ހިތްވަރާއެކު ކުޅުނު ބޫޓާންގެ މައްޗަށް ކުރިހޯދައި، އިންޑިއާއިން 14 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ދަތުރު ކޮށްފިއެވެ.
ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި އިންޑިއާއިން ބޫޓާން ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މިިއީ އިންޑިއާއިން ޖެހިޖެހިގެން ކުޅޭ 10 ވަނަ ފައިނަލެވެ. މީގެ ކުރިން ސާފުން ބޭއްވި 14 މުބާރާތުގެ ތެރެއިން އިންޑިއާއަށް ފައިނަލުން ފުރުސަތު ގެއްލުނީ 2003 ވަނަ އަހަރު އެކަންޏެވެ. އެފަހަރު ބަންގްލަދޭޝް ތަށި ނެގި ފައިނަލުގައި އެޓީމުން ނުކުތީ ރާއްޖެއާ ދެކޮޅަށެވެ. ބޫޓާނުން 18 އަހަރަށްފަހު ސެމީ ކުޅެ، މިފަހަރު ސާފް ނިންމާލީ ކާމިޔާބީއަކާ އެކުގައެވެ.
މެޗަށް ނުކުތްއިރު ތާރީހު އޮތީ އިންޑީއާ އަތުގައެވެ. އެޓީމަކީ މިދިޔަ ދެ ފަހަރުވެސް ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދާފައިވާ ޓީމެކެވެ. އިންޑިއާއިން ރެކޯޑު ނުވަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، މިފަހަރުވެސް ކުޅެމުން ދަނީ ދެވަނަ ދަރަޖައިގެ ސްކޮޑަކާއެކުގައެވެ. އިންޑިއާއަކީ ރާއްޖެ ހިމެނުނު ގްރޫޕް ބީގެ އެއްވަނައެވެ. ކޯޗު ނައުޝާދު މޫސާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންޑިއާއަށް މުބާރާތުގެ ތެރެއިން ސްކޮޑު ބަލިކަށިވުމާ ކުރިމަތިވި ނަމަވެސް، އަދި އެޓީމަށް މަޑު ޖެހުމެއް ނާދެއެވެ. ޕާކިސްތާން ކައިރިން 3-2 އިން އިންޑިއާ މޮޅުވެފައި އޮތް އިރު، ރާއްޖެ ބަލިކުރީ 1-0 އިންނެވެ.
އަނެއްކޮޅުން ނުކުތް ބޫޓާނަށް މިއަދުގެ މެޗު ވެގެންދިޔައީ ތާރީހީ ސެމީ ފައިނަލަކަށެވެ. ބޫޓާނުން 2018 ވަނަ އަހަރަށްފަހު ފުރަތަމަ ސެމީއަށް ނުކުތީ ގްރޫޕް އޭގެ ދެވަނަ ހޯދައިގެންނެވެ. އެޓީމުން ސެމީ ޔަގީންކުރީ ސްރީ ލަންކާ ކައިރިން ހޯދި ޕޮއިންޓަކާއެކުގައެވެ. އެއީ 2-2 އިން މެޗު އެއްވަރުކޮށްގެންނެވެ. ބޫޓާނުން ބަންގްލަދޭޝް ކައިރިން 1-0 އިން ބަލިވި ނަމަވެސް، އެ މެޗަކީ ރަނގަޅު ނަތީޖާއެކެވެ. އެ ނަތީޖާ ވެގެން ދިޔައީ ފައިދާ ގޯލް ގުނުމުގައި މުހިއްމު މެޗަކަށްވެސް މެއެވެ. އިންޓަނޭޝަނަލް ބްރޭކަށްފަހު ބަންގްލަދޭޝްގެ ތަރިން އައިސް ލަންކާ ކޮޅަށް ހަތަރު ގޯލް ޖެހުން ވެގެންދިޔައީ ބޫޓާނަށް ސެމީ ޔަގީންވި ސަބަބަށެވެ.
ބޫޓާން މިހާތަނަށް މުބާރާތުގައި ފެނިގެން ދިޔައީ ފަހަތުގައި މަޑުކޮށްގެން ކައުންޓާ އެޓޭކްގައި ނުރައްކާ ޓީމެއްގެ ގޮތުގައެވެ. ހާއްސަކޮށް އެޓީމުގެ ފޯވަޑް ޗެންޗޯ ޔެލްޓްޝެންގެ ބޭނުން ނުރައްކާކޮށް ކޮށްފައިވެސް ވެއެވެ. އެހެން ނަމަވެސް އިންޑިއާގެ ފެންވަރު ފުރަތަމަ މިނެޓުން ފެށިގެންވެސް ސާފުވިއެވެ. މެޗުގެ ފުރަތަމަ ކޮޅުން ފެށިގެންވެސް އިންޑިއާއިން ރަނގަޅަށް އޮގަނައިޒްކޮށް ކުޅެމުން ދިޔަ އިރު، ނުވަވަނަ މިނެޓުގައި ލީޑު ނެގިއެވެ.
ފަހަތުން ފަޅި ބަދަލުކޮށްލި ބޯޅައެއްގައި ރަނގަޅަށް ކޮންޓްރޯލް ކޮށްލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އިންޑިއާގެ ގޯލް ޖަހައިދިނީ ވިންޝޫ ޕުތިޔާ ވަލައްޕިލްއެވެ.
އެ ގޯލާއެކު އިންޑިއާއިން ހާސްކަން ކަނޑުވާލައި މެޗުގެ ކޮންޓްރޯލް ނެގިއެވެ. ބޫޓާންގެ ކައުންޓާއަށް މާބޮޑު ފުރުސަތެއް ނުދީ އެޓީމުން ބޭނުންވާ ގޮތަށް މެޗު ކޮންޓްރޯލް ކުރަމުން ގޮސް، ހަމަލާއަކަށްފަހު ހަމަލާއެއްވެސް އުފެއްދިއެވެ. މިހާތަނަށް މުބާރާތުގައި ތިން ގޯލް ޖަހާފައިވާ ސުހައިލް އަހުމަދު ބަޓް ކުރިއަށް ދެމިަނެ ފޮނުވާލި ހަމަލާ ބޫޓާން ކީޕަރު ޔެލްޓްޝެން ޒަންގްޕޯ މަތަކޮށް ބޭރުކޮށްލި އިރު، 21 ވަނަ މިނެޓުގައިވެސް ސުހައިލަށް ލިބުނު ފަހި ފުރުސަތުގައި އޭނާއަށް ބޭނުމެއް ނުކުރެވުނެވެ. އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ބްލޮކްކުރީ ފުންޓްޝޯ ޖިގްމޭއެވެ.
އޭގެ މިނެޓް ކޮޅަށް ފަހުން، އޭރިއާ ތެރެއިން ބްރިސޮން ޑޫބެން ފޮނުވާލި ވޮލީ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެފަހުން އިންޑިއާ ދިޔައީ ސެޓް ޕީސްތަކުގައި ނުރައްކާ ކުރަމުންނެވެ. ހާއްސަކޮށް ކޯނަރުތައް ފެނިގެންދިޔައީ ރޭވުންތެރިކަމާއެކުގައެވެ. ނަތީޖާއެއްގެ ގޮތުން 28 ވަނަ މިނެޓުގައި ކޯނަރަކަށް އަރައި އޭރިއާ ތެރެއިން ލިބުނު ބޯޅައިގައި ސީ ސިންހް ކޮންޝަމް ވަނީ އިންޑިއާގެ ދެވަނަ ގޯލްވެސް ކާމިޔާބު ކޮށްދީފައެވެ.
އޭގެފަހުންވެސް އިންޑިއާއިން ފުރުސަތު ހޯދި އިރު، އެންމެ ނުރައްކާކޮށް ފެނުނީ ފޯވަޑް ސުހައިލެވެ. ދެ ފަހަރެއްގެ މަތިން އޭނާ ދެމިގަނެ، ނުރައްކާ ކުރިއެވެ. އެހެން ނަމަވެސް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
ދެވަނަ ހާފުގައި ބޫޓާން ފެނުނީ ތަފާތު ރޫހެއްގައެވެ. ހާފު ފެށިގެން ތިން މިނެޓް ހިނގިތަނާ އެޓީމުން ގޯލްވެސް ޖެހިއެވެ. އޭރިިއާ ތެރެއަށް ވެއްޓުނު ބޯޅައެއްގައި ޗެންޗޯ ފޮނުވާލި ބޯޅައިގައި ޖައްސާލައިގެން ބޫޓާނަށް ގޯލް ޖަހައިދިނީ ކިންޒަން ޓާޝީ ޓޮބްޑެންއެވެ. އެއީ ރަނގަޅު ގޯލެއްތޯ ބެލުަމަށް ވީއޭއާރްގެ އެހީ ރެފްރީ ހޯދާފައިވާ އިރު، އެ ވަގުތުކޮޅު ވެގެންދިޔައީ ސާފްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވީއޭއާރް ބޭނުންކުރި ވަގުތު ކޮޅަށެވެ.
ބޫޓާންގެ އެ ގޯލާއެކު އެޓީމުން ދިރުން ހޯދައި ނުރައްކާވެސް ކުރިއެވެ. އޭގެ އިރުކޮޅެއްފަހުން ޕެމާ ޒަންގްޕޯ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ އިންޑިއާ ކީޕަރު އާޝް އަންވާރު ޝެއިހް މަތަކުރި އިރު، ޗެންޗޯ ނަގައިދިން ހުރަސް ގޯލަށް ވައްދާލާނެ ކުޅުންތެރިޔަކު ނެތި ދިޔައީ ބޭރަށެވެ.
ބޫޓާނުން އެ ހިތްވަރުގައި ކުޅެމުން ދަނިކޮށް، އިންޑިއާއިން ކުރި އެޓޭކެއްގައި 63 ވަނަ މިނެޓުގައި ބޫޓާންގެ ޒަންގްޕޯ އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުނު ކަމަށް ބަލައި ރެފްރީ ޕެނަލްޓީއެއް ދިނެވެ. އެހެން ނަމަވެސް ފަހުން ވީއޭއާރް ބަލައި އެ ނިންމުން ބަދަލުކުރީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
އެއާއެކު ބޫޓާންގެ އެޓޭކްތަކަށް މަޑުޖެހުމެއް އައި އިރު، އެންމެފަހުކޮޅުގައި 85 ވަނަ މިނެޓުގައި އިންޑިއާގެ ސުހައިލް އޭރިއާ ތެރެއިން ދެ ކުޅުންތެރިން ނައްޓާލާފައި ޖެހި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އޭނާ އަތުން ގެއްލިގެން ދިޔަ ފުރުސަތާއެކު ކޯޗުވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.
މެޗުގެ ފަހުވަގުތަށް ދިޔަ އިރު، ބޫޓާންގެ ފަރާތުން ވަރުބަލިކަން ފެނުނު އިރު، އިންޑިއާ ވަނީ މެޗު މެނޭޖްކޮށް މޮޅު ހޯދައިފައެވެ. ފަހު ސިކުންތު ކޮޅުގައި ބޫޓާނަށް ދެ ފުރުސަތެއް ލިބުނު ނަމަވެސް ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް