މުހައްމަދު ޝަމްއޫން، ޑާކާ - ބަންގްލަދޭޝް

ސާފް ޗެމްޕިއަންޝިޕަކީ ގައުމީ ޓީމު ޖާޒީގައި ލިބޭ ބޮޑު ފުރުސަތެއް ކަމަށާއި، އެ ފުރުސަތުގައި އެންމެ އެކަށީގެންވާ މަސައްކަތެއް ކުރަން މުޅި ޓީމުންވެސް ބޭނުންވާ ކަމަށް އަހުމަދު އައިހަމް (ފަތޯ) ބުނެފިއެވެ.

ރާއްޖޭން ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެއީ ރާއްޖެ ގަޑިން މެންދުރު ފަހު 2:30 ގައެވެ. އެ މެޗާ ގުޅިގެން އައިހަމް ބުނީ މިފަހަރު މުޅިން އަލަށް ސާފަށް ނުކުންނަ 11 ވަރަކަށް ކުޅުންތެރިން އެބަތިބި ކަމަށާއި، އެ ކުޅުންތެރިންނަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"ޕްރެޝަރެއް ނެތް. ދެން އިނގޭނެ މިފަހަރު ސާފުގައި މުޅިން އަލަށް ކުޅޭ 11 ވަރަކަށް ކުޅުންތެރިން އެބަތިބި ޓީމުގައި. އެގޮތަށް ބަލައިފިއްޔާ މިއީ ވަރަށް ރަނގަޅު ފުރުސަތެއް ހުރިހާ ކުޅުންތެރިންނަށްވެސް. އެހެން ވިސްނައިގެން އެ ފުރުސަތުގައި މި ވިސްނަނީ މެޗަކަށްފަހު މެޗަކަށް. މުޅި މުބާރާތް ނަގަން ފުރަތަމަ ނުވިސްނަން. ފުރަތަމަ ހަމަ ޕާކިސްތާނު މެޗަށް މި ވިސްނަނީ،" އައިހަމް ބުންޏެވެ.

އައިހަމްއަކީ 2023 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެއް ނަމަވެސް، އޭނާއަށް އެ މުބާރާތުގައި ކުޅެލަން ފުރުސަތު ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާއަކީ މިވަގުތު ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. އަދި މިދިޔަ ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ކުޅުންތެރިޔާއެވެ.

https://www.instagram.com/p/DfZwuULSpXp/

އައިހަމް ބުނީ އެ މަގާމާއެކު ސާފަށް ނުކުތުމަކީ ވަކި އޭނާ އެކަނި އިތުރު ޕްރެޝަރެއް ނަގަން ޖެހޭ ސަބަބެއް ނޫން ކަމަށާއި، މުޅި ޓީމު އެކުގައި މަސައްކަތް ކުރާނީ ކާމިޔާބީއަށް ކަމަށެވެ.

"އެއީ ވަކި ޕްރެޝަރަކަށް ނުބަލަން. އައިހަމް އެކަންޏެއް ނޫން ކަނނޭގެ މީގެ ޕްރެޝަރު ނަގާނީ. މިއީ ޓީމު ގޭމެއް. މިއީ މުބާރާތެއް، މި ޓީމުގައި އެބަތިބި ޒުވާން ކުޅުންތެރިންނާ ވަރަށް ސީނިއާ ކުޅުންތެރިންވެސް. ދެން ކޯޗު ބުނިހެން އަހަރެމެން ކުޅުންތެރިންނަށް މި މުހިއްމުވާނީ ބޮޑަށް. އަހަރެމެންގެ ގައުމު، އަހަރެމެންގެ ޓީމު. މިއީ އަބަދުވެސް ތިބޭނެ ކުޅުންތެރިން،"

އޭގެ އިތުރުން އައިހަމް ފާހަގަކުރީ މިފަހުން ރާއްޖޭގެ ގައުމީ ޓީމުން ވަރަށް ދިގު ދަތުރުތަކެއް ކޮށް، އެކިއެކި ގައުމުތަކުގައި މެޗުތައް ކުޅެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުން އޭގެ ސަބަބުން ބައެއް ފަހަރު ޗެލެންޖްތައް ހުރި ނަމަވެސް، އެ ލިބޭ މެޗުތަކަކީ ލިބޭ ބޮޑު ފައިދާއެއް ކަމަށެވެ.