ސާފް ޗެމްޕިއަންޝިޕް 2026 ގެ ސެމީ ފައިނަލުގައި ބަންގްލަދޭޝް ބަލިވި މެޗުގައި ވަކި ކުޅުންތެރިޔަކު ގޯސް ހަދައިގެން އެކަމާ ވަކި ކުޅުންތެރިޔަކަށް އަމާޒުކޮށް ބަދުބަސް ބުނެގެން ނުވާނެ ކަމަށް ބަންގްލަދޭޝްގެ ކެޕްޓަން، ޝެފީލްޑް ޔުނައިޓެޑްގެ ހަމްޒާ ޗޯދުރީ ބުނެފިއެވެ.

ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ ސެމީގައި ޕާކިސްތާނުން މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބަންގްލަދޭޝްއިން 23 އަހަރަށްފަހު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ކުރަމުން އަންނަ މަސައްކަތް ނިމިގެން ދިޔައީ ކަރުނައިގެ ހިތްދަތިކަމާއެކުގައެވެ. އެއީ ޕާކިސްތާނުން ސާފްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މެޗުގެ ފަހުކޮޅުގައި ޕާކިސްތާންގެ ގޯލް ޖެހީ އަބްދުލް ސަމަދު ޝަހްޒާދު އަރުޝަދެވެ. އެ ގޯލަކީ ބަންގްލަދޭޝްގެ ކީޕަރު ބަންގްލަދޭޝްގެ ކީޕަރު މެހްދީ ހަސަން ސްރަބޮން ބޯޅަ އެއްލަން އުޅުމުގެ ތެރޭގައި ކައްސާލައިގެން ދިޔުމުން ޕާކިސްތާނަށް ފަހިވި ފުރުސަތެއްގައި ޖެހި ގޯލެކެވެ. މެޗަށްފަހު ނޫސްވެރިންވެސް ވަނީ ކީޕަރު މައްސަލައިގައި ކޯޗު ތޯމަސް ޑޫލީއާ ސުވާލު ކޮށްފައެވެ.

މިކްސް ޒޯންގައި މީޑިއާތަކާ ވާހަކަ ދައްކަމުން ކުރިން ލެސްޓާ ސިޓީއަށް ކުޅުނު ހަމްޒާ ބުނީ ބައްޔަކީ ވަރަށް ވަރަށް ހިތްދަތި ބައްޔެއް ނަމަވެސް ވަކި ކުޅުންތެރިޔަކު އެކަމުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށެވެ.

"މިއީ ވަރަށް ވަރަށް ބޮޑު ހިތްދަތިކަމެއް. ކުޅުންތެރިންނަށް އެކަންޏެއް ނޫން. ސަޕޯޓަރުންނަށްވެސް މުޅި ގައުމަށްވެސް. އެކަމަކު މިއީ ﷲ މިންވަރު ކުރެއްވި ގޮތް. އަހަރެމެންގެ ތެރެއިން ވަކި ކުޅުންތެރިޔަކަށް މިކަމުގައި ބަދުބަސް ނުބުނެވޭނެ. އަހަރެމެން ކުޅުނީ 11 ކުޅުންތެރިންނާ 11 ކުޅުންތެރިންނާ. އެހެންވީމަ ވަކި ކުޅުންތެރިޔަކަށް އެހެން އެއްޗެހި ނުގޮވޭނެ،" ހަމްޒާ ހިތްފަޅައިގެން ގޮސްފައި ހުރެ ބުންޏެވެ.

ހަމްޒާ ބުނީ ޕާކިސްތާނުން ފުރަތަމަ ހާފުގައި ދަށްކޮށް ކުޅުމަށްފަހު ފަހުން ރަނގަޅު ހަކަތައެއްގައި ދެވަނަ ހާފަށް ނުކުންނަން ވަކި ޕްލޭނެއް ހެދި ކަމަށް ގަބޫލު ނުކުރާ ކަމަށާއި، ޕާކިސްތާނުން ދެވަނަ ހާފަށް ނުކުތީ އެހެން ގޭމް ޕްލޭނެއެއްގައި ކަމަށެވެ. ހަމްޒާ ބުނީ ޕާކިސްތާނުން ނަތީޖާ ނެރުނީ މާ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްގެން ނޫން ކަމަށާއި، އެޓީމުން ލިބުނު ފުރުސަތު ބޭނުން ހިފީ ކަމަށެވެ.