މުހައްމަދު ޝަމްއޫން، ބަންގްލަދޭޝް - ޑާކާ

ރާއްޖޭން މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން ކައިރިން 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި ނަމަވެސް، ރާއްޖެ ދަށްކޮށް ނުނެގޭނެ ކަމަށް އިންޑިއާ ކޯޗު ނައުޝާދު މޫސާ ބުނެފިއެވެ.

މިއަދުގެ މެޗަށް ނުކުންނަ އިރު، އިންޑިއާ އޮތީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އެއީ ޕާކިސްތާން ކައިރިން 3-2 ގެ ނަތީޖާއެއް ހޯދައިގެންނެވެ. އިންޑިއާއިން މިފަހަރު މުބާރާތަށް ފޮނުވީ ދެވަނަ ދަރަޖައިގެ ޓީމެއް ނަމަވެސް، އެޓީމު އޮތީ ސެމީ ފައިނަލާ ގާތަުގައެވެ. ރާއްޖެ ކައިރިން ޕޮއިންޓެއް ހޯދައިގެންވެސް އިންޑިއާއަށް ގްރޫޕްގެ އެއްވަނަ ޔަގީން ކުރެވެން އޮތް އިރު، އެޓީމުން ތިން ގޯލަށްވުރެ ކުޑަ ފަރަގަކުން މެޗުން ބަލިވި ނަމަވެސް ސެމީއަށް ދާނެއެވެ. ރާއްޖެއަށް ސެމީއަށް ދާން އޮތީ އިންޑިއާ ކޮޅަށް ތިން ގޯލް ޖަހައިގެންނެވެ.

އިންޑިއާއާއި ރާއްޖެއަކީ ކުރިން ސާފުގައި އެންމެ ވާދަވެރި ދެ ގައުމު ކަމަށްވާ އިރު، 2018 ވަނަ އަހަރު ރާއްޖޭން އެންމެފަހުން ސާފު ނެގީވެސް ފައިނަލުގައި އިންޑިއާ ބަލިކޮށްފައެވެ. އެއީ މިހާރު މުބާރާތް ކުރިއަށްދާ ދަނޑުގައެވެ.

ރާއްޖެއާއި އިންޑިއާ އެންމެފަހުން ވާދަކުރި މެޗަކީ މިދިޔަ އަހަރު މާޗު މަހު ވާދަކުރި މެޗެވެ. އެމެޗަކީ ސުނިލް ޗެތުރީ ރިޓަޔާކުރުމަށްފަހު އަލުން ގައުމީ ޓީމަށް ނުކުމެ ކުޅުނު މެޗެވެ. އެމެޗުން އިންޑިއާ މޮޅުވީ 3-0 އިންނެވެ.

"އަހަންނަށް ރާއްޖޭން ފެނުނީ ވަރަށް ހަލުވި، އަވަސް ޓީމެއް. އަދި ރާއްޖޭން ރަނގަޅަށް ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެންވެސް ކުޅޭ،" އިންޑިއާ ނޫހަކަށް ނައުޝާދު ބުނެފައިވެއެވެ.

ނައުޝާދު ބުނީ ރާއްޖެ ކޮޅަށް އަވަސް ތިން ގޯލް ވަދެ ޕާކިސްތާން ކައިރިން ބަލިވި ނަަމވެސް، ދެން އޭގެފަހުން ފެނުނީ ޓެކްނިކަލީ ވަރުގަދަ ޓީމެއް ކަމަށެވެ. ހާއްސަކޮށް އެޓޭކް ބިލްޑް އަޕްގައި ރާއްޖެ ރަނގަޅު ކަމަށާއި، ރަނގަޅު ޕާސްތަކަކާއެކު ރާއްޖެ ކުޅޭ ކަމަށްވެސް އިންޑިއާގެ ޒުވާން ޓީމުތަކުގެ ތަޖުރިބާ ބޮޑު ނައުޝާދު ބުންޏެވެ.

ޓީމަށް ބަދަލުތަކެއް އައި ނަމަވެސް ހާސްކަމެއް ނެތް

5 ނޮވެމްބަރު 2026، ޑާކާ، ބަންގްލަދޭޝް، ސާފް ޗެމްޕިއަންޝިޕް 2026 ގެ ފުރަތަމަ މެޗުތަކުގެ ތެރެއިން އިންޑިއާ ޕާކިސްތާން ވާދަކުރި މެޗު --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

މިދިޔަ ދެ އަހަރު ސާފްގެ ތަށި ހޯދައި، ޖުމުލަ ނުވަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޓީމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވެއެވެ. ޕާކިސްތާނު މެޗަށްވެސް ނުކުތީ ސްކޮޑުގެ ބޮޑުބައެއް މަދުކޮށެވެ. އިންޑިއާއިން މިމަހު 12 އާއި 15 ވަނަ ދުވަހު ނިއު ޒީލެންޑާ ދެކޮޅަށް އެގައުމުގައި ކުޅޭ ދެމެޗަށް ނެގި ސްކޮޑުގައި ސާފް ޗެމްޕިއަންޝިޕްގައި ކުޅެމުންދިޔަ ތިން ކުޅުންތެރިއަކު ވަނީ ހިމަނައިފައެވެ. އެ ތިން ކުޅުންތެރިންގެ އިތުރުން އަނިޔާގެ ސަބަބުންވެސް ބައެއް ކުޅުންތެރިންނަށް ސާފް ޓީމާ ގުޅެވޭ ގޮތްވެފައި ނުވާ އިރު، ޖުމުލަ ފަސް ކުޅުންތެރިން ސާފް ޓީމުން ގޮސްފައިވެއެވެ. އެހެން ނަމަވެސް އިންޑިއާއިން ވަނީ ހަތް ކުޅުންތެރިޔަކު އަލުން ސްކޮޑަށް ގެނެސްފައެވެ.

އެއީ ޗިންގްލެންސަނާ ސިންހް، ބްރިސޮން ފެނާންޑޭސް، އިރްފާން ޔަދްވާދް، މެކާޓަން ނިކްސަން، އަބްދުލް ރަބީހް، ޕީވީ ވިޝްނޫ އަދި ސަންދީޕް މަންޑީއެވެ. އާ ކުޅުންތެރިންނަމަވެސް ކޯޗަށް އެ ކުޅުންތެރިން ފަރިތަ ކަމަށް އޭނާ ބުނެފައިވެއެވެ.

"ޓީމުން ދިޔަ ފަސް ކުޅުންތެރިންނާ ދޭތެރޭ ހާހެއް ނުވޭ. އާ ކުޅުންތެރިންނާއެކު އަހަރެން ބަލާނީ ހައްލު ހޯދަން. އަހަންނަށް އޮތީ އަލަށް އަންނަ ކުޅުންތެރިން މިޓީމާ ގުޅޭނެ ގޮތެއް ހޯދުން. އަހަންނަށް އާ ކުޅުންތެރިންނެއް ނޫން އެއީ. އެ ކުޅުންތެރިން ވަނީ އަހަންނާއެކު 23 އަހަރުން ދަށުގެ ޓީމުގައި މަސައްކަތް ކޮށްފައި،" ނައުޝާދު ބުންޏެވެ.

އިންޑިއާއާއި ރާއްޖެއަށްވެސް ދުވާލު މެޗުތައް ކުޅެން ޖެހިފައިވާ އިރު، އެއީ އުނދަގޫތަކެއް އަންނާނެ ކަމެއްތޯ ސުވާލުކުރުމުން ނައުޝާދު ބުނީ އެއީ މައްސަލައެއް ނޫން ކަމަށެވެ.

އިންޑިއާ ކޯޗު ނައުޝާދު ބުނީ މުޅި މެޗުގައި ފޯކަސް ހިފަހައްޓަން ޖެހޭނެ ކަމަށާއި، ވަގުތު ކޮޅަކަށް ފޯކަސް ގެއްލުވާލި ނަމަވެސް ވާނެގޮތް ޕާކިސްތާން މެޗުން ފެންނާނެ ކަމަށެވެ.

އިންޑިއާއާއި ރާއްޖެ ވާދަކުރާ މެޗު އޮންނާނީ މިއަދު ރާއްޖެ ގަޑިން މެންދުރުފަހު 2:30 ގައެވެ.