މުހައްމަދު ޝަމްއޫން، ޑާކާ - ބަންގްލަދޭޝް

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީއަކީ ގައުމީ ޓީމަށް އާ ކޯޗެއް ނޫނެވެ. މިފަހުން އޭނާ ގައުމީ ޓީމާ ހަވާލުވެ ބުނި ފުރަތަމަ ވާހަކައަކީ އޭރުގެ އޮތް ހާލަތާ މިހާރު އޮތް ހާލަތާ ތަފާތު އެނގޭ ކަމަށެވެ. އޭރު ރާއްޖެއަކީ ސަރަހައްދީ އެންމެ ވަރުގަދަ ޓީމު ނަމަވެސް، މިދިޔަ އަހަރުތަކަށް ބަލައި، ރާއްޖެއަކީ މިހާރު ސާފް ޗެމްޕިއަންޝިޕްގެ ފެވަރިޓެއް ނޫނެވެ. ރާއްޖޭގައި މިހާރު އޮތީ ފުޓުބޯޅަ ބަދަލުވަމުންދާ މަރުހަލާއެއްކަން އުރުބާނީ ތަކުރާރުކޮށް ފާހަގަކުރިއެވެ.

އުރުބާނީ ރާއްޖެއާއެކު 2009، 2011 ގެ އިތުރުން 2013 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަށް ނުކުމެފައިވާ އިރު، އޭގެ ތެރެއިން 2009 ވަނަ އަހަރު ބަންގްލަދޭޝްގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އިންޑިއާ ކައިރިން ފައިނަލުގައި ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އުރުބާނީއަށް ރާއްޖެއާއެކު ސާފް ޗެމްޕިއަންޝިޕް ހޯދިފައި ނުވާ އިރު، މިއަދު ބަންގްލަދޭޝްގައި ރާއްޖޭގެ މީޑިއާތަކާ ވާހަކަ ދައްކަމުން ބުނީ ހަނދާންތައް ހުރި ނަމަވެސް މިއީ ތަފާތު ތަޖުރިބާއެއް ކަމަށެވެ.

"މިއީ އަހަރެންގެ ހަތަރުވަނަ ސާފް ޗެމްޕިއަންޝިޕް. އަހަރެން ބުނަން ބޭނުން ވަނީ ކުރިއަށްވުރެ އަހަރެން ތަޖުރިބާކާރުވާނޭ މިހާރު. މީގެ ކުރިން އަހަރެން އަހަރެން ރާއްޖެއާއެކު ނުކުތް ތިން މުބާރާތަށްވެސް ނުކުތީ ފެވަރިޓުންގެ ތެރޭގައި ހިމެނިގެން. މިފަހަރު މިއައީ މުޅިން އެހެން ހާލަތެއްގައި، އެހެން ގޮތަކަށް ތައްޔާރުވެ، އެހެން ޖެނަރޭޝަނެއް ގޮވައިގެން. އެހެންވީމަ އެ ތަފާތު އެބައޮތް. އެ ހަނދާންތައް އެބަހުރި. މިއީ އާ ސަފުހާއެއް. މިއީ ރާއްޖޭ ފުޓުބޯޅައިގެ ބަދަލުވާ ހާލަތެއް،" އުރުބާނީ ބުންޏެވެ.

އުރުބާނީ ވަނީ އޭނާ ކުރިން މަސައްކަތްކުރި ސާފް ޗެމްޕިއަންޝިޕްގެ ހަނދާންތައް ހުރިކަންވެސް ފާހަގަކޮށްފައެވެ. އެގޮތުން 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އިންޑިއާ ކައިރިން ޕެނަލްޓީގައި ފައިނަލް މެޗުން ބަލިވި ހަނދާނާއި އޭގެފަހުން 2011 ވަނަ އަހަރު އޭނާ ކޯޗުކަން ކޮށްދިން ރާއްޖެ ޓީމުން ސްރި ލަންކާ ކޮޅަށް 10 ގޯލް ޖެހި ހަނދާންވެސް ފާހަގަކުރިއެވެ. އުރުބާނީ ބުނީ އެއީ އުފާވެރި ހަނދާންތަކެއް ކަމަށާއި، މިހާރު އޮތީ ހާއްސަ އާ ގްރޫޕެއްގެ ކުޅުންތެރިން ކަމަށެވެ.

އުރުބާނީ ބުނީ މިއީ ކޯޗެއްގެ ގޮތުގައި މިއީ އެންމެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެ ކަމަށާއި، ރާއްޖޭގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ރޯލުގައި އޭނާ ހުރެ ކުރަން ބައެއް އެހެން މަސައްކަތްތައްވެސް އެބަހުރި ކަމަށެވެ. އަދި އެއީ ފައިނަލް ނިންމުމެއް ނޫން ކަމަށާއި، ރާއްޖޭގެ ކޯޗުކަމާ އެހެން ކޯޗަކު ހަވާލުވުންވެސް އެއީ އޭނާއަށް ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ކުރެވިދާނެ ކަމެއް ކަމަށެވެ.

19 ސެޕްޓެމްބަރ 2026، މާލެ، އިންޓަނޭޝަނަލް ބްރޭކަށް ތައްޔާރުވާން ގައުމީ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތެރެއިން ކޯޗު އުރުބާނީ --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އުރުބާނީ ބުނީ ގްރޫޕްގައި އޮތް އަނެއް ދެޓީމުގެ މެޗުތައް ކުޅެ، އެ ޓީމުތަކަށް އިތުރު ކުޅުންތެރިން އަދި އަންނަން އޮތް ނަމަވެސް އެއީ ވިސްނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ދެޓީމުގެ މެޗު ފެނުން އެއީ ސީދާ ފައިދާއަކަށް ނުވި ނަމަވެސް، އެއީ ބައެއް ކުދި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށްވެސް އުރުބާނީ ފާހަގަކުރިއެވެ.

"އަހަރެމެންނަށް ޗެލެންޖިން ވާނެ މުބާރާތް. އަހަރެމެން މިފަހުން ވަރަށް ގިނައިން ދަތުރުކޮށް، ވަރަށް ގިނަ ވާދަވެރި މެޗުތަކެއްވެސް ކުޅެފިން. ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗަށް ބަލާއިރު އިންޑިއާއިން ކުޅުނު ވަރަށް ރަނގަޅު މެޗެއް. މެޗުގައި އިތުރު ގޯލްތައް ޖަހާލަންވެސް އިންޑިއާއަށް ފުރުސަތު ލިބުނު. ފަސް ހަ ގޯލްވެސް ޖަހަން ފުރުސަތު ލިބި، އެހެންވިޔަސް ޕާކިސްތާނުން ދެ ގޯލް ޖަހައިގެން މެޗު ނިމުނީ. ކިހިނެތް އެނގެނީ ޕާކިސްތާން ޕެނެލްޓީ ޖެހިނަމަ ވާނެގޮތެއް. އެހެންވީމަ މެޗުތަކުން ނަތީޖާ މި ނެރެވެނީ ކުދިކުދިން ކަންކަން ކޮށްގެން. އެހެންވީމަ މި މުބާރާތުގައި މި އޮތް ހިސާބެއް ބުނަން އުނދަގޫ. އަހަރެމެން އުންމީދުކުރަނީ އެންމެ ރަނގަޅަށް މަސައްކަތް ކުރަން،" ހަންގޭރީގެ ކޯޗު އުރުބާނީ ބުންޏެވެ.