މުހައްމަދު ޝަމްއޫން - ބަންގްލަދޭޝް، ޑާކާ

މިފަހަރު ސާފް ޗެމްޕިއަންޝިޕްގެ ފެވަރިޓަކީ ބަންގްލަދޭޝް ކަމަށާއި ހަގީގަތުގައި ބުނަންޏާ ސްރީ ލަންކާއަށް ފުރުސަތެއް ނެތް ކަމަށް ކޯޗު، އަބްދުﷲ އަލް މުތައިރީ ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕް 2026 ގައި ސްރީ ލަންކާއިން ފުރަތަމަ މެޗުގައި ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެއީ މިމަހުގެ އަށްވަނަ ދުވަހުއެވެ. އެ ޓީމުން ހިމެނެނީ ބަންގްލަދޭޝްއާ އެއް ގްރޫޕެއްގައެވެ. ކުރިން ނޭޕާލަށްވެސް ކޯޗުކަން ކޮށްދީ، އެޓީމާ އެކު 2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ދަތުރުކުރި މުތައިރީގެ ވާހަކަ މިފަހަރުވެސް ހުރީ އޭރެކޭ އެއްގޮތަކަށެވެ.

"އަހަރެންގެ ފެވަރިޓަކީ ބަންގްލަދޭޝް. ހޯމް ގްރައުންޑާއި، އެހެން ހުރިހާ ކަމަކަށްވެސް ބަލާއިރު ބަންގްލަދޭޝްއަކީ ފެވަރިޓެއް. އަދި ޓިކެޓް އަގުހެޔޮ ކޮށްފިނަމަ ސަޕޯޓަރުންގެ އެޑްވާންޓޭޖްވެސް އޮންނާނީ ބަންގްލަދޭޝްއަށް. އެއީ އެޓީމުގައި ހަމްޒާ ކަހަލަ ކުޅުންތެރިން އެބަތިބި. އަހަންނަށް އެންމެ މޮޅީ ފަރްހާން. އެއީ ފުރުސަތު ލިބިއްޖެނަމަ، ކުރިއަށް އޮތް 10 ވަރަކަށް އަހަރު އެއީ މި ރީޖަންގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ. އަހަންނަށް ފެވަރިޓަކީ ބަންގްލަދޭޝް، ދެން އިންޑިއާ އަދި ޕާކިސްތާން. އަހަރެމެންނަކަށް ނެތް ފުރުސަތެއް. އަހަރެމެން މިއައީ މުބާރާތް ފުރިހަމަކުރަން،" މުބާރާތުގެ ކުރިން މިއަދު ބޭއްވި ޕްރެސްގައި މުތައިރީ ބުންޏެވެ.

މުތައިރީ ބުނީ އޭނާގެ ޓާގެޓަކީ ސާފް ނޫން ކަމަށާއި މިއީ އޭނާގެ ހުރިހާ ހަކަތަކެއް ދުއްވާލަން ޖެހޭ މުބާރާތެއް ނޫން ކަމަށެވެ. ސްރީ ލަންކާގެ އޮތީ ދުރު ރާސްތާ ޕްލޭނެއް ކަމަށާއި، އެއީ މިއަންނަ ހަތަރު ވަރަކަށް އަހަރު ދުވަހުން ތާރީހުގައި ފުރަތަމަ ފަހަރަށް އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށާއި އެކަމަށް މަސައްކަތް ކުރާ އިރު، މިއީ ސާފަށް ޓާގެޓް ކުރަން ޖެހޭ ވަގުތު ނޫން ކަމަށްވެސް މުތައިރީ ބުންޏެވެ.

އެވާހަކަތަކާއެކު ވެސް މުތައިރީ ބުނީ މީގެ އަހަރެއް ކުރިން ލަންކާއިން ސާފަށް ވިސްނަން ފެށި ކަމަށާއި ގައުމީ ޓީމުގައި އެހެން ގައުމުތަކަށް އުފަން ބައެއް ކުޅުންތެރިން ތިބުމުން ޓީމު ވަރުގަދަ ކަމަށެވެ.

"އަހަރެމެން ސާފަށް ތައްޔާރުވާން ތައްޔާރުވާން ފެށީ މީގެ އަހަރެއް ކުރިން. އަހަރެމެން އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުތަކަށްވެސް ތައްޔާރުވެ، ކުޅެފައި ވަނީ ހަމަ ކުރިއެރުމުގެ ވިސްނުމުގައި. އަހަރެމެންގެ އެބަތިބި ބޭރުގެ ބައެއް ކްލަބުތަކަށް ކުޅޭ، އެގައުމުތަކުގައި ކުޅޭ ކުޅުންތެރިން. އިނގިރޭސި އެކި ޑިވިޝަންތަކާއި ޖަރުމަނު އެކި ޑިވިޝަނުގައި ކުޅޭ ކުޅުންތެރިން. އޭގެ 18 ވަރަކަށް ކުޅުންތެރިން އެބަތިބި،" މުތައިރީ ބުންޏެވެ.

މުތައިރީ ބުނީ ކޮންމެ ގައުމަކަށް އުފަން ނަމަވެސް ބަންގްލަދޭޝްގެ ލޭ ހިނގަންޏާ އޭނާއަށް މައްސަލައެއް ނެތް ކަމަށެވެ.

ބަންގްލަދޭޝްގެ ބައެއް ކުޅުންތެރިންނަށް ތައުރީފް ކުރަމުން މުތައިރީ ބުނީ ފުލްހަމްގެ ލޯނެއްގައި ބޯހަމް ވުޑަށް ކުޅޭ ބަންގްލަދޭޝްގެ ފަރްހާންގެ ޖާޒީ އޭނާ ބޭނުންވާ ކަމަށް ކުޅުންތެރިންގެ ކައިރީވެސް ބުނެފައިވާ ކަމަށެވެ.

މިއަދުގެ ޕްރެސްގައި ކެޕްޓަން ސުޖަން ޕެރޭރާވެސް ބައިވެރިވެފައިވާ އިރު، އޭނާ ފާހަގަކުރީ މުބާރާތަކީ މުހިއްމު މުބާރާތެއް ކަމަށާއި، ސާފަކީ ސަރަހައްދީ ފެންވަރު ވަޒަންކޮށްލަން މުހިއްމު މުބާރާތެއް ކަމަށެވެ.