ކޯޗުގެ މަސައްކަތްތައް ބަލައި، އެކަން އިވަލުއޭޓް ކުރުން އޮންނަނީ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާ ދަށުގައި ކަމަށް ރާއްޖޭ ގައުމީގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.

ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ދެ މެޗުން ވެސް ބަލިވެ، ގްރޫޕް ސްޓޭޖުން ކެޓީ ގޯލެއް ވެސް ނުޖެހިއެވެ. އެއީ ޕާކިސްތާން ކައިރިން 3-0 އިން އަދި އިންޑިއާ ކައިރިން 1-0 އިން ބަލިވެގެންނެވެ. އުރުބާނީ ތިންވަނަ ފަހަރަށް ހަވާލުވީ މިއަހަރު ޖެނުއަރީ މަހުގައެވެ. އުރުބާނީއަކީ ދިވެހި ފުޓުބޯޅައަށް ފަރިތަ، ކުރިން ގައުމީ ޓީމަށް ދެ ފަހަރަށް ކޯޗުކަން ކޮށްދީފައިވާ ކޯޗެކެވެ. ކުރިން އޭނާއާ އެކު ޓީމުން ކުޅުމަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ އިރު، އެންމެ ފުރަތަމަ އުރުބާނީ ރާއްޖެއަށް ކޯޗުކަން ކޮށްދިނީ 2009 ވަނަ އަހަރުއެވެ. އެފަހަރު އަހަރެއްހާ ދުވަހު ހުއްޓެވެ.

އޭގެފަހުން އަނެއްކާ ވެސް 2011 ވަނަ އަހަރުން 2013 ވަނަ އަހަރަށް ރާއްޖޭގެ ކޯޗުކަން އުރުބާނީ ކޮށްފައިވާ އިރު، އޭނާ ވަނީ ޒުވާން ޓީމާ އެކު ވެސް މަސައްކަތްތަކެއް ކޮށްފައެވެ. އުރުބާނީއާ އެކު 2009 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ރާއްޖެ ދަތުރު ކޮށްފައިވާ އިރު، ލަންކާގައި 2023 ވަނަ އަަހަރު ބޭއްވި 23 އަހަރުން ދަށުގެ ބައިނަލްއަގުވާމީ މުބާރާތެއް ކަމަށްވާ މަހިންދަރާޖާ އިންޓަނޭޝަނަލް ކަޕްވެސް އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.

މިފަހަރު ހަވާލުވި ފަހުން މިހާތަނަށް ގައުމީ ޓީމުން ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ އެ މެޗުތަކުގެ ތެރޭގައި 20 އަހަރުން ދަށުގެ ޓީމުގެ ނަތީޖާތައް ވެސް ހިމެނިގެންނެވެ.

އުރުބާނީ އިއްޔެގެ ޕޯސްޓް މެޗު ޕްރެސްގެ ކުރިން އިންޑިއާގެ ކޯޗު ނައުޝާދު މޫސާއަށް ޝުކުރު އަދާކޮށްފައިވެއެވެ. އެއީ އުރުބާނީ ޕްރެސްއަށް ދިޔުމުގެ ކުރިން ކޯޗު ދެއްކި ވާހަކައިގައި ރާއްޖޭގެ ކުޅުމަށް ތައުރީފުކޮށްފައިވުމުންނެވެ. އުރުބާނީ ބުނީ އިދިކޮޅު ޓީމުން ދެކޭ ގޮތަކީ މުހިއްމު ކަމެއް ކަމަށެވެ.

އޭގެ ފަހުން އުރުބާނީ ބުނީ އިއްޔެ މެޗުގައި ބެލީ ކޮންޓްރޯލް ކޮށްގެން ކުޅެވޭތޯ ކަމަށާއި އެޓޭކިން ރަނގަޅު ރަންތަކެއް މަދުވި ކަމަށެވެ.

"އެންމެ ފުރަތަމަ ވެސް ބެލީ އަހަރެމެންނަށް މެޗު ކޮންޓްރޯލް ކުރެވޭތީ ކިހިނެތްތޯ. އަހަރެމެންނަށް އެނގޭ އިންޑިއާއިން ނުކުތީ ބައެއް ބަދަލުތަކާއެކުގައިކަން. އަހަރެމެންނަށް ނޭނގި އޮތީ އެ ބަދަލުތަކުން އިންޑިއާ ޓީމުން ފެންނާނެ ބަދަލެއް. އެނގިފައި އޮތް އެއްޗަކީ އިންޑިއާއަކީ އެންމެ ޑައިނަމިކް، އެންމެ ވަރުގަދަ އެއް އެޓޭކް އޮތް ޓީމުކަން. ކުރިއަށްދާއިރު ނުރައްްކާ ކުރާނެކަން. އަހަރެމެން އެންމެ ބޮޑަށް ބެލީ ފުރަތަމަ ހާފުގައި ބޯޅަ ނެތިވެސް އަހަރެމެންނަށް މެޗު ކޮންޓްރޯލް ކުރުމަށް. އަހަރެމެންނަށް މަދުވީ އިންޓެންސް އެޓޭކިން ރަންތަކެއް. އެއީ އަހަރެމެން ރަނގަޅުކުރަން ޖެހޭ ކަމެއް،" އުރުބާނީ ބުންޏެވެ.

އުރުބާނީ ބުނީ ހާފުގައި ކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓާލަން ޕްލޭން ކުރި ނަމަވެސް އެކަން ހާސިލުނުވުމުން އުނދަގޫތައް ދިމާވި ކަމަށެވެ. އޭނާ ބުނީ މެޗުގެ ކުރިންވެސް ފާހަގަކުރިހެން ފުރަތަމަ ގޯލަކީ އަބަދުވެސް މެޗެއްގެ އޮއިވަރަށް މުހިއްމު ގޯލެއް ކަމަށާއި އިއްޔެ މެޗަށް ނުކުތް އިރު ތިން ގޯލްގެ ތަފާތަކުން މޮޅުވާން ޖެހިފައި އޮތް ހާލަތެއްގައި ކޮޅަށް ގޯލެއް ވަނުމުން އެ ކުރި އަސަރު ބޮޑު ކަމަށެވެ.

އިއްޔެ މެޗަށް ނުކުތް އިރު ރަނގަޅަށް އޮތް ހަމައެކަނި ކަމަކީ ސެމީގެ ފުރުސަތެއް އޮތުން ކަމަށް ބުނަމުން އުރުބާނީ ބުނީ މުބާރާތުގެ ކުރިން ކުޅުނު މެޗުތަކުން ވެސް ފާހަގަވި ކަންތައް އިއްޔެ ވެސް ފާހަގަވި ކަމަށެވެ. އެއީ ފަސޭހަ، ހަދަން ނުޖެހޭ ގޯސްތައް ހެދުން ކަމަށްވެސް އުރުބާނީ ބުންޏެވެ.

އިއްޔެގެ ޕްރެސްގައި އުރުބާނީ ބުނީ ޓީމަށް ދަނޑު ބޭރުންވެސް ބައެއް ޕްރެޝަރުތައް ހުންނާނެ ކަމަށާއި އެ ކަންކަމުގެ ތެރެއިން ބައެއް ދުވަސް ދުވަހު އެންމެ ރަނގަޅު ކުޅުން ދެއްކޭނެ ކަމަށެވެ. އަދި އަނެއްބައި ދުވަސް ދުވަހު އެ މަންޒަރު ނުފެނިދާނެ ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. އުރުބާނީ ބުނީ އިއްޔެ މެޗުން އޭނާއަށް ކޮންމެވެސް މިސްރާބެއް ފެނުނު ކަމަށެވެ.

އޭގެ އިތުރުން ދެން އޭނާ ފާހަގަ ކުރީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރަމުން ކޯޗަކަށް ހުރުމަކީ "ޓްރިކީ" ކަމެއް ކަމަށެވެ.

"ކޯޗެއްގެ މަގާމާއި ޓެކްނިކަލް ޑިރެކްޓަރެއްގެ މަގާމުގައި އެއްކޮށް މަސައްކަތް ކުރުމަކީ އަބަދުވެސް ޓްރިކީ ވާނެ ކަމެއް. ސަބަބަކީ އަހަރެންގެ އެއްބަސްވުމުގައި އޮންނަ ގޮތުން އަހަންނަށް ހެޑް ކޯޗުގެ މަސައްކަތް އިވަލުއޭޓް ކުރެވޭނެ. އަހަރެން އެކަން ކުރާނީ މެނޭޖުމަންޓް، ނޫނީ ރައީސާއެކު. މީޑިއާއެކުގައެއް ނޫން،" އުރުބާނީ އެންމެ ފަހު ވާހަކައަކަށް ބުންޏެވެ.

ކުރިމަގާމެދު ވަކި ގޮތެއް ނިންމައިފިންތޯ ސުވާލުކުރުމުން އެ ސުވާލަށް އުރުބާނީ ޖަވާބު ދީފައެއް ނުވެއެވެ. އެހެން ނަމަވެސް ސާފްގެ މެޗުތައް ފެށުމުގެ ކުރިން އޭނާއަށް މީޑީއާއަށް މައުލޫމާތު ދެމުން ބުނީ ކޯޗުކަން އެހެން މީހަކާ ހަވާލު ކުރުމަށް ވިސްނުމެއް ގެންގުޅޭ ކަމަށެވެ. އެއީ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއަށް ހުސްވުމަށެވެ.