައަޅަން ހުށަހެޅި އިސްލާހު ފާހެއް ނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީން ފޮނުވިގޮތަށް އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް ފާސްކުރަން ފެނޭތޯ ވޯޓަށް އެއްސެވުުމުގެ ކުރިން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 23 އިސްލާހެއް މެންބަރުން ބަޖެޓަށް ހުށަހަޅުއްވާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލިސް ގަވާއިދުގެ 36 ވަނަ މައްދާގެ (ށ) އަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 25 ވަނަ ބާބުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަަ ވަނީ އެ އިސްލާހުތަކުގެ ތެރެއިން ހަތް އިސްލާހުގެ ކަމަށެވެ. އެއް އިސްލާހު އަނބުރާ ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މަޖިލިސް ގަވާއިދުގައި ބުނާ ޝަރުތު ހަމަވާ އިސްލާހުތަަކަށް ވޯޓަށް އެއްސެވިއެވެ.
އެ ހުރިހާ އިސްލާހެއް ހުށަހެޅުއްވީ އެމްޑީޕީގެ މެންބަރުންނެވެ. އޭގެ ތެެރެއިން ހުޅުމާލެ ދެކުނު ދާއިރާގެ މންބަރު ޑރ. އަހްމަދު ޝަމްހީދު ބަޖެޓަށް އިސްލާހު ހުށަހަޅުއްވަމުން ވިދާޅުވީ، އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ބަޖެޓު ކޮންޓިންޖެންސީގެ ގޮތުގައި ހިމެނިފައިވާ 1,000 މިލިއަން ރުފިޔާގެ ތެރެއިން 200 މިލިއަން ރުފިޔާ، ނުނިމިހުރި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމުމަށް ހޭދަކުރަން ހުށަހަޅާ ކަމަށެވެ.
މީގެ އިތުރުން މި ބަޖެޓުގައި ޕީއެސްއައިޕީއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތަފްސީލު ހިމެނޭ ގޮތުގެ ރިޕޯޓެއް މިނިސްޓްރީ އޮފް ފިނޭންސްއިން ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުމަށް ވެސް ހުށަހެޅުއްވިއެވެ. އަދި ބަޖެޓުން ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ނަމާއި ޕްރޮޖެކްޓް ހިންގުމަށް ކަނޑައެޅިފައިވާ ރަށާއި އަދި މި އަހަރުގެ ބަޖެޓުން ކޮންމެ ޕްރޮޖެކްޓަކަށް ހޭދަ ކުރަން ކަނޑައެޅިފައިވާ ފައިސާގެ އަދަދު، ބަޖެޓް ކޮމިޓީ ރިޕޯޓްގައި ހިމަނަންވެސް ހުށަހެޅުއްވިއެވެ.
މި ހުށަހެޅުންތަކަށް ތާއީދު ކުރެއްވީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.
އެ އިސްލާހަށް ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 79 މެންބަރުންގެ ތެެރެއިން، އައްޑޫ މީދޫ ދާއީރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާނާއި، އެމްޑީޕީ މެންބަރުން ހިމެނޭހެން އެ އިސްލާހު ފާސްކުރަން ވޯޓުދެއްވީ އެންމެ 14 މެންބަރުންނެވެ.
މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ވެރިކަންކުރާ ޕީއެންސީ މެންބަރުން ހިމެނޭހެން އެ އިސްލާހު ފާސްނުކުރަން 64 މެންބަރުން ވޯޓު ދެއްވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް