އަންނަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްގެ ޑާކާގައި ފަށަން ތައްޔާރުވެފައިވާ ސާފް ޗެމްޕިއަންޝިޕް 2026 ގެ މެޗު ޓިކެޓް އަގުބޮޑު ކަމަށް ބުނެ، ބަންގްލަދޭޝްގެ ބައެއް ސަޕޯޓަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބަންގްލަދޭޝްގެ ގައުމީ ސްޓޭޑިއަމްގައި ސާފް ޗެމްޕިއަންޝިޕް ފަށަން ތައްޔާރުވަމުންދާ އިރު، މިހާރު ދަނީ ޓިކެޓް ވިއްކަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ޓިކެޓް ވިއްކަން ފަށާފައި ވަނީ މުބާރާތުގެ ފުރަތަމަ ދުވަހު އޮންނަ ދެމެޗަށެވެ. އެއީ ބަންގްލަދޭޝްއާއި ބޫޓާން ކުޅޭ މެޗުގެ އިތުރުން އިންޑިއާއާއި ޕާކިސްތާނު ވާދަކުރާ މެޗަށެވެ.
އެ ދެމެޗަށްވެސް ސާފުން ވިއްކަނީ އެއް ޓިކެޓެކެވެ. ޓިކެޓެއްގެ އެންމެ ދަށް އަގަކީ 1070 ޓަކާއެވެ. އެއީ ގާތްގަނޑަކަށް ނުވަ ވަރަކަށް ޑޮލަރެވެ. އޭގެ އިތުރުން ދެން ހިމެނެނީ ކްލަބު ހައުސްގެ 3999 ޓަކާގެ ޓިކެޓާއި 6999 ޓަކާގެ ވީއައިޕީ ޓިކެޓެކެވެ.
ބަންގްލަދޭޝްއަކީ ފުޓުބޯޅައިގެ ފޯރި ގަދަ ގައުމަކަށްވާ އިރު، މިފަހަރު ހަމައެކަނި އޮންލައިންކޮށް ޓިކެޓް ވިއްކާތީވެސް ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ.
ބަންގްލަދޭޝްގެ ގައުމީ ފުޓުބޯޅަ ދަނޑަކީ ގާތްގަނޑަކަށް 22،085 މީހުންގެ ސްޓޭޑިއަމެކެވެ. އެއީ ކުރިންވެސް 2018 ވަނަ އަހަރު މުބާރާތް އޮތް ބަންގުބަންދު ސްޓޭޑިއަމެވެ. އެ ސްޓޭޑިއަމް މިހާރު ވަނީ މަރާމާތުތަކާއެކު އަލުން ރިބްރޭންޑް ކޮށްފައެވެ.
ބަންގްލަދޭޝްގެ މެޗުތަކަށް ދަނޑު ފުރޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ނަމަވެސް ބައެއް ނޫސްތަކުން ބުނެފައި ވަނީ ސާފުން ބޭނުންވި ވަރަށް ޓިކެޓް ވިކެމުން ނުދާ ކަމަށެވެ. ރޭ ބައެއް ސަޕޯޓަރުންގެ ގްރޫޕްތަކުން ދަނޑު ކައިރީ މުޒާހަރާވެސް ކޮށްފައިވާ އިރު، ބައެއް މީހުން ބުނީ ބަންގްލަދޭޝްގެ މެދު މިންވަރުގެ މުސާރަ ލިބޭ މީހަކަށްވެސް ދުވާލަކަށް ލިބެނީ އެންމެ ބޮޑުވެގެންވެސް 800 އެއްހާ ޓަކާގެ އާއްމުދަނީއެއް ކަމަށާއި، މިހާރު ޓިކެޓް ވިއްކާ އަގަކީ އެއް ދުވަހުގެ މުސާރައަށްވުރެވެސް ބޮޑު އަދަދެއް ކަމަށެވެ.
އޭގެ އިތުރުން ސަޕޯޓަރުން ބުނީ އަމިއްލަ ގައުމުގައި ސަޕޯޓަރުންނަށް ލިބުނު ފުރުސަތު މިހާރު އޮތް ހާލަތުން ގެއްލިގެންދާ ކަމަށެވެ. ފުޓުބޯޅައަކީ މުޅި ގައުމު އެކުވެރި ކުރުވާން ޖެހޭ ކަމެއް ކަމަށްވެސް ގިނަ ސަޕޯޓަރުން ބުނެފައިވެއެވެ. ސަޕޯޓަރުން ޑިމާންޑަކީ 500 ނޫނީ 300 ޓަކާއަށް ޓިކެޓްގެ އަގު ކުޑަކުރުމަށެވެ.
ސާފްގެ ޖެނެރަލް ސެކްރެޓަރީ، ޕްރުޝޮތަމް ކަޓޭލް ވިދާޅުވީ ޓިކެޓް އަގު ބޮޑު ނޫން ކަމަށެވެ. މުބާރާތް ބާއްވަން ކުރަން ޖެހޭ ހަރަދާއި މަސައްކަތްތަކަށް ބަލާއިރު، އެއީ ބޮޑު އަގެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. ބަންގްލަދޭޝް ފުޓުބޯޅަ އިދާރާއިން ބުނެފައި ވަނީ ޓިކެޓް އަގަކީ ބަންގްލަދޭޝްގެ ސަރުކާރާއި ފުޓުބޯޅަ އިދާރާއަށް ބާރު ހިނގާ ކަމެއް ނޫން ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް