ޑާކާއިން: މުހައްމަދު ޝައްމޫން - ވަން ސްޕޯޓްސް
ޕާކިސްތާނުގެ ފުޓުބޯޅަ ތާރީހުގައި މިރޭ ވެގެންދާނީ ބޮޑު ރެޔަކަށެވެ. ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ނުކުންނަ އިރު، ޕާކިސްތާނަށް މިއީ ސަރަހައްދީ ފުޓުބޯޅައިގެ ރަސްކަމަށް އަންނާން ލިބުނު ބޮޑު ފުރުސަތެކެވެ. މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގައި އެންމެ އުނދަގޫ ދުވަސްތަކެއް ހޭދަކުރި ގައުމު ކަމަށްވާ ޕާކިސްތާނުން އަލުން އާ ފެށުމަކަށް ކުރަމުން އަންނަ މަސައްކަތަށްވެސް މިރޭގެ ތަށި މުހިއްމެވެ. ސަސްޕެންޝަންތަކާއެކު ދިމާވި އުނދަގޫ ހާލަތުން ޕާކިސްތާން ފުޓުބޯޅަ އަލުން ކޮޅަށް ޖަހަން ލިބިފައިވާ ފުރުސަތުގައި، އެޓީމަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުޓުބޯޅައިގެ ވަރުގަދަ ޝަހުސިއްޔަތެއް ކޯޗަކަށް ހުރުމެވެ.
ނޮލްބާޓް ސޮލާނޯއެވެ. އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ބުނާ ގޮތުން ނަމަ، "އަލް މައެސްޓްރިޓޯ"އެވެ. ނޫނިއްޔާ "ލިޓްލް މާސްޓާ"އެވެ. ސޮލާނޯއަކީ ދުނިޔޭ ފުޓުބޯޅައިގެ ޝަހުސިއްޔަތެކެވެ. ޕެރޫގެ ލީގު ތިން ފަހަރު ކާމިޔާބުކުރުމަށްފަހު 1997 ވަނަ އަހަރު ސޮލާނޯ ވަނީ އާޖެންޓީނާގެ ބޮކަ ޖޫނިއާސްއާ ގުޅިފައެވެ. ކަންދިމާކުރި ގޮތުން އޭރު މަރަޑޯނާ ކުޅެމުންދިޔައީ އެ ކްލަބަށެވެ. ސޮލާނޯ މަރަޑޯނާއާއެކު އެއް ސީޒަން ކުޅެފައިވާ އިރު، އޭނާ އެ ސީޒަނުގައި 32 މެޗު ކުޅެ، ފަސް ގޯލް ޖެހިއެވެ.
އޭގެފަހުން 1998 ވަނަ އަހަރު ނިއުކާސަލްއަށް ބަދަލުވި ސޮލާނޯއަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ޕެރޫއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއެވެ. އޭގެފަހުން އޭނާ ވަނީ އެސްޓަން ވިލާއާއި ވެސްޓް ހަމްއަށްވެސް ކުޅެ، އިނގިރޭސި ފުޓުބޯޅައިގައި 300 އަށްވުރެ ގިނަ މެޗު ކުޅެފައެވެ. ޕްރިމިއާ ލީގުގައި ސޮލާނީ 49 ގޯލް ޖަހައިދީ 62 އެސިސްޓް ފުރިހަމަ ކުރިއެވެ. ގައުމީ ޓީމަށްވެސް 95 މެޗުން 20 ގޯލް ޖަހައިދީފައިވެއެވެ.
އެ ޕްރޮފައިލާއެކު ސޮލާނޯ މިރޭ ޕާކިސްތާނާއެކު ނުކުންނާނީ ތާރީހު ލިޔެލުމަށެވެ. ފައިނަލް މެޗުގެ ކުރިން އޮތް ޕްރެސްގައި މަރަޑޯނާއާއެކު ކުޅުނު ކުޅުމަށް ސުވާލު އަމާޒުވެފައިވެއެވެ. އެއީ ބަންގްލަދޭޝަކީ މަރަޑޯނާގެ ސަޕޯޓަރުން އިންތިހާއަށް ގިނަ ގައުމަކަށްވެސް ވާތީއެވެ.
"އަހަރެންގެ ކެރިއަރުގައި އެންމެ ފުރަތަމަ ދެކެމުންދިޔަ ހުވަފެނަކީ ގައުމީ ޓީމަށް ކުޅުން. އޭރު ހިތަށްއެރި ގައުމީ ޓީމު މެޗެއްގައި މަރަޑޯނާއާ ދިމާވެ، ދަނޑުމަތިން ސަލާންކޮށްލަން ފުރުސަތު ލިބޭނެބާވައޭ. އަހަންނަށް ނަސީބު ދިމާކުރިގޮތުން ވެވުނީ މަރަޑޯނާގެ ޓީމް މޭޓަކަށް. އަހަރެން ހިތަކަށްވެސް ނާރާ އޭނާއާއެކު ބޮކަ ޖޫނިއާސްއަށް ކުޅެވޭނެއެކޭ. އެއީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް. މެސީއަކީ ގާތްގަނޑަކަށް މަރަޑޯނާގެ ރެޕްލިކާއެއް،" ސޮލާނޯ ޕްރެސްގައި ބުންޏެވެ.
ސޮލާނޯ ބުނީ މަރަޑޯނާގެ ސަޕޯޓަރުން ތިބޭނީ ބަންގްލަދޭޝްގައި އެކަނި ނޫން ކަމަށާއި، މާސްގައި ބަޔަކު އުޅޭނަމަ އެތަނުގައި ވެސް މަރަޑޯނާގެ ސަޕޯޓަރުން އުޅޭނެ ކަމަށެވެ. މުޅި ދުނިޔޭގައިވެސް އެތައް ބަޔަކު މަރަޑޯނާއަށް މަރުދޭނެ ކަމަށް ސޮލާނޯ ބުންޏެވެ.
އޭގެފަހުން އިންޑިއާއާއި ޕާކިސްތާނުގެ ވާދަވެރިކަމަކީ އޭރު ދެކުނު އެމެރިކާގައި އޮތް ވާދަވެރިކަމާ އަޅައިކިޔާއިރު ކިހާވަރެއްގެ ވާދަވެރިކަމަކަށް ވާނެތޯ "ވަން ސްޕޯޓްސް"އިން ސުވާލުކުރުމުން ސޮލާނޯ ބުނީ، އެއީ ޑާބީއެއްކަން އެނގޭ ކަމަށާއި، ފުޓުބޯޅައިން ބޭރު އެއްވެސް ވާދަވެރިކަމެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އަބަދުވެސް އިންޑިއާ މެޗަކީ ޕާކިސްތާން ކުޅުންތެރިންނަށް ހާއްސަ މެޗެއް ކަމަށް ސޮލާނޯ ބުނެފައިވެއެވެ.
އިންޑިއާއިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ވާދަކުރަން ތައްޔާރުވާ އިރު، ސޮލާނޯ ބުނީ ފުރިހަމައަށް ތައްޔާރުވެފައި އޮތް ކަމަށެވެ. ގްރޫޕް ސްޓޭޖުގައި އިންޑިއާ ކައިރިން 3-2 އިން ބަލިވި ނަމަވެސް، އޭރު އޮތީ މުޅިން ތަފާތު ހާލަތެއް ކަމަށްވެސް ސޮލާނޯ ބުންޏެވެ.
"އަހަރެމެން މިތިބީ ފުރިހަމައަށް ތައްޔާރުވެގެން. މިއީ ފައިނަލް މެޗެއް. އިންޑިއާއަށް އިހުތިރާމުވެސް ކުރަން. އަހަރެމެން އިންޑިއާގެ ހުރިހާ ކަމެއްވެސް ބަލައިފިން. މިހާރު ދެން ފުޓުބޯޅައިގައި ނޭނގޭ ކަންކަމެއް ނުވެސް ހުންނާނެ. އެމީހުން ކުޅޭ ގޭމް އެނގެންވެސް އެނގޭ. އެކަމަކު އެންމެ މުހިއްމު ކަމަކީ އަމިއްލަ ޓީމަށް ފޯކަސް ކުރުން. އަހަރެމެން ކުރަން ޖެހޭ ކަންކަން ކުރުން މުހިއްމު. އެއީ އަހަރެމެންނަށް އެނގޭ އިންޑިއާ ބަލިކުރަން ކުރަން ޖެހޭ ކަންކަމާ އަހަރެމެންގެ ރަނގަޅު ކަންތައްތައްވެސް،" ސޮލާނޯ ބުންޏެވެ.
ސޮލާނޯ ބުނީ އިންޑިއާ ކައިރިން ކުރިން ބަލިވި މެޗުގެ ވާހަކައަކީ ބަހަނާއަކަށް ހަދަން ބޭނުން ނުވި ނަމަވެސް، އެ މެޗަށް ނުކުތްއިރު ބަންގްލަދޭޝަށް އައިސް ދިމާވި ކަންތައްތަކުގެ ސަބަބުން ތަމްރީނު ނުކުރެވި ދެ ދުވަސް ވެއްޖެ ކަމަށެވެ. އޭރު ޔޫރަޕްގައި ކުޅޭ ފަސް ކުޅުންތެރިޔަކު ޕާކިސްތާން ޓީމަށް އައިސްފައެއްވެސް ނުވެއެވެ. އެހެންކަމުން މިރޭގެ ފައިނަލް މެޗަށް ބޮޑު އުންމީދެއް އެބައޮތް ކަމަށްވެސް ސޮލާނޯ ފާހަގަކުރިއެވެ.
ގައުމަށް ފައިނަލްގެ މުހިއްމު ކަމުން އެކަމުގެ ޕްރެޝަރު އެބައޮތް
އިއްޔެގެ ޕްރެސްގައި ޕާކިސްތާން ކެޕްޓަން އަބްދުﷲ އިގްބާލް ބުނީ ސާފްގެ ޗެމްޕިއަންކަން ހޯދުމަކީ ޕާކިސްތާނަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި، އެކަމުގެ ޕްރެޝަރު ބޮޑު ނަމަވެސް ފައިނަލަށްވެސް ނުކުންނާނީ އެހެން މެޗުތަކަށް ވާ ތައްޔާރީ ވެގެން ކަމަށެވެ.
"ފައިނަލެއް، އަދި ބޮޑު މެޗެއްވެސްމެ. އެކަމަކުވެސް އަހަރެމެން ޖެހޭނީ އެހެން މެޗުތަކަށްވެސް ވިސްނާ ގޮތަށް ވިސްނަން. ކޯޗުގެ ގޭމް ޕްލޭނަށް ކުޅެން. އަދި އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް އެހީވެގެން ކުޅެން. ފައިނަލެއްވީމަ ކާމިޔާބުކުރުމަށް ޕްރެޝަރު އޮންނާނެ. މިއީ ޕާކިސްތާނަށް ވަރަށް ބޮޑު ކަމެއް. މިއީ ތާރީހީ ކަމެއް. އެކަމަކު އެކަން ބަލާނީ ހިތްވަރަކަށް،" ސްވިޑެންގެ ފުރަތަމަ ޑިވިޝަނަށް ކުޅެމުން އަންނަ އިގްބާލް ބުންޏެވެ.
އިގްބާލް ބުނީ ސާފްގެ ފައިނަލަށް ދެވުމަކީ ސަރަހައްދުގައި ޕާކިސްތާނަށް ލިބުނު އެންމެ ބޮޑު ކާމިޔާބުކަމަށާއި، އިންޑިއާ ބަލިކުރަން ތައްޔާރު ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލުގައި އިންޑިއާއާއި ޕާކިސްތާން ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން އިރުއޮއްސި 7:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް