ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ދިނާޔާ އެ މަގާމަށް އައްޔަންކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

އެއަށްފަހު އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ވަނީ، މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.

ދިޔާނާ ބަންޑާރަ ނައިބު ކަމުގެ މަގާމު އަދާކުރެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެއަށްފަހު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވެވިއެވެ.

ދިޔާނާ މިހާރު ހުންނެވީ، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މިސަރުކާރުން އައްޔަން ކުރެއްވި، އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ.