"މިއީ ބަންގްލަދޭޝްގެ ތާރީހުގައިވެސް ފުޓުބޯޅައިގައި ކުރިމަތިވި އެންމެ ހިތްދަތި، އެންމެ ހިތާމަވެރި ރޭ،" އެގައުމުގެ ނޫސްވެރިޔަކު ރޭގެ ބަލި ސިފަކުރަމުން ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕް 2026 ގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރީ ހޯސްޓް ބަންގްލަދޭޝްއެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި އެގައުމުގެ ގައުމީ ޓީމަށް އައިސްފައިވާ ބަދަލުތަކާއެކު ބަންގްލަދޭޝް އުންމީދުކުރީ 23 އަހަރު ފަހުން ސަރަހައްދީ ޗެމްޕިއަންކަން ހޯދުމަށެވެ. 2003 ވަނަ އަހަރު އަމިއްލަ ގައުމުގައި ހޯދި ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބީ ތަކުރާރުކުރުމަށެވެ. އެހެން ނަމަވެސް، އެކަމަށް ކުރި އިންތިޒާރު ނިމުނީ ހިތިކޮށެވެ. ހިތްދަތިކޮށެވެ.
ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ބަންގްލަދޭޝްއިން ޕާކިސްތާން ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެއީ ފަހުވަގުތު ކޮޅަށް ގޯލް ވަދެގެންނެވެ. މިއީ ޕާކިސްތާނުން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ދާދި ހަމަހަމަކޮށް ފެނުނު މެޗަށް ފެވަރިޓުންނަކީ ބަންގްލަދޭޝް ނަމަވެސް، ޕާކިސްތާންގެ ސްކޮޑު ހަމަވުމާއެކު އެޓީމު ފެނުނީ ޑިސިޕްލިން، ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. މެޗުގެ ކޮންޓްރޯލް ބަންގްލަދޭޝްއަކަށް ލިބޭ ގޮތެއް ނުވިއެވެ. ޕާކިސްތާނުން ތައްޔާރުވެފައި އޮތީ މާ ފުރިހަމައަށެވެ.
"އަހަރެމެންނަށް މެޗު ވެގެންދިޔައީ ވަރަށް އުނދަގޫ މެޗަކަށް. އެންމެ ފުރަތަމަ މިނެޓުން ފެށިގެންވެސް އަހަރެމެންނަށް ގޭމް ތެރެއަށް ވަންނާކަށް ޕާކިސްތާނުން ޖާގައެއް ނުދިން. ފެންނާނެ އަހަރެމެންގެ ވަރަށް ގިނަ ޕާސްތަކެއް ގެއްލިގެން ދިޔަތަން. ޕާކިސްތާން ކުޅުންތެރިން އަހަރެމެންގެ ޕާސްތައް ވަރަށް ގިނައިން އިންޓަސެޕްޓް ކުރި. އަހަރެމެންގެ ކުޅުންތެރިންގެ ފަރާތުން ފެންނާނެ ޕާކިސްތާނުގެ އެ މަސައްކަތުން މާޔޫސްވި މިންވަރު. ޕާކިސްތާން ކުޅުންތެރިންނަށް މާކުރިން އެނގޭ އަހަރެމެން ޕާސްތައް ޖަހާނެތަން،" ނޫސްވެރިންގެ ކުރިމައްޗަށް އެރިއިރުވެސް ޕްރެޝަރުގައި ހުރި ބަންގްލަދޭޝްގެ ކޯޗު ތޯމަސް ޑޫލީ ބުންޏެވެ.
ޑާކާ ނެޝަނަލް ސްޓޭޑިއަމް އެއްކޮށް ކަހަލަ ގޮތަކަށް ރޭގެ މެޗަށް އޮތީ ފުރިފައެވެ. ވިއްސަކަށް ހާސް ސަޕޯޓަރުން އުންމީދުކުރަމުން ދިޔައީ މިއީ ބަންގްލަދޭޝްގެ ފަހަރު ކަމަށެވެ. ސަޕޯޓަރުންގެ އުންމީދުތަކަށް ވާސިލުވުން ވެގެން ދިޔައީ ކުޅުންތެރިންނަށް ޕްރެޝަރަކަށެވެ. ހަމްޒާ ޗޯދުރީ ފަދަ ކުޅުންތެރިން ޓީމުގައި ތިބުމާއެކު ސަޕޯޓަރުން އުންމީދުކުރީ އުނދަގޫކަމެއް ނެތި، މާޔޫސްވުމެއް ނެތި މިފަހަރު މުބާރާތް ނަގަން ނަމަވެސް، ޕާކިސްތާނުގެ ކީޕަރު ޔޫސުފް އީޖާޒް ބަޓް މެޗުގެ ކުރިން ބުނި ވާހަކަވީ ތެދަކަށެވެ.
ބަންގްލަދޭޝް ނޫސްވެރިންނާއި ސަޕޯޓަރުންނަށް އެގައުމުގެ ތަރިން ފެނުނު ނަމަވެސް، ޕާކިސްތާނުގައި ތިބި ތަރިން ރޭ މާ ރަނގަޅަށް ކުޅުނެވެ. ކުރިން ވެސްޓް ބްރޮމްގައި ދުވަސްތަކެއް ހޭދަކުރި އާދިލް ނަބީ މިޑްފީލްޑް ޑޮމިނޭޓް ކުރި އިރު، ސްވިޑެންގެ އެންމެފަހުގެ ޗެމްޕިއަން މިޔެލްބީއަށް ކުޅެމުން އަންނަ އަބްދުﷲ އިގްބާލް ކުޅުނީ އާދަޔާހިލާފު މޮޅު މެޗެކެވެ. ގޯލް ޖަހައިދިނީ ޑެންމާކު ދެވަނަ ޑިވިޝަންގައި ކުޅެމުން އަންނަ އަބްދުލް ސަމަދު ޝަހްޒާދު އަރުޝަދެވެ.
"އަހަރެން ފުރަތަމަ ހާފަށް ފަހުގައި ބުނިން ޕާކިސްތާނުން އެމީހުން ބޭނުންވާ ގޮތަށް މެޗު ކޮންޓްރޯލް ކުރާ ކަމަށް. އެއީ ގޭމް މަޑުޖައްސައިގެން، ލަސްކޮށްގެން. އަހަރެން ބުނިން އަހަރެމެން އެބަ ޖެހެއޭ މޫވްތައް އަވަސްކުރަން. އެކަމަކުވެސް ދެވަނަ ހާފުގައިވެސް އަހަރެމެންނަށް ބޯޅަ ހިފަހައްޓައިގެން މަޑުކުރެވުނީ. އެހެންވީމަ މެޗުގެ ކޮންޓްރޯލް ދިޔަ، އެއީ ޕާކިސްތާނުގެ ތަޖުރިބާކާރު ކުޅުންތެރިން ބޭނުންވި ގޮތް،" ޑޫލީ ބުންޏެވެ.
މެޗުގެ ހަމައެކަނި ގޯލް އަރުޝަދު ޖެހުމާއެކު މުޅި ސްޓޭޑިއަމް ފަޅުވިއެވެ. އެއް ވާނަކަށް ހަޅޭލަވަމުން ދިޔަ ބަންގްލަދޭޝްގެ ހުރިހާ ސަޕޯޓަރުންނަށް ލިބުނީ ސިހުމެކެވެ. އެއީ ޓީމަށް ޕްރެޝަރު އޮތް ވަރެވެ. ނޫސްވެރިންގެ މޫނުމަތިންވެސް ފެނުނީ މާޔޫސްކަމެވެ. ބަންގްލަދޭޝްގެ ކޮންމެ އެޓޭކަކާއެކު ފޯރި ނަގަމުން ދިޔަ ނޫސްވެރިންގެ ބަސްވެސް އެހިސާބުން ހުއްޓުނެވެ. އެތައް ހާސް ބަޔަކު އެކަމަކު އެދިއެދި ތިބި ތަށި ބީވެގެން ދާކަން ޔަގީންވުމުންނެވެ. އެ ވަގުތުކޮޅުން ސިފަކޮށްދިނީ މި ތަށްޓަށް ބަންގްލަދޭޝްއަށް އޮތް ޕްރެޝަރެވެ.
"މިހާ ޕްރެޝަރާ ކުރިމަތިވުމުން ބައެއް ކުޅުންތެރިންގެ ކުޅުމަށް އަންނާނެ ބަދަލު. ހޯމް ދަނޑުގައި، އެތައް ސަޕޯޓަރުންނެއްގެ ކުރިމަތީގައި ފައިނަލަކަށް ދާން ނުކުތުމުން ބައެއް ސަޕޯޓަރުންނަށް އެ ޕްރެޝަރުގެ އަސަރުކުރި. މިއީ ތަޖުރިބާއެއް. ބައެއް ކުޅުންތެރިންނަށް މި ހާލަތުވީ ހައިރާން ކަމަކަށް، އެހެންވީމަ އަދި ދަސްވާނެ،" ބަންގްލަދޭޝް ކޯޗު ޑޫލީ ބުންޏެވެ.
މިހިސާބުން ގައުމީ ޓީމު ދޫކޮށްލަން ވިސްނާތޯ ސުވާލުކުރުމުން ޑޫލީ ބުނީ މިއީ ކުރިއަރަމުންދާ ޓީމެއް ކަމަށެވެ. ހަނި ގޮތަކަށްވީ ބައްޔަކުން ދުރަށް ޖެހެން ނުވިސްނާ ކަމަށެވެ. އަދި އިތުރު ކުޅުންތެރިން ޓީމަށް އިތުރުކޮށް، އިތުރަށް ޓީމު ބިނާކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ބަންގްލަދޭޝްގެ ލީގު ފުޓުބޯޅައަށް އޮތް ސަމާލުކަން ކުޑަވެ، އަމިއްލަ ފަސްގަނޑުން ކުޅުންތެރިން ކުރިއެރުން އޮތީ އަދިވެސް އުނދަގޫ ހާލަތެއްގައެވެ. ބައެއް ނޫސްވެރިން ސިފަކުރި ގޮތުގައި ބަންގްލަދޭޝްއިން ބޭރު ލީގުތަކުގައި ކުޅޭ އެގައުމުގެ އާއިލާތަކަށް ނިސްބަތްވާ ކުޅުންތެރިން ގެނެސް ގައުމީ ޓީމު ވަރުގަދަ ކުރީ ޝޯޓްކަޓެއް ނެގުމަށެވެ. އެ ވިސްނުމަކީ ގޯސް ވިސްނުމެއް ކަމަށްވެސް އެ ނޫސްވެރިން ފާހަގަކުރެއެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ބަންގްލަދޭޝްގައި ފުޓުބޯޅައަށް އޮތް ގަދަރު އިތުރުކުރުމަށްވެސް ބޭނުންވި ސާފް ޗެމްޕިއަންޝިޕެކެވެ. ކްރިކެޓަށް މަރުދޭ ބަންގްލަދޭޝްގައި ފުޓުބޯޅައިގެ ސަގާފަތެއް އަށަގަންނަމުންދާ ދިއުމަށް މިފަހަރު ތަށި މުހިއްމުވި ނަމަވެސް، އަނެއްކާވެސް މި ޖެހުނީ އިންތިޒާރެއް ކުރާށެވެ. ރޭގެ މެޗަށްފަހު ސަޕޯޓަރުންގެ ނުރުހުން ހުރި ވަރު ސާފުވިއެވެ. ސްޓޭޑިއަމްގައި އަލިފާންގަނޑެއް ޖަހަންވެސް ފަހަކަށް ނުޖެހުނެވެ. އެ މާޔޫސީ ވަގުތުތަކުން ދައްކައިދިނީ މިއީ ކުރިން މުބާރާތުން ކަޓައިގެން ދިޔަ ދިއުމަށްވުރެ މާ ހިތްދަތި ވަކިވުމެއް ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް