މުހައްމަދު ޝަމްއޫން، ބަންގްލަދޭޝް - ޑާކާ
ސްރީ ލަންކާ ކޯޗު އަބްދުﷲ އަލް މުތައިރީއަކީ ތަފާތު މިޒާޖެއްގެ ކޯޗެކެވެ. މީގެ ކުރިން ރާއްޖޭގައި އޮތް 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައިވެސް އޭނާގެ ޑްރާމާ ފެނުނެވެ. އޭރު ހުރީ ނޭޕާލް ކޯޗަކަށެވެ. މިފަހަރު ބަންގްލަދޭޝްއަށް ސްރީ ލަންކާގެ ކޯޗުކަމުގައި މުތައިރީ އައިސްފައިވާ އިރު، އޭނާ ރަސްމީ ބައެއް ކަންކަން މިހާރުވެސް ފެނިއްޖެއެވެ. އެއް ކަމަކީ ރެފްރީންނާއި ސާފަށް ނިކަން ވަރުގަދައަށް ފާޑު ކިޔުމެވެ. ދެން އަނެއް ކަމަކަށް ފެނުނީ ބަންގްލަދޭޝްއަށް މާބޮޑަށް ތައުރީފުކުރުމެވެ. ހޯސްޓް ބަންގްލަދޭޝްގެ އެތައް ނޫސްވެރިންނެއް އޮއްވާ، މި މުބާރާތް ނަގަން ޖެހެނީ އެގައުމު ކަމަށް ބުނެފިއެވެ. އެހެން ބުނެފައި ވަނީ "މައިންޑް ގޭމްސް" ޖައްސަން ކަމަށް ބަންގްލަދޭޝް ނޫސްވެރިން ބުނެފައިވެއެވެ.
ސްރީ ލަންކާއިން އެންމެފަހުން ކުޅުނު މެޗުގައި ބޫޓާން ކައިރިން 2-2 އިން އެއްވަރުވެ، މިރޭ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗަކީ ނަތީޖާ ނެރެން މަޖުބޫރު މެޗަކަށް ވަނީ ވެފައެވެ. ލަންކާއަށް މިރޭގެ މެޗުން ޕޮއިންޓަކާއެކު ސެމީ ފައިނަލަށް ދެވެން އެބައޮތެވެ. ބަންގްލަދޭޝް ސެމީ ފައިނަލަށް ގޮސްފައި އޮތް ނަމަވެސް، މުތައިރީ ބުނަނީ ދޫ ނުދޭނެ ކަމަށެވެ. ބަންގްލަދޭޝްއިން ދެ ގޯލްގެ ފަރަގަކުން ލަންކާ ބަލިކޮށްފިނަމަ، އެ ގްރޫޕުން ދެވަނަ ޓީމަކަށް ސެމީއަށް ދާނީ ބޫޓާނެވެ.
އިއްޔެ އޮތް ޕްރެކްޓިސް ސެޝަނަކީ ސީދާ މީޑިއާ އެކްސެސް ސެޝަނެއް ނޫން ނަމަވެސް، ބަންގްލަދޭޝް ނޫސްވެރިންނަށް މުތައިރީ މަރުހަބާ ކިޔާފައިވެއެވެ.
"އަހަންނަށް ދެން ނެތް ނޫސްވެރިންނާ މާގިނައިން ވާހަކަ ދެއްކޭކަށް. އަންހެނުން އެކަން މަނާކޮށްފި، އެއީ އަހަރެން މާ ވާހަކަ ގިނަވާތީ،" އެންމެފަހުން މެޗަށްފަހު ސާފަށް ފާޑު ކިޔުމަށްފަހު، އޭނާގެ ފަހު ޕްރެސްއަށް ވެދާނެ ކަމަށް ބުނި މުތައިރީ ނޫސްވެރިންނަށް ބުނެފައިވެއެވެ.
މުތައިރީ އެހިސާބުން ބުނީ ޓްރެފިކް ބާރުބޮޑުއިރުވެސް ނޫސްވެރިން ދިޔުމުން މާޔޫސްކޮށް ނުލާނެ ކަމަށެވެ. އަދި ލަންކާ ތިން ކުޅުންތެރިޔަކު ނޫސްވެރިންނަށް ގެނެސްދީ، އޭނާ ބުނީ "އަންހެނުންނާ އިނދެގެން އުޅޭތާ، 21 އަހަރު ވެއްޖެކަމަށާއި، އެ ކައިވެނި ރޫޅާލާން ބޭނުން ނުވާނަމަ، ސުވާލު ނުކުރުމަށް އެދެން،" ކަމަށެވެ.
އެހެން ނަމަވެސް އެ ތިން ކުޅުންތެރިންނަށްފަހު މުތައިރީ ވަނީ ތިން ސުވާލަކަށް ޖަވާބު ދީފައެވެ.
"މިއީ ސާފްގެ ތާރީހުގައި އެންމެ ވަރުގަދަ މެޗަށްވާނެ. ދެޓީމުގައިވެސް ކޮލިޓީ ކުޅުންތެރިން އެބަތިބި. އެއީ އަދި ގައުމުގައި އުޅޭ، ނޫނީއްޔާ އެހެން ގައުމެއްގައި އުޅޭ ކުޅުންތެރިން ނަމަވެސް. އަދި ބުނެލަން، ބިދޭސީ ކުޅުންތެރިންނެއް ނޫން މި ބޭރުން އަންނަނީ. އެއީ ގައުމީ ލޭ ހިނގާ ކުޅުންތެރިން. އެ ކުޅުންތެރިން ވަކިން ފާހަގަކުރާކަމަށް ނުޖެހޭ،" މުތައިރީ ބުންޏެވެ.
މުތައިރީ ބުނީ ހަމްޒާ ސާފް ޗެމްޕިއަންޝިޕް ސްކޮޑާ ގުޅެން އައުމުން ބަންގްލަދޭޭޝް ރައްޔިތުން ނުކުމެ އެއާޕޯޓް ފުރާލައި، މަގުތައް ބަންދުކުރާ ހިސާބަށް ދިޔުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި މުޅި އޭޝިއާ އެކަމަށް ފަހުރުވެރިވާނެ ކަމަށް އޭނާ ބުންޏެވެ. އަދި އޭގެ އިތުރުން ފުރަތަމަ ޕްރެސްގައި ފާހަގަކުރިހެން އަނެއްކާވެސް ފަރްހާން އަލީ ވަހީދަށް ތައުރީފް ކުރިއެވެ.
އިނގިރޭސި ފަސްވަނަ ޑިވިޝަނުގައި ކުޅޭ ބަންގްލަދޭޝްގެ ފަރްހާނަކީ މި ސަރަހައްދުގެ އެންމެ މޮޅުވާނެ ކުލުންތެރިޔާ ކަމަށް ކުރިން ބުނީ މައިންޑް ގޭމެއް ޖައްސަން ނޫން ކަމަށްވެސް މުތައިރީ ބުނެފައިވެއެވެ.
"އަހަރެން ބަންގްލަދޭޝްގެ ވާހަކަ ދެއްކީ މައިންޑް ގޭމަކަށް ނޫން. އެކަަމަކު ހުރިހާ ނޫސްތަކުން ޖެހީ އެހެން. އެބަހުރި ސްކްރީން ޝޮޓްތައްވެސް،" މުތައިރީ ބުންޏެވެ.
އަރަބި ގައުމުތަކުން ކިޔާހެން މި ސަރަހައްދުންވެސް އެކައްޗެއް ކިޔައި، އޭޝިއަން ކަޕަށް ޓާގެޓް ކުރަންޖެހޭ
ކުވައިތަށް ނިސްބަތްވާ މުތައިރީ ސީރިއަސްވެ، ސުވާލަކަށް ޖަވާބު ދެމުން ބުނީ ސާފާ ހެދި އެވަރަކުން އުޅެން ޖެހޭ ސަބަބު އޭނާއަށް ނުވިސްނޭ ކަމަށެވެ.
"އަހަރެން ހަނދާން ހުރޭ ބަންގްލަދޭޝްއިން 1980 ވަނަ އަހަރު ކުވައިތަށް ގޮސް އޭޝިއަން ކަޕްގައި ކުޅުނު ހަނދާން. އަލުން ނުދެވޭންވީ ކީއްވެ؟ ކީއްވެ ހަމައެކަނި ސާފަށް ޓާގެޓް ކުރަނީ؟ ލަންކާއިން ހަމައެކަނި ސާފަށް ޓާގެޓް ކުރަނީ ކީއްވެ؟ އިންޑިއާއިން ސާފް ހޯދައިގެން ހިތްހަމަ ޖައްސާލަނީ ކީއްވެ؟ ބަންގްލަދޭޝް، ސްރީ ލަންކާ، އިންޑިއާ އަދި ޕާކިސްތާނާއި ނޭޕާލް އަދި ރާއްޖެއާއި ބޫޓާންވެސް އެކުގައި މަސައްކަތް ކޮށްގެން އޭޝިއަން ކަޕަށް ދެވޭނެ. އެކަން ކުރަން ޓާގެޓް ނުކުރަންވީ ކީއްވެ؟' މުތައިރީ ބުންޏެވެ.
މުތައިރީ ބުނީ ސާފް ގައުމުތަކުން އެކުގައި ޕްލޭން ހަދައި، އެކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ހާއްސަކޮށް މިހާރު އުޅޭ ހާލަތުން އަރައިގަންނަން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
"އަހަރެމެން މާ ބިޒީ ވަނީ މައިންޑް ގޭމާއި މީޑިއާގެ ކަންކަމުގައި. ހަގީގަތަކީ އަހަރެމެންނަކީ އެއް ބައެއް. މީ އެއް ރީޖަނެއް. ކީއްވެ ތަޅާ ފޮޅަންވީ،" މުތައިރީ އަރަބި ގައުމުތަކުގެ މަސައްކަތަށް މިސާލު ޖަހަމުން ބުންޏެވެ.
ބަންގްލަދޭޝް ކައިރިން ނުކުންނާނީ "މަރު ނޫނީ މޮޅަކަށް،" ކަމަށް ސަމާސާކޮށް ބުނެފައި މުތައިރީ ބުނީ މިއީ ކްރިކެޓެއް ނޫން ކަމަށާއި، ފުޓުބޯޅަ ކަމަށެވެ. ފުޓުބޯޅައިން ބިނާކުރަނީ ލޯތްބާއި އިހުރާމް ކަމަށްވެސް އޭނާ ބުންޏެވެ. އަދި ބަންގްލަދޭޝް ބަލިކުރެވިއްޖެ ނަމަ އުފާފާޅުކުރާނެތޯ އެހުމުންވެސް އޭނާ ސަމާސާއަކަށް ފުރަތަމަ ބުނީ އަކްޝޭ ކުމާރު ނަށާހެން ނަށާނެ ކަމަށެވެ. އެހެން ނަމަވެސް ދެން ބުނީ ނިމުމުން އޮންނާނީ އިހުތިރާމު ކަމަށެވެ. އަދި އެ ހުރިހާ ވާހަކައެއް ބަންގްލަދޭޝް މީޑިއާތަކުން ހިންގާނެ ކަމަށްވެސް މުތައިރީ ހިނިގަނޑަކާއެކު ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް