މިހާރު ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުން ރޭ ސްރީ ލަންކާއިން ކަޓައިގެން ގޮސްފައިވާ އިރު، އެ ނަތީޖާތަކާއެކު އެގައުމު ފުޓުބޯޅަ އިދާރާގެ ރައީސް، ޖަސްވާރު އުމަރު ހާއްސަ ސިޓީއަކާއެކު މައާފަށް އެދިއްޖެއެވެ.

ސްރީ ލަންކާއިން މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން ބޫޓާނާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އެމެޗުން ހޯދި ޕޮއިންޓާއެކު ރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުތްއިރު ޕޮއިންޓަކުންވެސް ފުއްދާލެވެން އޮތެވެ. އަދި ދެ ގޯލަށްވުރެ ކުޑަ ފަރަގަކުން ބަލިވި ނަމަވެސް ސްރީ ލަންކާއަށް ސެމީގެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް އެގައުމި ކެޓީ 4-0 ގެ ނަތީޖާއަކުން ބަލިވެގެންނެވެ.

މީގެ ކުރިން 2023 ވަނަ އަހަރުގެ ފީފާ ސަސްޕެންޝަނުގެ ސަބަބުން ސްރީ ލަންކާއަށް ސާފް ޗެމްޕިއަންޝިޕް ގެއްލިފައިވާ އިރު، އެއީ 1993 ވަނަ އަހަރަށްފަހު އެގައުމަށް ސާފް ގެއްލުނު ފުރަތަމަ ފަހަރެވެ. އެ ހާލަތުން އަރައިގަނެ، މިފަހަރު ސާފް ޗެމްޕިއަންޝިޕަށް ސްރީ ލަންކާ ނުކުތީ ނެޗުރަލައިޒްކޮށް، ޔޫރަޕްގައި ކުޅޭ ބައެއް ކުޅުންތެރިންވެސް ހިމެނޭ ޓީމަކާ އެކުގައެވެ. އެހެން ނަމަވެސް އެޓީމުގެ ދަތުރު ނިމުނީ ގްރޫޕް ސްޓޭޖުންނެވެ.

ޗެމްޕިއަންކަމަށް ވިސްނައިގެން ނުކުތް ލަންކާއަށް ސެމީ ފައިނަލާ ހަމައަށްވެސް ދެވިފައި ނުވާ އިރު، އެޓީމަށް 2015 ވަނަ އަހަރަށްފަހު ސެމީއަށްވެސް ދެވިފައެއް ނުވެއެވެ.

ސާފްގެ ނައިބު ރައީސްގެ މަގާމުގައިވެސް ހުންނެވި ޖަސްވާރުގެ ސިޓީގައި ސަޕޯޓަރުންގެ ފަރާތުން މައާފަށް އެދިވަޑައިގެން ވިދާޅުވީ މިއީ ލަންކާ ފުޓުބޯޅަ އަލުން ބިނާކުރަމުންދާ މަރުހަލާއެއް ކަމަށެވެ. އަދި އެންމެ އުނދަގޫ ދުވަސްތަކުން އަރައިގަނެވިފައިވާކަން ފީފާ ރޭންކިންގައި ލިބޭ ކުރިއެރުމުން އެނގޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ޖަސްވާރު ވިދާޅުވީ 200 އިން ދަށުގައި ލަންކާއިން އޮންނަތާ 15 ވަރަކަށް އަހަރު ދުވަސްފަހުން މިހާރު ރޭންކިންގައި 184 ވަނަ އަށް އެރިފައިވާ ކަމަށެވެ.

އޭގެ އިތުރުން ޖަސްވާރު ފާހަގަކުރެއްވީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 12 މޮޅު ހޯދުނު އިރު، ހަ މެޗުން އެއްވަރުކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި މާ މަތިން ރޭންކް ކޮށްފައިވާ ގައުމުތައްވެސް ހިމެނޭ ކަމަށެވެ. އަބަދުވެސް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާވާނެހެން ލަންކާ ފުޓުބޯޅަ ކުރިއަރުވަން މަސައްކަތް ކުރާ އިރު، ސާފަކީ މުހިއްމު މުބާރާތެއް ނަމަވެސް، އެއީ އެންމެ ފަހުކަމެއްގެ ގޮތުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި ނޫން ކަމަށްވެސް ޖަސްވާރު ބުންޏެވެ.

އެއާއެކު ޖަސްވާރު ފާހަގަކުރެއްވީ އަށް މަސް ތެރޭގައި އިތުރު ސާފް މުބާރާތެއް އޮންނާނެ ކަމަށާއި، އެ މުބާރާތް ސްރީ ލަންކާގައި ހޯސްޓް ކުރަން މިހާރުވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އެ މުބާރާތް ވެގެންދާނީ ގައުމީ ޓީމަށް އަމިއްލަ ގައުމުގައި ލިބޭ ބޮޑު ފުރުސަތަކަށް ވާނެ ކަމަށްވެސް ޖަސްވާރު ފާހަގަކުރެއްވިއެވެ.

އާންމުކޮށް ދެ އަހަރު އެއް އަހަރު ސާފް އޮންނަ ނަމަވެސް، ޖަސްވާރު ފާހަގަކުރެއްވާފައި ވަނީ އަންނަ އަހަރު މުބާރާތް އޮންނާނެ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

ސްރީ ލަންކާއިން އެންމެ ފުރަތަމަ 1995 ވަނަ އަހަރު ސާފް ހޯސްޓް ކޮށްފައިވާ އިރު، ޗެމްޕިއަނަކީ އެގައުމެވެ. އޭގެފަހުން 2008 ވަނަ އަހަރު ރާއްޖެއާއެކު ސާފް ހޯސްޓް ކޮށްފައިވާ އިރު، ފައިނަލް ކުޅުނީ ލަންކާގައެވެ. އެ މުބާރާތް ނެގީ ރާއްޖެއިންނެވެ. އޭގެފަހުން ދެން ލަންކާއިން ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކޮށްފައެއް ނުވެއެވެ.