ބަންގްލަދޭޝްގެ ޑާކާގައި މިއަދު ފެށި ސާފް ޗެމްޕިއަންޝިޕް 2026 ގެ ފުރަތަމަ މެޗުގައި އިންޑިއާއިން ޕާކިސްތާން ބަލިކޮށްފައިވާ އިރު، އެމެޗުގައި އިންޑިއާއިން ތިން ގޯލް ޖަހާފައިވަނިކޮށް، ޕާކިސްތާނުން ވަނީ ފަހަވަގުތު ދެ ގޯލް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އެ ދެ ގޯލާއެކު އިންޑިއާއިން ތަފާތު މޮޅެއް ހޯދަން ކުރި މަސައްކަތްވީ ނާކާމިޔާބެވެ.

އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން މިހާތަނަށް ނުވަ ފަހަރަށް ތަށި ހޯދާފައިވާ އިރު، އެންމެފަހުން ދެ މުބާރާތުގެ ޗެމްޕިއަނުންނަކީވެސް އިންޑިއާއެވެ. ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި މުބާރާތާއި 2023 ވަނަ އަހަރު އިންޑިއާގައި ބޭއްވި މުބާރާތްވެސް އިންޑިއާ ކާމިޔާބު ކޮށްފައިވާ އިރު، މިފަހަރު މުބާރާތަށް ނުކުންނަން ޖެހުނީވެސް ބައެއް ސީނިއާ ކުޅުންތެރިން ޓީމުގައި ނުހިމަނައެވެ.

ސާފްގެ ފެށުން ދިމާވަނީ ފީފާ އިންޓަނޭޝަނަލް ބްރޭކްގެ ކުރިއަށް ކަމަށްވުމާއެކު ކްލަބުތަކުން ކުޅުންތެރިންނަށް ރިލީސް ނުދޭތީ އިންޑިއާއަށް ވަނީ ސާފަށް ޓީމު އެކުލަވާލުމުގައި އުނދަގޫތަކާ ދިމާވެފައެވެ. މިއަދުގެ މެޗު ސްކޮޑުގައިވެސް ހިމެނުނީ އެންމެ 18 ކުޅުންތެރިންނެވެ. އޭގެ އިތުރުން އިންޑިއާގެ ސީނިއާ ގައުމީ ޓީމުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ނިއު ޒީލެންޑާ ދެކޮޅަށް އެގައުމުގެ ދެމެޗު ކުޅެން އޮތުމާއެކު މި މުބާރާތަށް ނުކުތީ ދެވަނަ ފަންތީގެ ޓީމެކެވެ.

މެޗަށްފަހު ކޯޗު ނައުޝާދު މޫސާ ފާހަގަކުރީ ނަތީޖާއަކީ މޮޅެއް ނަމަވެސް ދެ ގޯލް ވަދެފައިވުމުން މާޔޫސްވި ކަމަށެވެ.

"އަހަރެމެން އަތުން ގެއްލިގެން ދިޔަ ބައިވަރު ފުރުސަތެއް. އިތުރު ގޯލްތަކެއް ޖަހަން ލިބުނު ފުރުސަތުތައް ގެއްލުނު. ދެ ގޯލް ވަދެގެން ނޫން އަސްލު މާޔޫސްވަނީ، އެ ދެ ގޯލް ވަން ގޮތުން މާޔޫސްވީ. އެއީ ފަހުވަގުތު ކޮންސަންޓްރޭޝަން ގެއްލިގެން ދިޔައީ. އެކަހަލަ ގޮތަކަށް މެޗު ދިޔައިމަ އަހަންނަށް އެބަހުރި މާޔޫސްވާ ކަންތައްތަކެއް. އެކަމަކުވެސް މި މޮޅަކީ އުނދަގޫވާނެ މެޗަކުން ހޯދި މޮޅެއް. އެހެންވީމަ އެ ހިތްހަމަޖެހުން އެބައޮތް،" ނައުޝާދު ބުންޏެވެ.

އިންޑިއާއަށް ދެން ވާދަކުރަން އޮތީ ރާއްޖެއާ ދެކޮޅަށެވެ. އެމެޗަށް ސްކޮޑުގައި ހިމެނޭ ބައެއް އިތުރު ކުޅުންތެރިން ޓީމާ ގުޅޭނެއެވެ. އެކަމަކީ ހިތްހަމަޖެހުމެއް ކަމަށް ކޯޗު ނައުޝާދު ބުންޏެވެ.

"އިތުރު ކުޅުންތެރިން ރާއްޖެ މެޗަށް ޓީމާ ގުޅޭނެ. އެއީ ލިބޭ ހިތްހަމަ ޖެހުމެއް. އެކަމަކު މިހާރު ވިސްނަން ޖެހޭނެ، ރާއްޖެއަށް އަހަރެމެންގެ ކުޅުން ފެނިއްޖެ. އެހިސާބުން ރާއްޖޭންވެސް ރާވާނެ އިތުރު ގޮތްތައް. އަހަރެމެންނާ ދެކޮޅަށް ނުކުންނަން ޕްލޭން ހަދާނެ. އަދި އަހަރެމެންގެ މި ހުރި ބަލި ކަންތައްތަކަށް ބަލައިގެން އެމެޗަށް ނުކުންނަން މިހާރު ރާއްޖެއިން ވިސްނާނެ،" ނައުޝާދު ބުންޏެވެ.