ޑްރޯނާއި މިސައިލް އަދި ފައިޓަރ ޖެޓް ގަތުމަށް ވިލާތުގެ އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން - އީޔޫ) އިން ޔޫކްރެއިނަށް 3.47 ބިލިއަން ޔޫރޯ (3.9 ބިލިއަން ޑޮލަރު) ގެ އެހީއެއް މިއަދު ދީފިއެވެ.
ޔޫރަޕިއަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ދުރު ރާސްތާގެ ޑްރޯނާއި، ވައިގެ ދިފާއީ ނިޒާމުތަކާއި، މިސައިލް އަދި ސްވިޑަންގައި އުފައްދާފައިވާ 'ސާބް ގްރިޕެން' މަރުކާގެ ފައިޓަރ ޖެޓުތައް ގަތުމަށެވެ. މިއީ އީޔޫއިން ޔޫކްރެއިނަށް ދިނުމަށް ފާސްކޮށްފައިވާ 90 ބިލިއަން ޔޫރޯގެ ލޯނު އެހީގެ ޕްރޮގްރާމްގެ ދަށުން ދޫކުރި ފައިސާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔޫކްރެއިނުގެ ބޮޑުވަޒީރު ސަރްހީ ކޮރެޓްސްކީ ވިދާޅުވި ގޮތުގައި، މި ފައިސާގެ ސަބަބުން އެ ގައުމުގެ ދިފާއީ ބާރު ވަރުގަދަވެ، އަސްކަރީ ގޮތުން ބޭނުންވާ މުހިންމު އާލާތްތައް އަވަހަށް ހޯދުމަށް މަގުފަހިވާނެއެވެ. ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑެ ލޭޔަން ވިދާޅުވި ގޮތުގައި، މި އެހީގެ ސަބަބުން ޔޫކްރެއިނުގެ ވައިގެ ސަރަހައްދު ހިމާޔަތްކުރުމަށް އެހީތެރިވެދޭނެއެވެ. އަދި މިއީ ޔޫރަޕާއި ޔޫކްރެއިނުގެ ދިފާއީ ސިނާއަތްތައް ގުޅިގެން މަސައްކަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އަހަރުގެ މިހާތަނަށް އީޔޫއިން ވަނީ ޔޫކްރެއިނުގެ ދިފާއީ ކަންކަމަށް 8.5 ބިލިއަން ޔޫރޯ ދޫކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ދިފާއީ އެހީގެ ގޮތުގައި ޖުމްލަ 28.3 ބިލިއަން ޔޫރޯ ދޫކުރާނެ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ވަނީ ބުނެފައެވެ.
ޔުކްރެއިން
ޔުކްރެއިން
ޔުކްރެއިން
ޔުކްރެއިން
ކޮމެންޓް