އިޓަލީގެ މަދަނީ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ"، ނިޔާވެފައިވާ އެމްއެންޑީއެފްގެ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއަށް ދީފިއެވެ.

އެ ޝަރަފު މަހުދީއަށް އެރުވީ، ރާއްޖެ އާއި އިޓަލީވިލާތާ ދެމެދު އޮތް ހާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި އެ ގައުމުގެ 80 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ހޮޓެލް ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މަހުދީގެ އާއިލާއަށް "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އަރުވައިފައިވަނީ، އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މަހުދީގެ ހަނދާނުގައި އޭނާއަށް މި މެޑަލް އަރުވަނީ އާދަޔާ ހިލާފު މަދަނީ ހިތްވަރުގަދަކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މިއީ އެފަދަ ހިތްވަރުގަދަ އަމަލުތަކުގެ އަގުވަޒަންކޮށް އެ ގައުމުން ދޭ އެންމެ މަތީ ޝަރަފެވެ.

މި ޝަރަފު ދިނުމުގެ އިތުރުން، މަހުދީގެ އާއިލާއަށް އެހީތެރިވުމަށް ފަންޑު ހޯދުމުގެ ހާއްސަ ހަރަކާތެއް ވެސް ވަނީ ފަށައިފައެވެ. އިޓަލީ އެމްބަސީ އާއި މާލޭގައި ހުންނަ އެ ގައުމުގެ އޮނަރަރީ ކޮންސިއުލާ އޭޖެންސީ ގުޅިގެން ފެށި މި ހަރަކާތުގެ ދަށުން، އެކަމަށް ހާއްސަކޮށްފައިވާ ބޭންކު އެކައުންޓަކަށް ފައިސާ ޖަމާކޮށްގެން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

އެމްއެންޑީއެފްގެ ޑައިވަރެއްގެ ގޮތުގައި މަސައްކަތްކުރި ސްޓާފް ސާޖަންޓް މަހުދީ ނިޔާވީ، ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނުމުގެ ތެރޭގައި މަރުވި އިޓަލީގެ ޑައިވަރުންތަކެއްގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިއަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.

ކަނޑުއަޑީގެ ހޮހަޅައަކަށް ފީނުމުގެ ތެރޭގައި އިޓަލީގެ ފަސް ފަތުރުވެރިޔަކު މަރުވިއެވެ. ފަހުން އެމީހުންގެ ހަށިތައް ހޯދައި ނަގާފައިވަނީ ފިންލޭންޑުގެ ތިން ޑައިވަރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަލޭންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓްއެވެ. އެ ތިން ޑައިވަރުންނަށް އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ ވަނީ އެ ގައުމުގެ "އޯޑާ އޮފް މެރިޓް" ގެ ޝަރަފު ދެއްވައިފައެވެ. މިއީ އާންމު ރައްޔިތުންނަށް އިޓަލީން އަރުވާ އެންމެ މަތީ އެވޯޑެވެ.