ސާފް ޗެމްޕިއަންޝިޕަށްފަހު ކޯޗުކަމުގެ މަސައްކަތް ދޫކޮށް، ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއަށް ބޮޑަށް ފޯކަސް ކުރަން ވިސްނާކަމުގެ އިޝާރާތެއް ރާއްޖޭ ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ މިއަދު ދީފިއެވެ.
އުމުރުން 58 އަހަރުގެ އުރުބާނީ މިފަހަރު ގައުމީ ޓީމާ ހަވާލުވީ މިދިޔަ ޖެނުއަރީ މަސް ތެރޭގައެވެ. އެއީ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާއާވެސް އެކުގައެވެ. އުރުބާނީއަކީ ދިވެހި ފުޓުބޯޅައަށް ފަރިތަ، ކުރިން ގައުމީ ޓީމަށް ދެފަހަރަށް ކޯޗުކަން ކޮށްދީފައިވާ ކޯޗެކެވެ. އޭނާއާއެކު ގައުމީ ޓީމުން ކުޅުމަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ އިރު، އެންމެ ފުރަތަމަ އުރުބާނީ ރާއްޖެއަށް ކޯޗުކަން ކޮށްދިނީ 2009 ވަނަ އަހަރުއެވެ. އެފަހަރު އަހަރެއް ދުވަހު އޭނާ ކޯޗަކަށް ހުއްޓެވެ. އޭގެފަހުން އަނެއްކާވެސް 2011 ވަނަ އަހަރު 2013 ވަނަ އަހަރަށް ރާއްޖޭގެ ކޯޗުކަން އުރުބާނީ ކޮށްފައިވާ އިރު، އޭނާ ވަނީ ޒުވާން ޓީމާއެކުވެސް މަސައްކަތްތަކެއް ކޮށްފައެވެ.
މިފަހުން ގައުމީ ޓީމާ ހަވާލުވިފަހުން އުރުބާނީއަށް ވަނީ އެކިއެކި ޗެލެންޖްތަކާ ދިމާވެފައެވެ. އޭނާއެކު މިހާތަނަށް ގައުމީ ޓީމަށް މޮޅެއް ހޯދުނީ ޓިމޯ ލެސްޓޭ ކައިރިން އެކަންޏެވެ. ދެން ކުޅުނު ވަރުގަދަ މެޗުތަކުގައި ނަތީޖާ ނެރެވޭ ގޮތެއް ނުވެއެވެ. މިފަހަރު ސާފް ޗެމްޕިއަންޝިޕަކީ އުރުބާނީއަށް ރާއްޖޭގެ ގައުމީ ޓީމާއެކު ހަތަރު ވަނަ ސާފް ޗެމްޕިއަންޝިޕެވެ. މިއަދު ބަންގްލަދޭޝްގެ ބަޝަންދަރާ ކިންގްސް އެރީނާގައި މީޑިއާތަކާ ވާހަކަ ދައްކަމުން އުރުބާނީ ބުނީ މިއީ އޭނާގެ ފަހު ސާފަށް ވުން ގާތް ކަމަށެވެ.
"މިއީ އަހަރެންގެ ހަތަރު ވަނަ ސާފް. މިއީ އަހަރެންގެ ފަހު ސާފަށްވެސް ވުން ގާތް،" އުރުބާނީ ބުންޏެވެ.
އެއީ ކޮން ވިސްނުމެއްގައި ބުނި ވާހަކައެއްތޯ ނޫސްވެރިން އިތުރަށް ސުވާލުކުރުމުން އުރުބާނީ ބުނީ ކުރިއަށް އޮތްތަނުގައި "ކޯޗިންނަށް މާބޮޑަށް ނުވިސްނާ،" ކަމަށެވެ.
"އަހަރެން މިހާރު ނުވިސްނަން މާބޮޑަށް ކޯޗިންއަކަށް. އަހަންނަށް އެބަހުރި ބައިވަރު އެހެން ކަންކަން. ކޯޗިންގައި އުޅޭ މީހުންނަށް އެނގޭނެ، ކޯޗިންގައި އުޅޭއިރު އަބަދު ސިކުނޑީގައި ހުންނާނީ އެ ޓީމެއްގެ ކަންކަން. އަބަދުވެސް މުބާރާތްތަކަށް ވިސްނޭނީ. އެކަމަށް ގޮތެއް ނިިންމަން އެކަމަކު އަވަސް. އަހަންނަށް އެބަހުރި ރާއްޖޭގެ ފުޓުބޯޅައިގައި ވިސްނަން ޖެހޭ، ރަނގަޅު ކުރަން ޖެހޭ އެހެން ކަންކަންވެސް،" އުރުބާނީ ބުންޏެވެ.
އުރުބާނީ ފާހަގަކުރީ މިހާރުގެ އެސިސްޓެންޓް ކޯޗު ސޮބާހް މުހައްމަދު ފަދަ ކޯޗުން ޓީމު ތެރެއަށް ނެރެގެން މަސައްކަތް ކުރަނީވެސް އޭނާ އެކަމުގައި އަބަދު އުޅެން ބޭނުން ނުވާތީ ކަމަށެވެ. އެހެން ނަމަވެސް، އޭނާ ބުނީ ކޯޗުކަމުގައި ނޫނަސް ރާއްޖެއާއެކު ހެދިފައިވާ އެއްބަސްވުމުގައި އޮތް މަސައްކަތް ނުނިމެނީސް ނުދާނެ ކަމަށެވެ. އުރުބާނީ ބުނީ ކޮންޓްރެކްޓަކީ ޓެންނިކަލް ޑިރެކްޓަރުގެ އެއްބަސްވުމަކަށްވީ އިރު، އޭނާއަށް އާ ކޯޗެއް ގައުމީ ޓީމަށް ހޯދަންވެސް ޖާގަ އެބައޮތް ކަމަށެވެ. އަދި ހޯދުމަށްފަހު އެ ކޯޗެއް ގެންނަން އެފްއޭއެމްއަށް ލަފާ ދެވެންވެސް އެބައޮތް ކަމަށް އުރުބާނީ ފާހަގަކުރިއެވެ. އުރުބާނީ ބުނީ އެވާހަކަ ފާހަގަކުރި ނަމަވެސް މިދައްކަނީ ރާއްޖެ ދޫކޮށްލާ ވާހަކަ ނޫން ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް