މުހައްމަދު ޝަމްއޫން، ޑާކާ - ބަންގްލަދޭޝް
ސަރަހައްދީ އެކި ގައުމުތަކުގެ ލީގުން ލިބިފައިވާ ތަޖުރިބާއަކީ ފައިދާއަކަށް ވާނެ ކަމަށް ސްރީ ލަންކާގެ ކެޕްޓަން ސުޖަން ޕެރޭރާ ބުނެފިއެވެ.
ރާއްޖެއަށް މަގުބޫލު، ސްރީ ލަންކާގެ ކެޕްޓަން އަދި ގޯލްކީޕަރު ސުޖަންއަކީ ސަރަހައްދުގެ އެއްވަނަ ކަމަށް ކުރިން ރާއްޖޭގެ ކޯޗުކަމުގައި ހުރި މުހައްމަދު ޝިޔާޒް (މޯހަން) ވެސް ވަނީ ބުނެފައެވެ. ކްލަބު އީގަލްސްއިން ހޯދި ތަޖުރިބާއިން ސުޖަންގެ ކެރިއަރުގައި ކުރިއަށް ގޮސްފައިވާ އިރު، އޭގެފަހުންވެސް މިދިޔަ އަހަރާ ޖެހެންދެން ސުޖަން ވަނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ. އޭނާ މިހާރު ކުޅެމުން ދަނީ ބަންގްލަދޭޝް ލީގުގެ ފޯޓިސްއަށެވެ.
ސްރީ ލަންކާއިން މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ބޫޓާނާ ދެކޮޅަށް ނުކުންނަ އިރު، ސުޖަންއަކީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ސުޖަން މިވަގުތު ބަންގްލަދޭޝްގައި ކުޅެމުންދާ އިރު، މިގައުމުގައި ސާފް ކުޅެން ޖެހުމަކީ ފައިދާއަކަށް ވާނެތޯ ސުވާލުކުރުމުން އޭނާ ބުނީ އެއީ ފައިދާއަކަށް ވާނެ ކަމަށެވެ.
"އަހަރެމެން މިތިބީ ވަރަށް ރަނގަޅަށް މުބާރާތަށް ތައްޔާރުވެގެން. މިދިޔަ ދުވަސްތަކުގައި ޗެލެންޖިން ކޮލިފިކޭޝަން މެޗުތަކަކާ އެހެން ބައެއް މެޗުތައްވެސް ގައުމީ ޓީމާއެކު ކުޅެވުނު. އެއީ ވަރަށް ރަނގަޅު މެޗުތަކެއް. އަހަރެމެން މިހާރު ބަންގްލަދޭޝްގައި ކުޅުމަކީ ކޮންމެވެސް ވަރެއްގެ ފައިދާއަކަށްވާނެ. އަދި މިހާތަނަށް އެކި ގައުމުތަކުގެ ތަޖުރިބާއަކީ ފައިދާއަކަށްވާނެ،" އުމުރުން 34 އަހަރުގެ ސުޖަން ބުންޏެވެ.
ލަންކާ ގައުމީ ޓީމަށް 68 މެޗު ކުޅެފައިވާ ސުޖަންއާއެކު ލަންކާއިން މިފަހަރު ސާފަށް ނުކުންނަނީ ސްކޮޑަށް އެހެން ގައުމުތަކުގައި އުޅޭ އެގައުމުގެ ކުޅުންތެރިން ކުރިއަށްވުރެ އިތުރުވެސް ކޮށްގެންނެވެ. އެހެން ނަމަވެސް ކޯޗު އަބްދުﷲ އަލް މުތައިރީ ބުނީ ލަންކާއަށް ސާފަކީ ޓާގެޓެއް ނޫން ކަމަށެވެ.
ކޯޗު ފާހަގަކޮށްފައި ވަނީ ލަންކާއިން ކުރާ މަސައްކަތަކީ ފުރަތަމަ ފަހަރަށް އޭޝިއަން ކަޕަށް ކޮލިފައިވާން ކުރާ މަސައްކަތް ކަމަށެވެ. އެގޮތުން އެގައުމު ފުޓުބޯޅައިގެ ޓާގެޓަކީ އޭޝިއަން ކަޕް 2032 އަށް ކޮލިފައިވުމަށް ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
ސްރީ ލަންކާއިން އެންމެފަހުން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅުނީ 1995 ވަނަ އަހަރުއެވެ. އެފަހަރު އަމިއްލަ ގައުމުގައި ތަށި އުފުލައިލިއެވެ.
ބޫޓާނާ ދެކޮޅަށް ލަންކާ ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 7:00 ގައެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް