މިފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް އެންމެ ބޮޑު ފެވަރިޓެއްގައި އޮތް ބަންގްލަދޭޝްގެ އަސްލު ފެންވަރު ފެނުނީ ރޭ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ގްރޫޕް ސްޓޭޖު އެންމެ ފަހު މެޗުގައި ބަންގްލަދޭޝްއިން ރޭ ސްރީ ލަންކާ ބަލިކުރީ 4-0 ގެެ ނަތީޖާއަކުންނެވެ. އޭގެ ކުރިން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 1-0 އިންނެވެ. އެއީ އެންމެ ރަނގަޅު މެޗަކަށް ނުވިއެވެ. ކުރިން ލެސްޓާ ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ހަމްޒާ ޗޯދުރީ ރޭގެ މެޗަށް ކެޕްޓަން ބޭންޑްގައި ނުކުމެ، އޭނާގެ ތަފާތު ދެއްކި އިރު، އިނގިރޭސި ފަސްވަނަ ޑިވިޝަން ކަމަށްވާ ނޭޝަނަލް ލީގުގެ ބޯރްހަމް ވުޑަށް ކުޅެމުންދާ ފަރްހާން އަލީ ވަހީދުވެސް އޭނާގެ ޖާދޫ ދެއްކިއެވެ.

ހަމްޒާ ކެޕްޓަން ބޭންޑްގައި ނުކުތް ވަގުތު ވެސް މުޅި ދަނޑު ގުގުމަމުން ދިޔައީ އޭނާގެ ނަމުންނެވެ. އޭގެ ކުރީ ދުވަހު ވެސް ބަންގްލަދޭޝްގެ އެތައް މީޑިއާއެއްގެ ސުވާލަށް ޓްރެއިނިންގެ ކުރިން ޖަވާބު ދިނީ ހަމަޖެހިލައިގެންނެވެ. އޭގެ ކުރިން ކޯޗަށް އޮތް ބޮޑު ޕްރެޝަރެއް ހަމްޒާއާ ހަމައިން ކެނޑިގެން ދިޔަ ކަހަލައެވެ. ހަމްޒާ ވަނީ އޭނާ ލީޑްކޮށް، ތަށި ނެގިދާނެ ކަމަށް ފާހަގަކޮށް، އެ ޒިންމާއާ ވަރަށް ބޮޑަށް ހަވާލުވެފައެވެ. ރޭގެ މެޗަށް ހަމްޒާ ކެޕްޓަނަކަށް ހަމަޖެއްސީ ލީޑު ކުރެވޭނެކަން ޔަގީންކަން އޮތުމުން ކަމަށް ކޯޗު ތޯމަސް ޑޫލީ ބުނެފައިވެއެވެ.

"ހަމްޒާ ކުރިން ކޮންމެހެން ބޭނުމެއް ނޫން ކެޕްޓަން ކަމެއް. ދެން ޖަމާލް މެޗު ނުފަށާ، އަދި ޓޮޕޫ ހުރީ އަނިޔާގައި. އެ ހުރިހާ ކަމެއް ހުރުމުން ހަމްޒާ ބުނި އަހަރެން ހަވާލުވާނަމޭ. އެއީ އަހަންނަށް ޓީމުގެ ބޭންޑްގައި ހުންނަން އެންމެ އެކަށޭނެވެސް ކުޅުންތެރިޔާ. އެއީ ވަރަށް ބޮޑު ފަސޭހައެއް ހަމްޒާ މެޗު ލީޑު ކުރުމަކީ،" ޑޫލީ ބުންޏެވެ.

ރޭގެ މެޗުގައި ހަމްޒާ އެޓޭކިން ރޯލެއްގައި ފެނިގެން ގޮސްފައިވާ އިރު، އޭނާ ގޯލްވެސް ޖެހިއެވެ. އެއީ ޑޫލީގެ ތަފާތު ޓެކްޓިކްސްއެކެވެ.

"ހަމްޒާ މަސައްކަތް ކުރީ އަހަރެން ބޭނުންވި ގޮތަށް. އަހަރެން ބެލީ އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ހަމްޒާ ކުޅުވުމުން އިދިކޮޅު ޓީމުން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށް. ދެން އަނެއް ކަމަކީ ހަމްޒާ އޭގެ ފަހަތުން ސެންޓަ މިޑަށް ނޫނީ ޑިފެންސިވް މިޑަށް ކުޅުނަސް، އޭނާގެ ވިސްނުން ހުންނަ ގޮތުން މުޅި ޓީމަށް އެހީވެދޭނެ. ވަރަށް ބޮޑަށް ކުރިއަށް ޖެހެންވެސް ބޭނުންވާނެ. އަހަރެން ވިސްނީ ޑިފެންސް ބޮޑަށް އޮގަނައިޒް ކުރުމަށް އެ ދެ މަގާމަށް ކުޅޭ ދެ ކުޅުންތެރިން ބޮޑަށް މަޑުކުރުވަން. ހަމްޒާ ކުރިއަށް ނެރުނީމަ އޭނާގެ ފުޓުބޯޅަ ނޮލެޖް ރަނގަޅުކަމުން އެހެން ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދޭލެއް ވަރަށް ގިނަވާނެ. އަދި އޭރިއާ ބޭރުން ރަނގަޅު ޝޮޓްތައް ނަގައި، އޭރިއާ ތެރެއަށް ވަދެވެސް ބޮލުން ޖަހާނެ،" ޑޫލީ "ވަން ސްޕޯޓްސް" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ފާހަގަކުރިއެވެ.

ޑޫލީ ބުނީ ހަމްޒާއަކީ ކޮންމެ މަގާމަކަށްވެސް މި ލެވެލްގައި ކުޅޭނެ ކުޅުންތެރިއެއް ކަމަށާއި އޭނާ ދަނޑަށް އެރުމުން މުޅި ޓީމަށް އޭގެ ފަސޭހަ އޮންނާނެ ކަމަށެވެ.

އޭގެ އިތުރުން ޕްރެސްގައި ކޯޗު ޑޫލީ ވަނީ ފަރުހާންގެ ހިތްގައިމު ގޯލަށްވެސް ތައުރީފު ކޮށްފައެވެ. އަދި ރޭގެ މެޗަކީ ބަންގްލަދޭޝްއަށް ފުރިހަމަ މެޗެއް ކަމަށްވެސް ޑޫލީ ފާހަގަކުރިއެވެ. އަދި މެޗަށް ޓީމުން ކުރި މަސައްކަތަކާއެކު ސެމީ ފައިނަލަށް އުންމީދު ބޮޑުވެފައިވާ ކަމަށްވެސް ޑޫލީ ފާހަގަ ކުރިއެވެ.

ހަމްޒާ މުބާރަތަށް ނުކުތުމާއެކު މުޅި ސްޓޭޑިއަމް ސަރަހައްދަށްވެސް އެނގުންވެލާފައިވާ އިރު، މިއީ 2003 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ހޯދުމަށް ބަންގްލަދޭޝް ކުރަމުންދާ އިންތިޒާރަށް ނިމުން އަންނާނެ ފަހަރުކަމަށް ގިނަ ސަޕޯޓަރުންނަށް ޔަގީންކުރެވެން ފަށައިފިއެވެ. ޓިކެޓްގެ އަގު ބޮޑުކަމުން އެއްކޮށް ދަނޑު ނުފުރުނު ނަމަވެސް މުޅި ސަރަހައްދުގައިވެސް ކުޅުންތެރިންނަށް ހިތްވަރުދޭން އެތައް ބަޔަކު ޖަމާވެފައި އޮތެވެ. ރޭގެ މެޗަކީ 1999 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ކައިރިން ހަތަރު ގޯލް ޖަހައިދިން މޮޅުވިފަހުން، ބަންގްލަދޭޝްއިން ހަތަރު ގޯލްގެ ފަރަގަކުން މޮޅުވި ފުރަތަމަ މެޗެވެ.