ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ހޯސްޓް ބަންގްލަދޭޝްއިން ކުޅުނު ފުރަތަމަ މެޗުގައި ހަނިގޮތަކަށް ބޫޓާން ބަލިކޮށްފިއެވެ.
ޑާކާ ނޭޝަނަލް ސްޓޭޑިއަމްގައި ބަންގްލަދޭޝްއިން 1-0 އިން ބޫޓާން ބަލިކޮށް މުބާރާތް ފެށި އިރު، އެޓީމުގެ ހަމައެކަނި ގޯލް ފެނުނީ ދެވަނަ ހާފުގައެވެ.
މިފަހަރު މުބާރާތުގެ އެންމެ ގިނަ ބައެއްގެ ފެވަރިޓުންނަކީ ބަންގްލަދޭޝްއެވެ. 2003 ވަނަ އަހަރު ފަހުން އެޓީމުން މުޅިން އަލަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންދާ އިރު، މިފަހަރު އަމިއްލަ ގައުމުގައި ސާފް ކުޅެނީ އަށް އަހަރަށްފަހުއެވެ. އެންމެފަހުން ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. އެފަހަރު މުބާރާތް ކާމިޔާބުކުރީ ރާއްޖެއިންނެވެ.
ބަންގްލަދޭޝްއިން ބައެއް އެހެން ގައުމުތަކަށް އުފަން އެގައުމުގެ ކުޅުންތެރިންވެސް ގެނެސް، މިފަހަރު ސާފަށް ތައްޔާރުވީ ތަށްޓަށް ބޮޑު އުންމީދެއްގައެވެ. އެހެން ނަމަވެސް ފީފާ އިންޓަނޭޝަނަލް ބްރޭކް ނުފެށޭތީ ޝެފީލްޑް ޔުނައިޓެޑްގެ ހަމްޒާ ޗޯދުރީއާއި، ފުލަމްގެ ލޯނެއްގައި އިނގިރޭސި ފަސްވަނަ ޑިވިޝަން ކަމަށްވާ ނޭޝަނަލް ލީގުގެ ބޯރްހަމްވުޑަށް ކުޅެމުންދާ ފަރްހާން އަލީ ވަހީދްވެސް މިއަދު ފެނިގެން ގޮސްފައެއް ނުވެއެވެ. އޭގެ އިތުރުން ޑިފެންޑަރު ޓޯޕޫ ބާމަންވެސް މެޗުގަައި ފަށާފައެއް ނުވެއެވެ.
ބޫޓާނުން ސަރަހައްދީ ފެންވަރުގައި މަޑުމަޑުން ކުރިއަށް ޖެހެމުންދާ އިރު، މެޗުގެ ފުރަތަމަ ހާފުން އެ މަންޒަރު ފެނިގެންވެސް ދިޔައެވެ. ހާއްސަކޮށް ބޫޓާނުން ޑިފެންސިވްލީ ފެނުނީ ރަނގަޅަށް އޮގަނައިޒްކޮށް ކުޅުނު ތަނެވެ. މަދު ފަހަރެއްގައި ނޫނީ ބަންގްލަދޭޝްއަށް ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ބޮޑަށް ނުރައްކާ ކުރީ ބަންގްލަދޭޝްއެވެ.
މެޗުގެ ހަތްވަނަ މިނެޓުގައި އޭރިއާ ބޭރުން އެމްޑީ ފޮއިސަލް އަހުމަދު ފަހީމް ފޮނުވާލި ހަމަލާ މަތަކުރީ ބޫޓާންގެ ކީޕަރު ޔެލްޓެޝެން ޒަންގްޕޯއެވެ. އޭގެފަހުން އޭރިއާ ތެރެއަށް ހުރަސްވި ދެ ބޯޅައެއްވެސް ބޫޓާން ކީޕަރު ނެގި އިރު، އޭގެ އިރުކޮޅެއްފަހުން ބިޝްވަނަތު ގޯޝްއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ. ބިޝްވަނަތަކީ މީގެ ކުރިން ޑިފެންޑަރެއްގެ ގޮތުގައި ފެނުނު ނަމަވެސް، މިރޭގެ މެޗުގައި އޭނާ ކުޅުނީ ސީދާ ފޯވަޑަކަށެވެ.
ބޫޓާންގެ ޗެންޗޯ ޔެލްޓްޝެންއާއި ބަދަލަކަށް ނުކުތް ކިންޒަންގްގެ ދެ ހަމަލާއެއް ދުރުން ފޮނުވާލި ނަމަވެސް މާބޮޑު ނުރައްކަލެއް ނުފެނެއެވެ. ފުރަތަމަ ހާފު ވެގެންދިޔައީ ބޫޓާނަށް ޕްލޭން ކާމިޔާބުވި ހާފަކަށެވެ. އެހެން ނަމަވެސް ބަންގްލަދޭޝްއަށް އެ ހާފުވީ މާޔޫސްކަމަކަށެވެ.
ދެވަނަ ހާފުގައިވެސް ބޫޓާނުން ހިފަހައްޓަމުން ދިޔަ އިރު، ބަންގްލަދޭޝްއިން ދިޔައީ ހިފަހައްޓައިގެން ޖާގައަކަށް މަސައްކަތް ކުރަމުންނެވެ. އެ ޖާގަ ބޫޓާނުން ނުދިނުމުން އެ މާޔޫސްކަން ކުޅުންތެރިން ފަރާތުންވެސް ފެނިގެން ގޮސްފައިވާ އިރު، ކައުންޓާ އެޓޭކެއްގައި 58 ވަނަ މިނެޓުގައި ބޫޓާންގެ ޗެންޗޯއަށް ފުރުސަތެއް ލިބުނެވެ. އޭނާ ކުރިއަށް ނައްޓާލި ބޯޅައިގައި ބަންގްލަދޭޝް ފަހަތުން ޒަޔާން އަހުމަދު ފަހުވަހުތު ބޯޅަ ހޯދި ނަމަވެސް، އޭނާ ފައުލް ކުރިކަމަށް ބޫޓާނުން ވަނީ ޝަކުވާ ކޮށްފައެވެ.
ބޫޓާން ޑިސިޕްލިން ހިފަހައްޓަމުން ދިޔަ ބަންގްލަދޭޝްއިން ބަދަލުތަކާއެކު މެޗުގެ އޮއެވަރު ބަދަލުކޮށްލިއެވެ. ބަދަލަށް މުހައްމަދު އިބްރާހީމްއާއި ސޮހޭލް ރަނާ ކުޅެން ނެރެފައިވާ އިރު، 68 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ޕްރެޝަރު ކަނޑުވާލި ގޯލް ޖެހީ މުހައްމަދު އިބްރާހީމެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައިގައި ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލްގެ ތެރެއަށެވެ.
އޭގެ އިރުކޮޅެއްފަހުން ޝަމިޓް ޝޯމް ބޮލުން ފޮނުވާލި ހަމަލާގައިވެސް ނުރައްކާކުރި އިރު، ބަންގްލަދޭޝް އޮތީ ކޮންޓްރޯލްގައެވެ.
ފުރިހަމަ ވަގުތާ ހަމައަށް ބަންގްލަދޭޝްއިން ނަތީޖާ ހިފަހައްޓާލާފައިވާ އިރު، އެޓީމަށް ފަރަގު ބޮޑުކުރަން ލިބުނު ފަހު ފުރުސަތުވެސް ކާމިޔާބެއް ނުވިއެވެ. އެއީވެސް މުހައްމަދު އިބްރާހީމަށް ލިބުނު ފުރުސަތެކެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް