ސާފް ޗެމްޕިއަންޝިޕްގައި ގްރޫޕް ސްޓޭޖުގެ މެޗުތައް ވެސް ވެގެންދާނީ ފައިނަލް މެޗުތަކެއް ކަހަލަ މެޗުތަކަކަށް ކަމަށް ޕާކިސްތާނުގެ ކޯޗު، ނިއުކާސަލް ޔުނައިޓެޑާއި އެސްޓަން ވިލާއަށްވެސް ގިނަ މެޗުތަކެއް ކުޅެފައިވާ ނޮލްބާޓޯ ސޮލާނޯ ބުނެފިއެވެ.

މިދިޔަ އަހަރުތަކުގައި ތެރޭގައި ސަރަހައްދީ ގައުމުތަކުގެ ތެރެއިން އެންމެ އުނދަގޫ ހާލަތެއްގައި އޮތް އެއް ގައުމަކީ ޕާކިސްތާނެވެ. 2017 އިން 2025 އާ ދޭތެރޭ އެގައުމުން ފީފާގެ ތިން ސަސްޕެންޝަންތަކެއްގެ ތެރޭގައި އުޅެން ޖެހި، 10 ވަރަކަށް އަހަރު ރަސްމީކޮށް ފުޓުބޯޅައިގެ ކުރިމަގު އޮތީ ބަނަ ކަމެއްގައެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ޕާކިސްތާނުން މަޑުމަޑުން ފުޓުބޯޅަ އަލުން ބިނާކުރަމުން އައިސް، މިއަހަރު ޖޫން މަހު ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތް ކާމިޔާބުކުރިއެވެ. އެއީ ސޮލާނޯގެ އިރުޝާދުގެ ދަށުންނެވެ.

ޕާކިސްތާނުން އިސްލާމްއާބާދުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސް، ބަންގްލަދޭޝްއަށް ފުރަން ތައްޔާރުވެފައިވާ އިރު، އިއްޔެ ކޯޗު ސޮލާނޯ ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފައެވެ.

ސޮލާނޯ ބުނީ ގްރޫޕް ސްޓޭޖުގައި ރާއްޖެއާއި އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުތައްވެސް ވާނީ ފައިނަލްތަކަކަށް ކަމަށެވެ.

"އަހަރެމެން ވިސްނާނީ މެޗަކަށްފަހު މެޗަކަށް. އިންޑިއާއާ ދެކޮޅަށް ބުރާސްފަތި ދުވަހު ކުޅޭ ފުރަތަމަ މެޗަކީ ބޮޑު މެޗެއް. އޭގެފަހުން ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީވެސް ބޮޑު މެޗެއް. އަހަރެމެންގެ ފޯކަސްއަކީ އެ ދެމެޗާއެކު ސެމީ ފައިނަލަށް ދިޔުން. އޭގެން ކޮންމެ މެޗަކީވެސް ފައިނަލެއް،" ސޮލާނޯ ބުންޏެވެ.

ޕެރޫއަށް ނިސްބަތްވާ ކޯޗު ސޮލާނޯ ބުނީ އިންޑިއާއާއި ޕާކިސްތާނަކީ ޗިލީއާއި ޕެރޫ ފަދަ ވާދަވެރި ކަމެއް ކަމަށެވެ. އަދި އެ މެޗުން ރައްޔިތުން އުފާކޮށްދޭން ބޭނުންވާ ކަމަށްވެސް ސޮލާނޯ ބުންޏެވެ. އޭނާ އިތުރަށް ބުނީ ޕާކިސްތާނުން މަސައްކަތް ކުރާ ލެވެލްއަށް ޓީމު މަޑުމަޑުން ވަރުގަދަވަމުންދާ ކަމަށާއި، ރާއްޖޭގައި ޑައިމަންޑް ޖުބިލީ މުބާރާތް ކާމިޔާބުކޮށް އިންޑޮނޭޝިއާގައި އާސިއާން ކަޕްގައި ދެއްކި ކުޅުން ރަނގަޅު ކަމަށެވެ.

ޕާކިސްތާނަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ޔޫރަޕްގައި ކުޅޭ ކުޅުންތެރިންނަށް ގްރޫޕް ސްޓޭޖުގައި ނުކުޅެވުމެވެ. އެއީ ފީފާ އިންޓަނޭޝަނަލް ބްރޭކް ބޭރުން އެމެޗުތައް ކުޅެން ޖެހުމުންނެވެ. އިންޓަނޭޝަނަލް ބްރޭކް ރަސްމީކޮށް ފަށަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. އެހެންކަމުން ޔޫރަޕްގައި ކުޅޭ ކުޅުންތެރިން ޓީމާ ގުޅޭނީ ސެމީ ފައިނަލަށް ގޮސްފިނަމަ، އެހިސާބުންނެވެ.

ސޮލާނޯ ބުނީ އެއީ ބަހަނާއެއް ނޫން ކަމަށާއި، މިހާރު އޮތް ޓީމަށްވެސް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށެވެ.