ސްރީ ލަންކާ ފުޓުބޯޅަ ޓީމުގެ ކެޕްޓަން، ގޯލްކީޕަރު ސުޖަން ޕެރޭރާ ގައުމީ ޓީމުން ރިޓަޔާ ކޮށްފިއެވެ.

ލަންކާގެ ފުޓުބޯޅަ އިދާރާއިން ބުނެފައި ވަނީ ސުޖަން ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނުކޮށްފައި ވަނީ އެ އިދާރާގެ ރައީސް ޖަސްވާރް އުމަރަށް ފޮނުވާފައިވާ ސިޓީއަކުން ކަމަށެވެ. ސުޖަންގެ ސިޓީގައި ލަންކާ ފެޑަރޭޝަނުގެ އިތުރުން ރައީސަށް ޝުކުރު އަދާކޮށް، ކެރިއަރުގައި ދީފައިވާ އެއްބާރުލުން ފާހަގަ ކޮށްފައިވެއެވެ.

ސުޖަން 2011 ވަނަ އަހަރުން ފެށިގެން ލަންކާ ގައުމީ ޓީމަށް ކުޅެފައިވާ އިރު، އޭނާ އެންމެފަހުން ކުޅުނު މެޗަކީ ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗުން 4-0 އިން ބަލިވެ ލަންކާ މުބާރާތުން ކަޓައިގެން ދިޔައީ އެއް ޕޮއިންޓާއެކުގައެވެ. އެއީ ބޫޓާން ކައިރިން ހޯދި ޕޮއިންޓާއެކުގައެވެ.

ސުޖަން ވަނީ ގައުމީ ޓީމަށް 68 މެޗު ކުޅެފައެވެ. ކެރިއަރުގެ މުހިއްމު ދުވަސްތަކެއް ރާއްޖޭގައި ހޭދަކުރި ސުޖަންއަކީ މި ފަހަކަށް އައިސް ސާފް ސަރަހައްދުގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރެވެ. ސުޖަން 2015 އިން 2020 ވަނަ އަހަރާ ހަމައަށް ކްލަބު އީގަލްސްއަށް ކުޅެފައިވާ އިރު، އޭގެފަހުން އަނެއްކާވެސް އެނބުރި ގައުމަށް ދިޔުމަށްފަހު 2022 އިން މިދިޔަ އަހަރާ ހަމައަށް ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފައިވެއެވެ.

ސުޖަން ޓީސީއަށް ފަހު މިހާރު ކުޅެމުން ދަނީ ބަންގްލަދޭޝް ލީގުގެ ފޯޓިސްއަށެވެ.

ސްރީ ލަންކާ ފުޓުބޯޅަ އިދާރާއިން ބުނެފައި ވަނީ ސުޖަންއަކީ ސްރީ ލަންކާގެ އަންނަން އޮތް ޖީލަށް ބޮޑު ހިތްވަރެއް ކަމަށާއި، އޭނާ ދައްކުވައިދިނީ ނަމޫނާ ކަމަށެވެ. އަދި ސުޖަންގެ ރިޓަޔާމެންޓަށް ހާއްސަ މެޗެއް، އަންނަ އަހަރު މާޗު މަހު ކުޅެވިގެންދާނެ ކަމަށްވެސް ފެޑަރޭޝަންގެ ރައީސް ޖަސްވާރު ފާހަގަކުރައްވާފައިވެއެވެ.