ޑާކާއިން: މުހައްމަދު ޝައްމޫން - ވަން ސްޕޯޓްސް

މިފަހަރު ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނަ އިރު، އިންޑިއާގައި މިހާރު އޮތް ޓީމަކީ "ބީ" ޓީމެކޭ ކިޔާވަރަށް ޓީމުގެ ކުޅުން ދަށް ނޫން ކަމަށާއި އަދި ޕާކިސްތާނަކީ ފެވަރިޓެއް ކަމަށް ގަބޫލުނުކުރާ ކަމަށް އިންޑިއާގެ ކޯޗު މުހައްމަދު ނައުޝާދު ބުނެފިއެވެ.

އިންޑިއާއާއި ޕާކިސްތާނުން މިރޭ ފައިނަލުގައި ނުކުންނަ އިރު، ދެޓީމުން ފައިނަލްގެ ކުރިން ކުޅުނު ގްރޫޕް ސްޓޭޖު މެޗުން މޮޅުވީ އިންޑިއާ އެވެ. އެއީ 3-2 ގެ ނަތީޖާއަކުންނެވެ. އެމެޗަށް ޕާކިސްތާން ނުކުތީ މުހިއްމު ބައެއް ކުޅުންތެރިން ނުލައެވެ. އެ ކުޅުންތެރިންނާއެކު ޕާކިސްތާނުން ސެމީ ފައިނަލުގައި ބަންގްލަދޭޝް ބަލިކުރި އިރު، އިންޑިއާއިން ސެމީ ފައިނަލުގައި ބޫޓާން ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

"މިފަހަރު މި ކުޅެން ޖެހެނީ ޕާކިސްތާނުގެ މުޅިން އެހެން ޓީމަކާ. އެންމެފަހުން ގްރޫޕް ސްޓޭޖުގައި އަހަރެމެން ކުޅުނު މެޗުގައި އޮތީ ޕާކިސްތާނުގެ ފުލް ސްކޮޑެއް ނޫން. މި މެޗު ކޮންމެހެނެއްވިޔަސް ފޯރިގަދަ، ޝައުގުވެރި މެޗަކަށްވާނެ. ޕާކިސްތާނުގައި މިހާރު އޮތް ޓީމަކާއެކު މުޅިން އެހެން ގޭމެއް ކުޅޭނީ، އެހެންވީމަ އަހަރެމެންގެ ގޭމް ޕްލޭންވެސް ޖެހޭނެ،" ފައިނަލް މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ކޯޗު ނައުޝާދު ބުންޏެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ނައުޝާދާ ކުރިމަތިވި އެއް ސުވާލަކީ ޕާކިސްތާނުގެ ކޯޗު ނޮލްބާޓް ސޮލާނޯގެ ފުޓުބޯޅަ ތަޖުރިބާއާ ގުޅޭ ގޮތުން ކުރިމަތިވި ސުވާލެކެވެ. ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލްއާއި ވެސްޓް ހަމްގެ އިތުރުން އެސްޓަން ވިލާއަށް ކުޅުނު ސޮލާނޯ ވަނީ ލީގުގައި 300 އަށްވުރެ ގިނަ މެޗު ކުޅެފައެވެ.

"ސޮލާނޯގެ ފުޓުބޯޅަ ތަޖުރިބާއަށް އަހަރެން ވަރަށް އިހުތިރާމުކުރަން. އޭނާ ފުޓުބޯޅައިގައި ކޮށްފައިވާ ތަޖުރިބާތަކާ އަޅައިބަލާއިރު އަހަންނަށް އެ ދަރަޖައިގެ އެއްވެސް ތަޖުރިބާއެއް ލިބިފައެއް ނެތް. އަޅައިވެސް ނުކިޔޭނެ،" އިންޑިއާއިން 1997 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގައި ހިމެނުނު ނައުޝާދު ބުންޏެވެ.

ކޯޗު ނައުޝާދު ބުނީ ފައިނަލް ވެގެންދާނީ ކޯޗުންގެ މެޗަކަށްވުރެ ބޮޑަށް ކުޅުންތެރިންގެ ހިތްވަރާއި މަސައްކަތަށް ބަރޯސާ ވާނެ މެޗަކަށް ކަމަށެވެ.

މިހާރު އޮތް ސްކޮޑުން ޕާކިސްތާނަކީ ފެވަރިޓުންތޯ ސުވާލުކުރުމުން ނައުޝާދު ބުނީ ޕާކިސްތާން މޮޅު ކަމަށް ބުނެވޭނީ އިންޑިއާ ބަލިކުރާ ހިސާބުން ކަމަށެވެ. މިފަހަރު މުބާރާތުގައި އޮތީ ބީ ޓީމެކޭ ބުނެވޭނެ މާބޮޑު ޖާގައެއް ނެތް ކަމަށްވެސް ނައުޝާދު ބުންޏެވެ.

"މިއީ އިންޑިއާގެ ބީ ޓީމޭ ބުނާކަށް ޖާގައެއް ނެތް. އަހަރެމެންގެ ކުޅުންތެރިން މިތިބީ ފައިނަލާ ހަމައަށް އައިސް. އެހެންވީމަ ބީ ޓީމެއް ކަމަށް ބުނެވޭނެހެން ހީއެއް ނުވޭ. އަހަރެމެންނަށްވުރެ ޕާކިސްތާން މޮޅު ކަމަށް ފާހަގަކުރިޔަސް، އެހެން ބުނެވޭނީ އަހަރެމެން ބަލިކުރާ ހިސާބުން،" ނައުޝާދު ފާހަގަކުރިއެވެ.

އިންޑިއާގެ ސީނިއާ ޓީމުން ސާފް ޗެމްޕިއަންޝިޕްގެ އިންޓަނޭޝަނަލް ވިންޑޯއާ ދިމާކޮށް ނިއު ޒީލެންޑާ ދެކޮޅަށް ދެމެޗު ކުޅެފައިވާ އިރު، މިފަހަރު މުބާރާތަށް ނުކުތީ ދެވަނަ ދަރަޖައިގެ ޓީމަކާ އެކުގައެވެ. އަދި ސާފްގައި އޮތް ޓީމުންވެސް ބައެއް ކުޅުންތެރިން ސީނިއާ ޓީމަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން އެއްވެސް ކުޅުންތެރިޔަކު ފައިނަލަށް އިތުރަށް ޓީމާ ނުގުޅޭނެ ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.

އިންޑިއާގެ ކެޕްޓަންކަން ކުރަމުން އަންނަ ބެންގަލޫރު އެފްސީގެ ޗިންގެލެންސަނާ ސިންހް ކޮންޝަމް ޕްރެސްގައި ބުނީ އިންޑިއާގެ ކެޕްޓަން ބޭންޑްގައި ޓީމާއެކު ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ނުކުތުމަކީ ހާއްސަ ކަމެއް ކަމަށެވެ. މީގެ ކުރިން ސުނިލް ޗެތުރީ ފަދަ ކެޕްޓަނުން މުބާރާތް ކާމިޔާބުކޮށްފައި އޮތުމުން އެ ތާރީހު ތަކުރާރުކުރަން ބޭނުންވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އޭގެ އިތުރުން ކޮންޝަމް ބުނީ ވާދަވެރި ޕާކިސްތާނާ ފައިނަލް ކުޅެން ޖެހުމަކީ އިތުރު ޕްރެޝަރެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ފައިނަލުން މޮޅުވުމުގެ ޕްރެޝަރު އިންޑިއާއަށްވެސް އޮންނާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

14 ނޮވެމްބަރު 2026، ޑާކާ، ބަންގްލަދޭޝް، ސާފް ޗެމްޕިއަންޝިޕް 2026 ގެ ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން އިންޑިއާ ގޯލް ޖަހައި އުފާފާޅުކުރަނީ --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ގައުމެވެ. މިއީ އެޓީމަށް 13 ވަނަ ފައިނަލެވެ. މިދިޔަ ދެ އަހަރު ތަށި ނެގި އިންޑިއާއިން ވަނީ ޖުމުލަ ނުވަ ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.

ޕާކިސްތާނުން މުޅިން އަލަށް ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ނުކުންނަ އިރު، އިންޑިއާއާ ދެކޮޅަށް ކުޅޭ ފައިނަލް އޮންނާނީ މިރޭ ރާއްޖެ ގަޑިން އިރުއޮއްސި 7:00 ގައެވެ.