ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ އަސްލު ފައިނަލް ކަމަށާއި، ބަންގްލަދޭޝްއަށް މެޗު ފަސޭހަ ނުވާނެ ކަމަށް ކޯޗު ތޯމަސް ޑޫލީ ބުނެފިއެވެ.
އެމެރިކާގެ ކޯޗު ޑޫލީ އެހެން ބުނީ ސެމީ ފައިނަލަށް ތައްޔާރުވާން ކުރި އެންމެ ފަހު ޕްރެކްޓިސްގައި ވާހަކަ ދައްކަމުންނެވެ. ބަންގްލަދޭޝްއިން މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުންވެސް މޮޅުވީ ކޮޅަށް ގޯލެއް ނުވައްދައެވެ. ބޫޓާން ކައިރިން 1-0 އިން މޮޅުވި އިރު، ހަމްޒާ ޗޯދުރީއާއި ފަރްހާން އަލީ ވަހީދު ޓީމާ ގުޅުނުފަހުން ކުޅުނު މެޗުގައި ސްރީ ލަންކާ ކައިރިން މޮޅުވީ 4-0 އިންނެވެ.
އަނެއްކޮޅުން ނުކުންނަ ޕާކިސްތާނުންވެސް ގްރޫޕް ސްޓޭޖުގައި ކުޅުނީ ބައެއް މުހިއްމު ކުޅުންތެރިން ނުލައެވެ. އެއީ އިންޓަނޭޝަނަލް ބްރޭކް ނުފެށޭތީއެވެ. އެހެން ނަމަވެސް ސެމީއަށް ޓީމަށް އިތުރު ފަސް ކުޅުންތެރިޔަކު ގުޅުނު އިރު، އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ކެޕްޓަން އަބްދުﷲ އިގްބާލެވެ. ސްވިޑެންގެ އެންމެފަހުގެ ޗެމްޕިއަން މިޔެލްބީއަށް ކުޅެމުންދާ އިގްބާލްގެ އިތުރުން ޔޫރަޕްގައި ކުޅެމުންދާ އީސާ ސުލައިމާން، އަލީ އަކްބަރަ ހާންގެ އިތުރުން އާދިލް ނަބީއާއި އަބްދުލް ސަމަދު އަރުޝަދުވެސް ޕާކިސްތާން ޓީމާ ގުޅިފައިވެއެވެ.
ޕާކިސްތާނުން ރާއްޖެ ކައިރިން 3-0 އިން މޮޅުވެ، އިންޑިއާ ކައިރިން ބަލިވީ 3-2 އިންނެވެ. އެ ހާލަތާ މިހާރާ ތަފާތު ކަމަށް ބުނެ، ޑޫލީ ވަނީ މެޗަށް މާ އުންމީދުތައް މަތިނުކުރަން ވާހަކަ ދައްކައިފައެވެ.
"އަހަރެން ފެށިއިރުވެސް ބުނިން ކޮންމެ މެޗަކީވެސް އޭރަކަށް އަހަންނަށް އެންމެ މުހިއްމު، އެންމެ އުނދަގޫ މެޗޭ. ދެން މިއޮތީ ޕާކިސްތާން. މިއީ އަހަރެމެންނަށް ޖެހޭނެ އެންމެ އުނދަގޫ މެޗު. ޕާކިސްތާން މެޗަކީ އަހަރެމެންނަށް ފައިނަލެއް. މުބާރާތުގެ ކޮންމެ މެޗަކީ ފައިނަލެއް ނަމަވެސް، މިއީ އަސްލު ފައިނަލް ކަމަށް ފެނޭ. އެއީ ޕާކިސްތާނަކީ މުބާރާތުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު. އަދި މިހާރަށް އޮތް އެންމެ ވަރުގަދަ ޓީމު އެއީ،" ޑޫލީ ބުންޏެވެ.
ޑޫލީ ބުނީ ޕާކިސްތާނާ އިތުރު ކުޅުންތެރިން ގުޅުމުން ވަރުގަދަ ވާނެ ނަމަވެސް، ވަކިވަކި ކުޅުންތެރިންނަށް އެއްވެސް ވަރަކަށް ނުވިސްނާނެ ކަމަށެވެ. ޑޫލީ ބުނީ އާސިއާން ކަޕްގައިވެސް ޕާކިސްތާނުން ތަފާތު ދެއްކި ކަމަށެވެ. އެގޮތުން ފިލިޕީންސާއި ވިއެޓްނާމް ފަދަ ޓީމުތަކާ ދެކޮޅަށް ކުޅެ އެ ނެރުނު ނަތީޖާތަކުން ފެންވަރު ސާފުވާނެ ކަމަށެވެ.
ޑޫލީ ބުނީ ޑިފެންސިވް ރެކޯޑާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށާއި، ދެން އޮތީ ސަޕޯޓަރުންނަށް ދޭ މެސެޖެއް ކަމަށެވެ. މިހާތަނަށް ބައެއް މެޗުތަކުގައި 9،000 ވަރަކަށް ސީޓް ހުސްކޮށް ފެންނަ ކަމަށާއި، އެ ހުރިހާ ސީޓެއް ފުރާލަ ދިނުން މުހިއްމު ކަމަށްވެސް ޑޫލީ ފާހަގަކުރިއެވެ.
ޕާކިސްތާނާއާއި ބަންގްލަދޭޝް ވާދަކުރާ ސެމީ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 7:30 ގައެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް