އިޓަލީ ލީގުގެ އެއްވަނަ ޑިވިޝަން، ސެރެއާ އޭގައި ކުޅޭ އިޓަލީ ކުޅުންތެރިން މަދުވުމަކީ ގައުމީ ޓީމަށް ތަޖުރިބާމަދު ކުޅުންތެރިން ނަގަން މަޖުބޫރުވާ ސަބަބެއް ކަމަށް ކޯޗު ރޮބާޓޯ މަންޗީނީ ބުނެފިއެވެ.
އިޓަލީއަށް ޔޫރޯ ކާމިޔާބުކޮށްދިން މަންޗީނީ އަނެއްކާވެސް ގައުމީ ޓީމާ ހަވާލުވެގެން އަލުން ޓީމެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ އިރު، މިމަހު އިޓަލީން ކުޅުނު ނޭޝަންސް ލީގު މެޗުތަކަށް ފުރާވަރު ގިނަ ކުޅުންތެރިންތަކެއް ނަގާފައިވެއެވެ. އޭގެ ތެރޭގައި ރިކާޑޯ ކަސާނޯއާއި ސިމޯން ލޮންޓާނީވެސް ހިމެނެއެވެ.
"އަހަންނަށް މަޖުބޫރުވީ ފުރާވަރު ގިނަ ކުޅުންތެރިންތަކެއް ނަގަން. އެއީ އިޓަލީ ލީގުގައި ކުޅޭ އިޓަލީ ކުޅުންތެރިން މަދުވުމުން. އިޓަލީ ލީގުގައި ކުޅޭ އިޓަލީ ކުޅުންތެރިންގެ ނިސްބަތް 30 ޕަސެންޓަށް މިހާރު ކުޑަވެއްޖެ. އެއީ ލަދުގަންނަން ޖެހޭ އަދަދެއް،" މަންޗީނީ ބުނެފައިވެއެވެ.
ތާރީހުގައި ހަތަރު ފަހަރަށް އިޓަލީން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އިރު، މިދިޔަ ތިން ވޯލްޑް ކަޕަށްވެސް އިޓަލީ ކޮލިފައިވެފައެއް ނުވެއެވެ. ނޭޝަންސް ލީގުގައި އިޓަލީން ފްރާންސް ބަލިކުރި ނަމަވެސް، ބެލްޖިއަމް ކައިރިން ބަލިވެ އެޓީމު ވަނީ ކުއާޓާ ފައިނަލަށް ނުގޮސް ކަޓައިފައެވެ.
"އަހަންނަށް މިހާރު އޮތް ހާލަތުން ފުރާވަރު ކުޅުންތެރިންވެސް ނަގައިގެން ކުރިއަރަވަން ޖެހިފައި މިއޮތީ. އެ ނޫން އެހެން ޗޮއިސްއެއްވެސް ނެތް،" މަންޗީނީ އިތުރަށް ބުނެފައިވެއެވެ.
މަންޗީނީ ބުނީ ކްލަބުތަކުގެ ޝައުގުވެރިކަން އިޓަލީ ކުޅުންތެރިންނަށް ދަށް ކަމަށާއި، އެއީ މިދިޔަ 20 ވަރަކަށް އަހަރުވެސް އެކަން އޮތް ހާލަތު ކަމަށެވެ. މަންޗީނީ އިތުރަށް ބުނީ އިޓަލީއަށް މިވަގުތު ބައެއް ބަލިތަކާ ކުރިމަތިލާން ޖެހޭ ނަމަވެސް، ހާލަތު ބަދަލުކުރެވޭނީ މިހާރު ރާވާފައިވާ ގޮތަށް ކަންކަން ކޮށްގެން ކަމަށެވެ.
ކޮމެންޓް