ބަންގްލަދޭޝްގެ ޑާކާގައި މިއަދު ފެށި ސާފް ޗެމްޕިއަންޝިޕް 2026 ގެ ފުރަތަމަ މެޗުގައި އިންޑިއާއިން ޕާކިސްތާން ބަލިކޮށްފިއެވެ.

ޑާކާ ނޭޝަނަލް ސްޓޭޑިމްގައި ކުޅުނު މެޗުގައި އިންޑިއާއިން ޕާކިސްތާން ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މި ދެޓީމަކީވެސް ގްރޫޕް ބީގެ ދެޓީމެވެ. ދެން މި ގްރޫޕުގައި ހިމެނެނީ ރާއްޖެއެވެ. މިރޭ މެޗަށް ނުކުތް އިރު، އެންމެފަހުން 2023 ވަނަ އަހަރު ސާފްގައިވެސް އިންޑިއާއާއި ޕާކިސްތާން ވާދަކޮށްފައިވާ އިރު، އެމެޗުވެސް އިންޑިއާއިން ކާމިޔާބުކުރީ 4-0 އިންނެވެ.

އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން މިހާތަނަށް ނުވަ ފަހަރަށް ތަށި ހޯދާފައިވާ އިރު، އެންމެފަހުން ދެ މުބާރާތުގެ ޗެމްޕިއަނުންނަކީވެސް އިންޑިއާއެވެ. ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި މުބާރާތާއި 2023 ވަނަ އަހަރު އިންޑިއާގައި ބޭއްވި މުބާރާތްވެސް އިންޑިއާ ކާމިޔާބު ކޮށްފައިވާ އިރު، މިފަހަރު މުބާރާތަށް ނުކުންނަން ޖެހުނީވެސް ބައެއް ސީނިއާ ކުޅުންތެރިން ޓީމުގައި ނުހިމަނައެވެ.

ސާފްގެ ފެށުން ދިމާވަނީ ފީފާ އިންޓަނޭޝަނަލް ބްރޭކްގެ ކުރިއަށް ކަމަށްވުމާއެކު ކްލަބުތަކުން ކުޅުންތެރިންނަށް ރިލީސް ނުދޭތީ އިންޑިއާއަށް ވަނީ ސާފަށް ޓީމު އެކުލަވާލުމުގައި އުނދަގޫތަކާ ދިމާވެފައެވެ. މިއަދުގެ މެޗު ސްކޮޑުގައިވެސް ހިމެނުނީ އެންމެ 18 ކުޅުންތެރިންނެވެ. އޭގެ އިތުރުން އިންޑިއާގެ ސީނިއާ ގައުމީ ޓީމުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ނިއު ޒީލެންޑާ ދެކޮޅަށް އެގައުމުގެ ދެމެޗު ކުޅެން އޮތުމާއެކު މި މުބާރާތަށް ނުކުތީ ދެވަނަ ފަންތީގެ ޓީމެކެވެ.

އެ ހުރިޙާ ކަމަކަށް މުބާރާތުގެ ކުރިން ވާހަކަ ދެކެވުނު އިރު، މިއަދު އަނެއްކޮޅުން ނުކުތީ ވާދަވެރި ޕާކިސްތާނެވެ. ޕާކިސްތާނަށް މިހާތަނަށް ސާފްގެ ފައިނަލެއްގައިވެސް ކުޅެވިފައި ނުވާ އިރު، އެޓީމު އަންނަނީ ފުޓުބޯޅައިގެ ދަތިތަކުން އަރައިގަންނަމުންނެވެ. ދާދިފަހުން ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ތަށި ހޯދައި، އާސިއާން ކަޕަށް ގޮސްވެސް ޕާކިސްތާނުން ރަނގަޅަށް ކުޅުނެވެ.

އެހެން ނަމަވެސް އިންޓަނޭޝަނަލް ބްރޭކުން ބޭރުގައި ކުޅެން ޖެހުމުން ޕާކިސްތާނަށްވެސް ވަނީ ޔޫރަޕްގައި ކުޅޭ ބައެއް ކުޅުންތެރިންގެ ރިލީސް މިއަދުގެ މެޗަށް ހަމަ ނުޖެހިފައެވެ. އެގޮތުން އަބްދުﷲ އިގްބާލްވެސް ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ.

މެޗު ފެށުމާއެކު ފެނުނީ ޕާކިސްތާނަށް އުނދަގޫވި މަންޒަރެވެ. އިންޑިއާގެ ހަލުވި އެޓޭކިން ކުޅުންތެރިން މެދުކެނޑުމެއްނެތި އަރިމަތިތަކުން ޖާގަ ހޯދިއެވެ. ފަސް ވަރަކަށް މިނެޓް ހިނގިތަނުން ސުހައިލް އަހްމަދު ބަޓް އޭރިއާ ތެރެއިން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، އެފަހަރު އޮތީ އޮފްސައިޑް ކަމަށް ދިދަ ނަގައިފައެވެ. އެހެން ނަމަވެސް އޭނާ ނުރައްކަލަށް ހުއްޓުމެއް ނާދެއެވެ. 11 ވަނަ މިނެޓުގައި ލީޑު ނަގައިދިނެވެ.

އަރިމަތިން ރިކީ ޖޯން ޝަބޮންގް ހުރަސަކޮށްލި ބޯޅަ ސުހައިލް ގޯލް ތެރެއަށް ވައްދާލީ ހުސްކޮށް އޮވެއެވެ. އެ ގޯލަށް މާގިނައިރެއް ނުވެ އަނެއްކާވެސް ސުހައިލް ވަނީ ޕާކިސްތާން ޑިފެންސް ތެރެެއިން ދެމިގަނެފައެވެ. 19 ވަނަ މިނެޓުގައި މެދުތެރެއިން ދުއްވާލި ބޯޅައަށް ވަދެ، އޭނާ ބޯޅަ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ.

އެހިސާބުން އިންޑިއާއިން މެޗު ކޮންޓްރޯލް ކުރަމުން ދިޔައެވެ. ހަމަޖެހިލައިގެން ޕާސްތައް ޖަހަމުން ގޮސްފައިވާ އިރު، 31 ވަނަ މިނެޓުގައި އެޓީމުން އިތުރު ގޯލެއްވެސް ޖެހިއެވެ. ރަނގަޅު ޕާސްތަކަކާއެކު ތަނަވަސްކުރި ފުރުސަތުގައި ގޯލް ޖަހައިދިނީ މަންގްލެން ތަންގް ކިޕްޖެންއެވެ.

ހާފު ނިމެން ދަނިކޮށް، ޕާކިސްތާނުގެ ފޯވަޑް މުހައްމަދު ހައްޔާން ހައްތާކަށް އޭރިއާ ތެރެއިން އިންޑިއާ ޑިފެންޑަރު ކުރި ފައުލަށް ޕެނަލްޓީއެއް ލިބިފައިވެއެވެ. އެ ޕެނަލްޓީގައި މެޗަށް އަނބުރާ ވަނުމަށް ޕާކިސްތާނަށް ފުރުސަތު ލިބުނު ނަމަވެސް، ބަންގްލަދޭޝް ލީގުގައި ކުޅޭ ޝަޔަކް ދޯސްޓް ފޮނުވާލި ޕެނަލްޓީ ދިޔައީ މަތިން ބޭރަށެވެ.

ދެވަނަ ހާފުގައި ޕާކިސްތާނުން ބޮޑަށް ކުރިއަށް ޖެހެން މަސައްކަތް ކުރި ނަމަވެސް، އެޓީމަށް މާރަނގަޅު ޖާގައެއް އިންޑިއާގެ ޑިފެންސުން ދީފައެއް ނުވެއެވެ. އަނެއްކޮޅުން އިންޑިއާއިން ވަނީ ގޯލް ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ހާފުގެ ކުރީކޮޅުގައި ހޯދައިފައެވެ. ސުހައިލްގެ ޕާހެއްގައި ރިކީ ފޮނުވާލި ބޯޅަ ޕާކިސްތާނުގެ ކީޕަރު ޔޫސުފް އީޖާޒް ބަޓް މަތަކުރި އިރު، މަންގްލެން ޗިޕް ކޮށްލި ބޯޅަ ދިޔައީ މަތިން ބޭރަށެވެ.

ފަހުކޮޅުގައި ޕާކިސްތާނުގެ އަލަމްގީރް އަލީ ހާންގެ ދެ ހަމަލާއެއް ނުރައްކާކޮށް ދިޔަ އިރު، އޭގެ ތެރެއިން އެއް ހަމަލާ މަތަކުރީ އިންޑިއާ ކީޕަރު އަޑިސޮން ސިންހެވެ. އަނެއް ހަމަލާ އޭރިއާ ބޭރުން ފޮނުވާލި ނަމަވެސް ދިޔައީ ބޭރަށެވެ.

މެޗު ނިމެން ދަނިކޮށް ޕާކިސްތާނުން ތަފާތު ރޫހެއްގައި ކުޅެން ފެށިއެވެ. 92 ވަނަ މިނެޓުގައި ނަޖީބުﷲ ޖެހި ގޯލުން ހިތްވަރު ހޯދި އިރު، ޕާކިސްތާނުން އޭގެފަހުންވެސް ގޯލަކަށް މަސައްކަތް ކުރިއެވެ. އެކަން ކާމިޔާބުވެސް ކުރިއެވެ. އަލަމްގީރުގެ ހިތްގައިމު ބައިސްކަލް ކިކެއްގައި ޖެހި ދެވަނަ ގޯލުން މެޗު ފޯރިގަދަވި ނަމަވެސް، ދެން އިތުރު ގޯލެއް ނުފެނުނެވެ.

ސާފް ޗެމްޕިއަންޝިޕް 2026 ގައި މިރޭ ކުޅޭ މެޗުގައި ހޯސްޓް ބަންގްލަދޭޝް ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.