"މިއީ އަހަރުމެންގެ ދުވަހެއް ނޫން. އަހަރެން މަރުހަބާ ކިޔަން ބަންގްލަދޭޝް، ބޫޓާން އިންޑިއާ އަދި ރާއްޖެއަށްވެސް،" ސްރީ ލަންކާގެ ކޯޗު، އަބްދުﷲ އަލް މުތައިރީ ޕޯސްޓް މެޗު ޕްރެސް ފެށިއެވެ.

އެހިސާބުން އޭނާގެ އަޑުގެ ބާރުމިންވެސް ބަދަލުކޮށްލައި، ދެން ފެށީ ސާފްގެ ވާހަކައެވެ. މިފަހަރު އޭނާގެ ފާޑު ކިޔުން އެންމެ ބޮޑަށް އަމާޒުކުރީ ސާފްގެ ހެޑް އޮފް ލީގަލް ތަންޖިމް ހާންއަށެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަރާތެކެވެ.

"ހިނގާ މިހާ ހިސާބުން މަޖާކޮށްލަން. ސާފްގެ ހެޑް އޮފް ލީގަލްއަށް އަހަރެން މަރުހަބާ ކިޔަން. އޭނާ އަހަންނަށް މެއިލްކުރީ ރޭގަނޑު ދަންވަރު. އަހަރެންގެ މައްސަލަ ބަލަން ޖެހޭ ކަމަށް،" އޭނާ ބުންޏެވެ.

އެހިސާބުން މުތައިރީ ބުނީ ނޫސްވެރިންނާ ސުވާލުތަކެއް ކޮށްލަން ބޭނުންވާ ކަމަށެވެ. އެއް ސުވާލަކީ 2023 ވަނަ އަހަރު ބެންގަލޫރުގައި އޮތް ސާފްގައި އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ކޯޗަކަށް އޭރުހުރި ކުރިން ކްރޮއޭޝިއާ ގައުމީ ޓީމާއެކު ވޯލްޑް ކަޕް އީގޯ ސްޓިމަކް، ކުޅުންތެރިއެއް ގަޔަށް އަތްލުމުން ވީ ކިހިނެއްތޯއެވެ.

ސްރީ ލަންކާގެ ކޯޗު އަބްދުﷲ އަލް މުތައިރީ --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

"ސާފުން އެކަމާ ބުނީ ސްޓިމަކް ވޯލްޑް ކަޕްގައި ކުޅެފައިވާތީ އެއީ މައްސަލައެއް ނޫން ކަމަށް،" މުތައިރީ ބުންޏެވެ. މުތައިރީ ބުނީ އެއީ މައްސަލައަކަށް ނުވެފައި އޭނާ ޕްރެސްއެއްގައި ދެއްކި ވާހަކައެއް ބަލާ ބޮޑެތި ފިޔަވަޅުތަކެއް އަޅަން މެންދަމު މެއިލްއެއް ކުރި ކަމަށެވެ. އެ މެއިލް މުތައިރީ ވަނީ ޕްރެސްގައި ތިބި ނޫސްވެރިންނަށް ދައްކައިފައެވެ. މުތައިރީ ބުނީ ދެން 2021 ވަނަ އަހަރު ފައިނަލް މެޗަށް އޭނާ ސަސްޕެންޑް ކުރަން ނިންމީވެސް ތަމްޖިމް ކަމަށެވެ. އެއީ ދެމެޗުގައި ދެ ރީނދޫ ކާޑު ދައްކައިގެން ކަމަށް ބުނެގެން ކަމަށްވެސް މުތައިރީ ބުންޏެވެ.

"ދެ މެޗުން ދެ ރީނދޫ ކޯޗަކަށް ދައްކައިގެން މެޗަކަށް ސަސްޕެންޑްވާ އެއްވެސް ގަވާއިދެއް ފުޓުބޯޅައިގައި އޮތް ކަމަށްވަންޏާ އަހަރެން ކޯޗުކަން ހުއްޓާލާނަން،" ރުޅި އައިސްފައި ހުރެ މުތައިރީ ބުނެފައިވެއެވެ. އެހިސާބުން އުރުބާނީ ވަނީ ތަންޖިމްއަށް އަނެއްކާވެސް މަރުހަބާ ކިޔައިފައެވެ. ކުރިން ނޭޕާލްގެ ކޯޗުކަމުގައި ހުރި މުތައިރީ ބުނީ، 2023 ވަނަ އަހަރު ސާފް ހޯސްޓް ކުރަން ނޭޕާލުން މަސައްކަތް ކުރި ނަމަވެސް، އެކަން ނުވީ ސްޕޮންސަރުން އިންޑިއާގައި މުބާރާތް ބާއްވަން ބޭނުންވުމުން ކަމަށެވެ. އަދި އެ ވާހަކަ ސީދާ އޭރުގެ ސާފް ޖެނެރަލް ސެކްރެޓަރީ އަންވާރުލް ހައްގު އަގައިން ވިދާޅުވެފައިވާ ކަމަށްވެސް މުތައިރީ ބުންޏެވެ.

ސާފުން އޭނާއަށް ކޮށްފައިވާ މެއިލް ފޯނުން ދައްކަމުން މުތައިރީ ބުނީ 2023 ވަނަ އަހަރު އިންޑިއާ ކޯޗަށް ރަތް ކާޑު ދެއްކުމުން އިތުރު ސަސްޕެންޝަނެއް ނައިސް އޭނާ ސަލާމަތްވީ ޔޫރަޕް ކޯޗަކަށްވުމުން ކަމަށާއި، ދެން ކުޅުނު ތިންވަނަ މެޗުގައި ސްޓިމަކް ފަރާތުން ކުވައިތު ކައިރިން އެކަން ތަކުރާރުވުމުންވެސް ކޮށްލީ 500 ޑޮލަރު ޖޫރިމަނާއެއް ކަމަށެވެ. އެހެން ނަމަވެސް އޭނާ ޕްރެސްގައި ދެއްކި ވާހަކައަކުން ހަ މަހަށް ނޫނީ އަހަރަކަށް ސަސްޕެންޑްކޮށް، 10،000 ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމަށް އިންޒާރު ދީފައިވާ ކަމަށެވެ.

އެ މެއިލްގައި އޮތީ ރެފްރީންނަށް ފާޑުކިޔައި ވީއޭއާރް ގެންނަން ޖެހޭ ކަމަށް ވާހަކަ ދެއްކި ކަމަށް ކަމަށާއި، އޭގައި އޭނާ ހަޑިހުތުރު ބަހުން ވާހަކަ ނުދައްކާ ކަމަށް އޮތް ކަމަށްވެސް މުތައިރީ ފާހަގަކުރިއެވެ. އަދި އޭނާ ބަންގްލަދޭޝްއަށް އަމާޒުކޮށް ގޯސް ވާހަކައެއް ނުދައްކަނީސް، އެކަން ފާހަގަކޮށް، ބޫޓާނަށް އިހުތިރާމު ކުޑަކުރުމަށް ވާހަކަ ދެއްކި ކަމަށް މެއިލްގައި ވާކަމަށް މުތައިރީ ބުންޏެވެ. ސާފާ ޖައްސާލައިގެން އުޅޭ ކަމަށް މެއިލްގައި ބުންޏަސް، ސާފުން މުބާރާތް އިންސާފުވެރިކޮށް ބާއްވަންޏާ ސިޔާސީ ކަންކަން ނުވައްދާ ހަމައެކަނި ފުޓުބޯޅަ ކުޅެން ޖެހޭ ކަމަށްވެސް މުތައިރީ ބުންޏެވެ.

މުތައިރީ ބުނީ ހެނދުނު ވަގުތެއްގައި މެއިލެއް ކުރި ނަމަވެސް މައްސަލައެއް ނެތް ކަމަށާއި، މެންދަމު އެކަން ކުރުމަކީ ލަދެއް ކަމަށެވެ. ތަންޖިމް ކުރި މެއިލްގައި އެ މައްސަލައިގައި އެ ކޮމިޓީގެ ސެކްރެޓަރީ އަކަށް ހުންނަ ސްރީ ލަންކާ ފަރާތަށް ބަސް ނުބުނެވޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް މުތައިރީ ބުންޏެވެ.

މުތައިރީ ބުނީ 2023 ވަނަ އަހަރު ފައިނަލަށް އޭނާ ސަސްޕެންޑް ކުރީ ނެތް ގަވާއިދަކުންކަން އޭނާ ކައިރީ ބުނި ކަމަށާއި، އެކަން ގަބޫލުކުރީ ގޯހެއް ހެދިދާނެ ކަމަށް ބަލައިގެން ކަމަށެވެ. އެހެން ނަމަވެސް މިހާރު ފެންނަ މަންޒަރުން އެއީ ހެދުނު ގޯހެއް ނޫންކަން އެނގޭ ކަމަށްވެސް މުތައިރީ ފާހަގަކުރިއެވެ.

މުތައިރީ ޕްރެސް ނިންމާފައި ދަމުން ހުރިހާ ނޫސްވެރިންނަށް އަޑު އިވޭ ވަރަށް ބާރަށް ބުނީ މިއީ ފަހު ސާފް ކަމަށެވެ.

"މިއީ އަހަރެން ފަހު ސާފް. މި ރީޖަންއަށް އަންނާނެ ފަހު ފަހަރު. އެއީ ސާފުން އަރަބިންނަށް ނަސްލީ ތަފާތުކުރުން ގެންގުޅޭތީ. އެމީހުން އަރަބިން ދެކެ ރުޅި އާދޭ. ކުރިން އަހަންނަށް ފައިނަލެއްގައި ކޯޗުކަން ކޮށްދިނުަމަށް ހުރަސް އެޅި، މިހާރު އެ ފޮނުވަނީ އަހަންނަށް ދަންވަރު މެއިލް،" މުތައިރީ އެންމެފަހުން ބުންޏެވެ.

ލަންކާއިން ރޭގެ މެޗަށް ނުކުމެ، ޕޮއިންޓެއް ހޯދައިގެންވެސް ސެމީއަށް ދާން އޮތް ނަމަވެސް، ބަލިވީ 4-0 އިންނެވެ. އެ ނަތީޖާއާއެކު ބަންގްލަދޭޝްއާއެކު ދެން އެ ގްރޫޕުން ސެމީއަށް ދިޔައީ ނޭޕާލެވެ.