ސާފް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރަމުންދާ އިންޑިއާގެ ބައެއް މުހިއްމު ކުޅުންތެރިން، އެގައުމުގެ ސީނިއާ ޓީމުން ނިއު ޒީލެންޑާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުގައި ހިމެނުމުގެ އިތުރުން، އަނެއްބައި ކުޅުންތެރިން ކްލަބުތަކުން އަނބުރާ ގެންދިޔުމާއި އަނިޔާގެ މައްސަލަތަކާ ހެދި އިންޑިއާގެ ސްކޮޑަށް އިތުރު ހީނަރުކަމެއް އައިސްފިއެވެ.

މިދިޔަ ދެ އަހަރު ސާފްގެ ތަށި ހޯދައި، ޖުމުލަ ނުވަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިންޑިއާއިން މިފަހަރު ސާފަށް އައީވެސް އެގައުމުގެ ދެވަނަ ދަރަޖައިގެ ސްކޮޑަކާއެކުގައެވެ. ކޯޗު ނައުޝާދު މޫސާއާއެކު އިންޑިއާއިން ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ޕާކިސްތާން ކައިރިން 3-2 އިން މޮޅުވެފައެވެ. އެމެޗަށްވެސް އިންޑިއާ ނުކުތީ ސްކޮޑުގައި އެންމެ 18 ކުޅުންތެރިން ހިމަނައިގެންނެވެ. އެއީ ބައެއް ކުޅުންތެރިންނަށް ކްލަބުން ރިލީސް ނުލިބޭތީ އަދި ޓީމާ ނުގުޅެވިގެންނެވެ. އިންޑިއާ ކޯޗު ޕާކިސްތާން މެޗަށްފަހު ބުނީ އެ ކުޅުންތެރިން އިންޓަނޭޝަނަލް ބްރޭކް ނިމުމުން ޓީމާ ގުޅޭނެ ކަމަށާއި، ރާއްޖެއާ ދެކޮޅަށް 11 ވަނަ ދުވަހު ކުޅޭ ގްރޫޕް ސްޓޭޖު ފަހު މެޗަށް އެ ހިތްހަމަ ޖެހުން އޮތް ކަމަށެވެ.

އެހެން ނަމަވެސް މިހާރު އިންޑިއާއަށް ވަނީ އެ ހާލަތު މުޅިން ބަދަލުވެފައެވެ. އިންޑިއާއިން މިމަހު 12 އާއި 15 ވަނަ ދުވަހު ނިއު ޒީލެންޑާ ދެކޮޅަށް އެގައުމުގައި ކުޅޭ ދެމެޗަށް ނެގި ސްކޮޑުގައި ސާފް ޗެމްޕިއަންޝިޕްގައި ކުޅެމުންދިޔަ ތިން ކުޅުންތެރިއަކު ވަނީ ހިމަނައިފައެވެ. އެއީ، ޕާކިސްތާނާ ދެކޮޅަށް އިންޑިއާގެ ކެޕްޓަންކަން ކުރި ބިޖޯއި ވަރްގީސްއާއި އެމެޗުގައި މޮޅަށް ކުޅެ، ދެގޯލު ޖެހި މުހައްމަދު ސުހައިލް ބަޓް އަދި ފަހުން ސާފް ސްކޮޑާ ގުޅެން ނިންމާފައި އޮތް ސީނިއާ ކުޅުންތެރިއެއް ކަމަށްވާ ލިސްޓަން ކޮލާސޯއެވެ. އޭގެ އިތުރުން ސާފް ސްކޮޑުގައި ހިމެނާފައިވާ ޓޮމްބާ ސިންހަށްވެސް ސާފްގައި ނުކުޅެވޭނެކަން މިހާރު ޔަގީންވެފައިވާ ކަމަށް މީޑިއާތައް ބުނެއެވެ.

އޭގެ އިތުރުން އިންޑިއާއަށް ދެން ދިމާވި އަނެއް ސަބަބަކީ އަނިޔާއާ ހެދި ބެންގަލޫރުގެ ސުރޭޝް ސިންހާއި ރޮނީ ކަރްބުޑޯންއަށްވެސް ސާފްގައި ނުކުޅެވޭނެކަން ޔަގީންވުމެވެ. އަދި މުމްބައި ސިޓީއަށް ކުޅޭ ފާރޫކް ޗޯދުރީއާއި ނައުފަލް ޕީއެން އަދި ވަލްޕުއިއާ ސާފްގައި ކުޅެމުން ދަނިކޮށް، އަލުން އަނބުރާ ކްލަބަށް ގެންދަން ވަނީ ނިންމައިފައެވެ. އިންޑިއާގެ ނޫސްތަކުން ބުނީ އެއީ މާކުރިންވެސް އޯލް އިންޑިއާ ފުޓްބޯލް ފެޑަރޭޝަން (އޭއައިއެފްއެފް) އާއި އެ ކްލަބާ ދެމެދު އެއްބަސްވެފައިވާ ގޮތެއް ކަމަށެވެ. އެހެން ނަމަވެސް ކޯޗު ނައުޝާދު ޕްރެސްގައި އެކަން މީގެ ކުރިން ފާހަގަކޮށްފައެއް ނުވެއެވެ.

އިންޑިއާއިން އެއް މޮޅު ހޯދާފައި އޮވެ ރާއްޖެއާ ދެކޮޅަށް ނުކުންނަން ތައްޔާރުވެފައިވާ އިރު، އެމެޗުގެ ސްކޮޑުގައި މަދު ކުޅުންތެރިންތަކެއް ހިމެނުމުގެ ފުރުސަތު މިހާރު އެބައޮތެވެ.