ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިސްރަށް ދޭން ނިންމާފައިވާ މެކްރޯ-ފައިނޭންޝަލް އެހީގެ ތެރެއިން 1.5 ބިލިއަން ޔޫރޯ (1.72 ބިލިއަން އެމެރިކާ ޑޮލަރު) ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލިބޭނެ ކަމަށް އެ ގައުމުން ބުނެފިއެވެ. މިއީ މިސްރުގެ އިގްތިސޯދީ ހާލަތު ރަނގަޅުކުރުމަށް އީޔޫއިން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ މުހިންމު ބައެކެވެ.

މިސްރުގެ އާ އިދާރީ ވެރިރަށުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގައުމުގެ ހާރިޖީ ވަޒީރު ބަދްރު އަބްދުލްއަތީ ވިދާޅުވި ގޮތުގައި، މިއީ އީޔޫއިން ދޭން އެއްބަސްވެފައިވާ 5 ބިލިއަން ޔޫރޯގެ ޕެކޭޖުގެ ތެރެއިން ބާކީ އޮތް 3 ބިލިއަން ޔޫރޯގެ ފުރަތަމަ ބައެވެ. އަދި ބާކީ އޮތް 1.5 ބިލިއަން ޔޫރޯ މިއަހަރުގެ ފަހުކޮޅު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފައިސާއަކީ ސަރަހައްދީ ހަމަނުޖެހުންތަކާއި، ރަތް ކަނޑުގެ ދަތުރުފަތުރަށް އެރި ހުރަސްތަކާ ގުޅިގެން ސުއޭޒް ކެނަލްގެ އާމްދަނީން ގެއްލުނު 10.5 ބިލިއަން ޑޮލަރުގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ދޭ އެހީއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ 2024 ވަނަ އަހަރު އީޔޫއިން އިއުލާނުކުރި 7.4 ބިލިއަން ޔޫރޯގެ ފުޅާ ޕާޓްނަޝިޕްގެ ދަށުން ދޫކުރާ ފައިސާއެވެ. މި ޕާޓްނަޝިޕްގެ މަގުސަދަކީ މިސްރުގެ އިގްތިސޯދު ހަރުދަނާކޮށް، ޔޫރަޕާއި މިސްރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

މިސްރުގެ މިނިސްޓަރ އޮފް ޕްލޭނިން، އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން ރާނިޔާ އަލް-މަޝާތު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ލުއި ޝަރުތުތަކާއެކު ލިބޭ ބަޖެޓު ސަޕޯޓަކީ ކުރު މުއްދަތުގެ މާލީ ފިއްތުންތައް ކުޑަކޮށް، ދަރަނި އަދާކުރުމުގެ މުއްދަތު ފަސްކުރުމަށް ލިބޭ ވަރަށް މުހިންމު އެހީއެކެވެ. މީގެ ސަބަބުން އިންސާނީ ތަރައްގީގެ ޕްރޮގްރާމްތަކަށް ހޭދަކުރުމުގެ ޖާގަ ސަރުކާރަށް ތަނަވަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީޔޫއިން މިހާތަނަށް ވަނީ މި ޕެކޭޖުގެ ދަށުން 2 ބިލިއަން ޔޫރޯ މިސްރަށް ދޫކޮށްފައެވެ. އެއީ 2025 ވަނަ އަހަރުގެ ޖެނުއަރީގައި ދޫކުރި 1 ބިލިއަން ޔޫރޯއާއި، މިއަހަރުގެ ކުރީކޮޅު ދޫކުރި 1 ބިލިއަން ޔޫރޯއެވެ.