އިޒްރޭލް ރައްޔިތުންނަށް ނުވަތަ އިޒްރޭލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އޮންނަ ގާނޫނީ ޝަހުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް ވެސް، ރާއްޖޭގެ އިންޓްގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގެ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލާއި މަޝްވަރާ ވެސް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުން ނިންމީ، މ ބިލަށް ހިޔާލު ހޯދަންޖެހޭ މުއައްސަސާތަކަކީ އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އެޓާނީ ޖެނެރަލް އޮފީހާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ކަމަށެވެ.

އެގޮތަށް ފާސްކުރީ، ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ހުށަހަޅުއްވައި، ވިލިނގިލި ދާއިރާގެ މެންބަރު އާދަމް އަބްދުލްއަޒީޒް ތާއީދު ކުރައްވައިގެންނެވެ.

ނަމަވެސް އެ ކޮމިޓީގައި އިދިކޮޅު ޕާޓީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހަމައެކަނި އިންނެވި، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވެސް ހުށަހެޅުއްވުންތަކެއް ހުށަހެޅުއްވިއެވެ.

މެންބަރު ހުސައިން ސަމީރު ހުށަހެޅުއްވީ، އެ މުއައްސަސާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކާއި ދީނީ ޖަމިއްޔާތަކުގެ ހިޔާލު ހޯއްދެވުމަށެވެ. އަދި އެއީ އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށްގެންނެވެ. ނަމަވެސް ސަމީރުގެ ހުށަހެޅުއްވުމަކަށް އެއްވެސް މެންބަރަކު ތާއީދެއް ނުކުރެއްވިއެވެ. އެހެންކަމުން އެ ހުށަހެޅުމަށް ވޯޓަކަށްވެސް ނޭހުނެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވެސް އެ ބިލުގައި ހުރި އެމްޑީޕީގެ ކަންބޮޑުވުންތައް ފާޅުކޮށް، ބިލު އަނބުރާ ގެންދިއުމަށް މެންބަރު ސަމީރު ގޮވާލެއްވިއެވެ. އަދި މި މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީއެންސީއަށް ކަމަށާއި، މެންބަރުން މަދުކަމުން އެމްޑީޕީން ހުށަހަޅާ ކަންތައް މަޖިލީހުގައި ކުރިއަށްނުދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ކޮމިޓީ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، މެންބަރު ސަމީރަކީ އެ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ ހަމައެކަނި އެމްޑީޕީ މެންބަރު ކަމަަށެވެ.

ނަމަވެސް ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް މަޖިލީހުގައި އޮތް ނަމަވެސް އެބޭފުޅުންނަކީ، މައިނޯރިޓީއަށް ވަރަށް ބޮޑަށް އިހުތިރާމުކޮށްގެން މަސައްކަތް ކުރަމުންދާ ޕާޓީއެއް ކަމަށްވެސް ވިދާޅުވިއެެވެ.

ޝުޖާއު ވިދާޅުވީ، ރިޔަލް އެސްޓޭޓް ބިލަކީ، ވަރަށް ގިނަ ރައްޔިތުން ކޮމެންޓް ކުރާނެ ބިލެއް ކަމަށް ގަބޫލުކުރާތީ، މަޖިލީހުގެ އާއްމު އުސޫލުން، ބިލެއް އާއްމުންގެ ހިޔާލަށް ހުށަހަޅާ މުއްދަތަށްވުރެ މާދިގު މުއްދަތެއް މި ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ދީފައިވާނެ ކަމަށެވެ.

އާއްމުކޮށް ބިލަކަށް އާއްމުންގެ ހިޔާލު ހުށަހަޅަން ދެނީ ހަތް ދުވަސް ނަމަވެސް މި ބިލަށް އާއްމުންގެ ހިޔާލު ފޮނުވަން 14 ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ހަމަ އެގޮތަށް ވީހާވެސް ހިނަ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ބިލަށް ބޭނުންވާތީ އާއި މައިނޯރިޓީއަށް އިހުތިރާމު ކުރުމުގެ ގޮތުން، ކުރީ ދުވަހުގެ ބައްދަލުވުމުގައި ސަމީރު ހުށަހެޅުއްވި ގޮތަށް، ސިޔާސީ ޕާޓީތަކުގެ ތެރެއިންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން މި ބިލަށް ކޮމެންޓް ކުރަން ބޭނުންވާ ފަރާތްތައް މަޖިލީހަށް ހުށަހެޅުމަށް ފުރުސަތު ދިނުމަށް ކޮމިޓީން ފާސްކޮށްދިނުމަށް، ކޮމިޓީގެ ރިޔާސަތުން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުއްވިއެވެ.

ޝުޖާއު ހުށަހެޅުއްވީ، ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާތްތަކުން، ބިލަށް ކޮމެންޓްކުރަން ބޭނުންވާ ފަރާތްތައް އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ 2:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ. އަދި އެގޮތަށް ހުށަހަޅާ ބޭފުޅުން ކޮމިޓީއަށް ހާޒިރުވެ ބިލަށް ކޮމެންޓް ކުރުމުގެ ފުރުސަތުދެއްވުމަށެވެ.

އެ ހުށަހެޅުމަށް ތާއީދުކުރެއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއެވެ. އެ ހުށަހެޅުން ވަނީ ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.