އަންނަ އަހަރު މާޗު މަހު އޮންނަ ފީފާގެ އިންތިހާބުގައި، އެ އިދާރާގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ޖަޕާން ފުޓުބޯޅަ އިދާރާގެ އޮނޮރަރީ ރައީސް ކޯޒޯ ޓަޝިމާ އިއުލާނުކުރައްވައިފިއެވެ.

އުމުރުން 68 އަހަރުގެ ޓަޝިމާއަކީ ކުރިން ގައުމީ ޓީމު ފޯވަޑެކެވެ. އޭނާ އަކީ 2015 ވަނަ އަހަރުން ފެށިގެންވެސް ފީފާ ކައުންސިލްގައި އޭޝިއާ ތަމްސީލުކުރައްވާ މެމްބަރެކެވެ. އޭގެ އިތުރުން ޓަޝިމާއަކީ 2016 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ޖަޕާން އެފްއޭގެ އެންމެ މަތީ މަގާމު ފުރުއްވާފައިވާ ފަރާތެކެވެ. އޭގެ ކުރިން އޭނާ ވަނީ ޖަޕާން އެފްއޭގެ ނައިބު ރައީސް ކަންވެސް ކުރައްވައިފައެވެ.

ޓަޝިމާ ފުޓުބޯޅައަށް ކުރަމުންދާ ހިދުމަތާއެކު އޭނާއަށް ޖަޕާން އެފްއޭއިން ވަނީ ހޮނޮރަރީ ރައީސްކަން އަރުވައިފައެވެ.

ޖަޕާން އެފްއޭއިން ބޭއްވި ބޯޑު ބައްދަލުވުމަކަށްފަހު ޓަޝިމާ ވިދާޅުވީ ޖަޕާން އެފްއޭގެ ފުރިހަމަ ތާއީދާއެކު ފީފާ ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާނުކުރެވުން ވެގެން ދިޔައީ ޝަރަފަކަށް ކަމަށެވެ. ޓަޝިމާ ވިދާޅުވީ ބަލިވިޔަސް މޮޅުވިޔަސް އޭނާ ގެންނަން ބޭނުން ވަނީ ޖަޕާން ފުޓުބޯޅައިން ފެނިގެންދާ ތެދުވެރި، ކުރިއަށް ދާން ވިސްނާ ވިސްނުން ކަމަށެވެ.

ޓަޝިމާ ވިދާޅުވީ ފީފާ އަލުން ތެދުވެރި، ދެފުށް ފެންނަ އިދާރާއަކަށް ހަދަން ޖެހޭ ކަމަށެވެ.

ޓަޝިމާ ރަސްމީކޮށް ވާދަކުރަން އަދި ފަސް ގައުމެއްގެ ތާއީދު ބޭނުންވެއެވެ. ދާދިފަހުން އޭއެފްސީން މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއިދުކުރެއްވި ނަމަވެސް، އާސިއާން ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކުން ޓަޝިމާއަށް ތާއީދުކުރާނެ ކަމަށް ބެލެވެއެވެ.

ފީފާ ރައީސަކަށް ވާދަކުރައްވަން ސްވިޒަލޭންޑްގެ ރަމޯން ވޭގާވެސް ވަނީ މީގެ ކުރިން އިއުލާނުކުރައްވައިފައެވެ.