މިފަހަރު ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ އިންތިޒާމުތަކުގައި ބަންގްލަދޭޝް ފުޓުބޯޅަ ފެޑަރޭޝަން (ބީއެފްއެފް) އާއި ސާފްއާ ދެމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުޅޭ ކަމަށް ވާހަކަތައް ދެކެވިފައިވާ އިރު، އިންޑިއާ ޓީމަށްވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ކެޔުން ހަމަޖެހިފައި ނުވާ ކަމަށް އެޓީމުގެ ކޯޗު ނައުޝާދު މޫސާ ބުނެފިއެވެ.
އިންޑިއާއިން މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ، ގްރޫޕްގެ އެއްވަނައިގައި ސެމީ ފައިނަލް ޔަގީން ކޮށްފައިވާ އިރު، އިއްޔެ ރާއްޖެ ބަލިކުރި މެޗަށްފަހު ބަންގްލަދޭޝްގެ ނޫސްވެރިން ވަނީ އިންތިޒާމުތައް ރަނގަޅުތޯ ސުވާލު އުފައްދައިފައެވެ. އެއީ އިންޑިއާގެ ބައެއް މީޑިއާތަކުގައި ބަންގްލަދޭޝްގެ އިންތިޒާމުތައް ދަށްވެގެން އެވާހަކަ ދައްކާފައި ވުމުންނެވެ.
"ސަލާމަތީ ކަންތަކާ އެހެން ކަންކަމަށް ބަލާއިރު ވަރަށް ރަނގަޅު. އަހަރެމެން ނުދަން ހޮޓަލުން ބޭރަކަށް. އަހަރެމެން ދަނީ ޕްރެކްޓިސްއަށް އެކަނި. އެ ތަންތަނަށް ދަތުރުކުރުމުގެ ކަންކަން ރަނގަޅު. އަހަރެމެން ގޯހީ ކެޔުން އެކަނި. އަހަރެމެން މެޗުގެ ކުރިންނާއި ފަހުންވެސް މި އޮންނަނީ ސެޓް މެނޫއެއް ހަދާފައި. އެކަމަކު އެއެއް ނުލިބޭ. މެޗު ދުވަހު މާ ގަދަޔަށް ނުކޭ ނަމަވެސް، މެޗު ނިންމާފައި ރަނގަޅަށް ކާން ކުޅުންތެރިން ބޭނުންވާނެ. އެހެން ކާން ބޭނުންވާ އިރު، މި ލިބެނީ ހަމަ އެކައްޗެއް،" ނައުޝާދު ބުންޏެވެ.
ނައުޝާދު ބުނީ މިހާރު ސާފާ ވާހަކަ ދައްކައިގެން ހެނދުނު ނާސްތާ ރަނގަޅު ކުރެވިއްޖެ ކަމަށާއި، އަނެއް ދެ އިރުގެ ކެޔުން އެންމެ ރަނގަޅު ނޫން ކަމަށެވެ.
ބަންގްލަދޭޝް ނޫސްވެރިން ވަނީ ރާއްޖޭގެ ކޯޗު އުރުބާނީއާވެސް އެ ސުވާލު ކޮށްފައެވެ. އުރުބާނީ ބުނީ އެއީ ނަތީޖާއަށް އަސަރުކުރި ސަބަބެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، ރާއްޖޭގައި މިއަހަރު ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތާއި ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ކަންކަމާ އަޅާކިޔާ އިރު، އޭރު ހުރިހާ ޓީމަކަށް ފަސް ތަރީގެ ހޮޓަލުން އެޓީމަކުން ބޭނުންވި އެއްޗެއް ކާން ހަމަޖެހުނު ކަމަށް އުރުބާނީ ފާހަގަކުރިއެވެ. އަދި ކުރިން ދިޔަ ސާފްގެ ކަންކަމަށް ބަލާއިރުވެސް އިންތިޒާމުތައް ކޮންމެވެސް ވަރަކަށް ދަށްކަމަށް އޭނާ ފާހަގަކުރިއެވެ.
ބަންގްލަދޭޝްއިން ސާފަށް ތައްޔާރުވިއިރުވެސް މައްސަލަތައް ދިމާވިއެވެ. ފެޑަރޭޝަނާއި ސާފުން ކޮންމެވެސް ވަރެއްގެ ދެބަސްވުމެއްގައި އުޅުނުތަން ފެނިފައިވާ އިރު، މުބާރާތް އިންތިޒާމުކުރުމުގެ އެންމެ އިސް ރޯލެއް އޮންނަނީ ސާފަށެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް