ހެންވޭރު ދަނޑުގައި ކުރިއަށްދާ އެފްއޭއެމް އަންހެން ފުޓުބޯޅަ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބިސް ބުރު ސްޕޯޓްސް ކްލަބް ކައިރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބޮޑު މޮޅެއް ހޯދައިފިއެވެ.

މިފަހަރު އެފްއޭއެމްއިން އަންހެން ފުޓުބޯޅަ ލީގެއް ފަށާފައި ވަނީ ގިނަ ދުވަސްތަކަކަށްފަހުއެވެ. މީގެ ކުރިން 2014 ވަނަ އަހަރަށްފަހު ރާއްޖޭގައި ރަސްމީ ސިފައެއްގައި އަންހެން ފުޓުބޯޅަ މުބާރާތެއް ބޭއްވިގެން ގޮސްފައެއް ނުވެއެވެ.

އަންހެން ލީގުގައި ވާދަކުރާ ހަ ޓީމަކީ އޮޑި ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި، ބިސް ބުރު ސްޕޯޓްސް ކްލަބެވެ.

މިވަގުތު އެއްވަނައިގައި އޮޑި ސްޕޯޓްސް ކްލަބު އޮތް އިރު، ދެވަނައިގައި އޮތީ ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. އިއްޔެގެ މޮޅާއެކު ނިއުއިން ތިންވަނައިގައި އޮތް އިރު، ފަހެއްގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.

މިވަގުތު ފަސް ވަނައިގައި އޮތް ބިސް ބުރާއި ފުލުގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް ވަނީ ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި، ފުރަތަމަ ހާފުގައި ނިއުއިން ވަނީ ތިން ގޯލް ޖަހައިފައެވެ. އެ ގޯލްތައް ޖެހީ މަރިޔަމް ނޫރާއާއި މައީޝާ އަބްދުލް ހަންނާން އަދި ފާތިމަތު ފައިހާ އަލީއެެވެ.

ދެވަނަ ހާފުގެ ކުރީ ކޮޅުގައި ނިއުއަށް ޕެނަލްޓީއެއް ލިބުނު އިރު، މައިޝާ އަތުން ޕެނަލްޓީ ނާކާމިޔާބުވިއެވެ. އެހެން ނަމަވެސް ނިއުއިން އިތުރު ތިން ގޯލް މެޗުގައި ޖެހިއެވެ. ފައިހާގެ އިތުރު ގޯލެއް ޖެހި އިރު، ދެން ގޯލްތައް ޖެހީ މައީޝާއާއި ކެޕްޓަން ފަދުވާ ޒާހިރެވެ.

ވިމެންސް ފުޓްބޯލް ލީގުގެ މެޗެއް ދެން އެންމެ އަވަހަށް އޮންނާނީ ބުދަ ދުވަހުގެ ހަވީރުއެވެ. އެދުވަހު ކުޅޭ މެޗުގައި، ބިސް ބުރުން ނުކުންނާނީ އޮޑިއާ ދެކޮޅަށެވެ.